ads
އެންއައިސީގެ ރައީސް އަހުމަދު ސުލައިމާން--
އެންއައިސީގެ ރައީސް ސުލައިމާން މީޑިއާއަށް "ގެއްލިއްޖެ"!؟
ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ބަލައި ތަހުޤީޤުކުރުމަށް އުފައްދާފައިވާ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ އަޑެއްބަޑެއް ނީވޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

ހާއްސަކޮށް ފުލުހުންގެ މައްޗަށް އެކިކަންކަމުގައި ބޮޑެތި ތުހުމަތުތައް ކުރެވެމުން އަންނައިރު މިއިން އެއްވެސް ކަމެއްގައި އެންއައިސީގެ ބަހެއް ނީވެއެވެ. 

ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމަށް ހުށަހެޅުނު ބިލާއި އެކު ފުލުހުންގެ ފަރާތުން މީގެ ކުރިން ކުރިމަތިވެފައިވާ އަނިޔާއާއި އެކަންކަމަށް އެއްވެސް ވަރަކަށް އިންސާފު ނުލިބޭ ވާހަކަ ވަނީ އިތުރުވެފައެވެ. އަދި ފުލުހުންގެ މުއައްސަސާގެ ވަކިވަކި ފުލުހުންގެ މައްޗަށް ތުހުމަތު ކުރެވޭ އެކި ބޮޑެތި ކަންކަމުގެ ވާހަކަވެސް އަންނަނީ ދެކެވެމުންނެވެ. 

އެހެން ނަމަވެސް މިއިން އެއްވެސް ކަމެއް ތަހުގީގު ކުރުމަށް އޮތް އެންއައިސީގެ ފަރާތުން ބަހެއް އިވިފައެއް ނުވެއެވެ. ވަކި ވަކި ފުލުހުން ކުރާ ކަންކަން ތަހުގީގުކޮށް ބެލުމަށް އުފެއްދުމަށް ފަހު މުސާރަ ދީފައި ތިބި ފަރާތްތަކެއްގެ އަޑު މިފަދަ ދަނޑިވަޅެއްގައި ނީވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. 

މިކަންކަމުގައި އެންއައިސީގެ އަޑެއް ނީވޭ ސަބަބެއްކަމަށް ވަނީ މިކަމެވެ. އެންއައިސީގައި ވެސް މީޑިއާ މައުލޫމާތު ދިނުމަށް އިންފޮމޭޝަން އޮފިސަރެއް ހުންނައިރު މީޑިއާތަކަށް މައުލޫމާތު ދޭނީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން ކަމަށް އެ ފަރާތުން ވިދާޅުވެއެވެ. އެހެން ނަމަވެސް އެންއައިސީގެ ރައީސް ސުލައިމާނަށް ތަކުރާރުކޮށް ގުޅުމުން ވެސް އަދި މެސެޖް ކުރުމުން ވެސް ފޯނަށް ޖަވާބު ނުދެއްވުމުން މަގާމުގެ މައްސޫލިޔަތު އަދާކުރާ މިންވަރާއި މެދު ސުވާލު އުފެދެއެވެ. 

މީޑިއާއަށް ޖަވާބުދާރީނުވެ މަގާމުގައި ދެމިހުރުމަކީ ޑިމޮކްރެޓިކް ނިޒާމަކަށް ބީރައްޓެހި އަމަލެކެވެ. އެ ފަދަ ބޭފުޅަކު މިނިވަން މުއައްސަސާ ހިންގުމުގެ ޒިންމާ އަދާކުރުމަކީ ނިޒާމަށް އޮތް ނުރައްކަލަކަށް ނޫނީ ނުވާނެ އެވެ. ސުލައިމާން މައުލޫމާތު ދޭން ބޭނުން ނުވާ ނަމަ އެ މުއައްސަސާއިން މައުލޫމާތު ލިބޭނެ އިންތިޒާމެއް ގާއިމްކޮށް ދޭން ޖެހޭނެ އެވެ.

އެންއައިސީގެ މަސައްކަތްތައް ހުރިގޮތުން އެންމެ ފަހުން ހިތްހަމަނުޖެހުން ފާޅުކުރީ ހޯމް މިނިސްޓަރު އިމްރާން އަބްދުއްﷲ އެވެ. މިނިސްޓަރު އިމްރާން ވަނީ އެންއައިސީ އެންމެ ފުރިހަމަ ގޮތުގައި ނުހިނގާކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ. 

އެގޮތުން މިހިނގާ ޖޫން އެއްވަނަ ދުވަހު މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުން ވެސް އަދި ޖަލުތަކުގައިވެސް ނުހައްގުން ކަންކަން ނުހިނގާނެ ގޮތަށް ސިޔާސަތުތައް ރޭވުމަކީ ހޯމް މިނިސްޓްރީން ކުރަމުންދާ މަސައްކަތެއްކަމަށެވެ. ނަމަވެސް ވަކި ވަކި އޮފިސަރުން ޤާނޫނާ ހިލާފަށް ކުރާ ކަންކަމުގައި ފިޔަވަޅު އެޅުމަށް އެންއައިސީ ފުރިހަމަ ގޮތުގައި ހިންގުމަށް އެންއައިސީއާ ބެހޭ ގާނޫނު ލާޒިމްކުރާ ކަމެއްކަން މިނިސްޓަރު އިމްރާން ވަނީ ހަނދާން ކޮށްދެއްވާފައެވެ. 

އެންއައިސީން އެ ކޮމިޝަންގެ މަސައްކަތްތައް އެންމެ ރަނގަޅު ގޮތުގައި ނުކުރާއިރު ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރާ މިވަގުތުގައި މީޑިއާއަށް ގެއްލޭ ކޮމިޝަންތަކެއްގެ ރައީސުން މަގާމުގައި ތިބުމަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވާނެކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް