ads
ބްރެޒިލުން ކޮވިޑް-19ގައި ބައި ލައްކައަށް ވުރެ ގިނަ މީހުން މަރުވެއްޖެ
ބްރެޒިލުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، މަރުވި މީހުންގެ އަދަދު 50،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.

ކޮވިޑް-19 ގެ އަސަރު ދެ ވަނަ އަށް އެންމެ ބޮޑަށް ކުރަމުންދާ ގައުމު ކަމަށްވާ ބްރެޒިލްގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 50،591 އަށް ވަނީ އަރާފަ އެވެ. އަދި އެ ގައުމުގައި ވައިރަހުން ކުރާ އަސަރު އިތުރަށް ދަނީ ގޯސް ވަމުން ނެވެ.

ބަލި ކޮންޓްރޯލް ކުރެވޭނެ ދުވަހެއް ވެސް ނޭނގޭއިރު، އެ ގައުމުގެ ބައެއް ރައްޔިތުން ދަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ގައުމުން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް މުޒާހަރާ ވެސް ކުރަމުންނެވެ. އަދި ރައްޔިތުން ކުރަމުންދާ މުޒާހަރާގައި އެ ގައުމުގެ ރައީސް ޖައިރް ބޮލްސޮނޯރާ ވެސް ބައިވެރިވެވަޑައިގެން އުޅުއްވި މަންޒަރު ފެނިފައިވާކަމަށް މީޑިއާތަކުން ބުނެ އެވެ. 

މި ބަލިމަޑުކަމުގެ ތެރޭގައި ގައުމުގެ ރައީސް އަމަލު ކުރައްވަމުންދާ ގޮތާއި މެދު އެތައް ބައެއްގެ ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފަ އެވެ. އޭގެ އިތުރުން، ބްރެޒިލްގެ ރައީސް ވަނީ ގައިދުރުކަން ބެހެއްޓުމާއި ދެކޮޅު ހަދާއި، އެ ކަމަކީ ވަޒީފާތަކަށް އެކަމުގެ ނުރަނގަޅު އަސަރުކުރާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އެ ގައުމުގައި ވައިރަސް ރަނގަޅަށް ކޮންޓްރޯލް ނުވެގެން އުޅޭއިރު ދެ ވަނަ ހެލްތު މިނިސްޓަރު މަގާމުން އިސްތިއުފާދިން ފަހުން އެ މަގާމަށް އިތުރު ބޭފުޅަކު އައްޔަނު ކުރެވިފަކާއެއް ނުވެ އެވެ.

ރައީސް ކަންތައް ކުރައްވާ ގޮތާއި މެދު ހިތްހަމަނުޖެހިގެން އެގައުމުގެ ހެލްތު މިނިސްޓަރު ވެސް އިސްތިއުފާދީފައިވާއިރު އޭގެ ފަހުން މަގާމަށް އައްޔަން ކުރި މިނިސްޓަރު ވެސް ވަނީ މި ބަލިމަޑުކަމުގައި ގައުމުގެ ރައީސްގެ ސިޔާސަތުތަކާއި މެދު ހިތްހަމަނުޖެހޭތީ މަގާމުން އިސްތިއުފާދެއްވާފަ އެވެ. އޭގެ ފަހުން ހެލްތު މިނިސްޓަރުގެ މަގާމު، އޮތީ ހުހަށެވެ.

ބްރެޒިލްގެ ސިއްހީ ދާއިރާއަށް ލޮޅުމެއް އައިސްފައިވާ މިދަނޑިވަޅުގައި ގައުމުގެ އިގްތިސާދަށް ވެސް ހީވެސް ނުކުރާ ފަދަ ހީނަރުކަމެއް ވަނީ އައިސްފަ އެވެ.

ޔުނިވާސިޓީ އޮފް ވޮޝިންޓަން އިން ވަރަށް ފަހުން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި، މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ބްރެޒިލް އިން މަރުވާ މީހުންގެ އަދަދު 125،000 އަށް އަރާނެ ކަމަށް ބެލެވެ އެވެ. އަދި، ބްރެޒިލްގައި ކޮރޯނާ ވައިރަސް ފެތުރޭ މިންވަރާއި ވައިރަހުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދު ކުރަން ބޭނުންވާ ނަމަ، ދުނިޔޭގެ އެހެން ގައުމު ތަކުގައި އަމަލު ކުރި ގޮތަށް އެ ގައުމުން ވެސް އަމަލު ކުރަން ޖެހޭ ކަމަށް އެ ދިރާސާކުރި ޑޮކްޓަރު ކްރިސްޓޮފާ މުރޭ ވިދާޅުވެ އެވެ. 

ޑަބްލިއުއެޗްއޯ އިން ބްރެޒިލްގެ ހާލަތާއި މެދު ވާހަކަ ދައްކަމުން ބުނީ އެ ގައުމުގެ ހާލަތު އަދިވެސް އޮތީ ކަންބޮޑުވާން ޖެހޭ ހާލަތެއްގައި ކަމަށެވެ. 

ބްރެޒިލްގައި 50،000 އަށް ވުރެ ގިނަ މީހުން ވައިރަހުގެ ސަބަބުން މަރުވެފައިވާއިރު، އެ ގައުމުގައި 1.1 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ޓެސްޓު ކުރުމާއި، ކޮންޓެކްޓް ޓްރޭސިން ފަދަ ކަންކަން ކުރަނީ މަދުންކަމުން، އެ ގައުމުގައި ވައިރަސް ޖެހިފައިވާ މީހުންގެ އަސްލު ޖުމްލަ އަދަދު އެއަށް ވުރެ އިތުރު ވާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް