ads
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ސީއެންއެމް
ފުރުސަތު ލިބިއްޖެނަމަ އަންނަ އިންތިހާބުގައި ވާދަކުރަން ވިސްނާނަން: ވަހީދު
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ފަރާތުން ދިވެހިރާއްޖޭގެ ރައިސުލްޖުމްހޫރިޔާ ކަމަށް ވާދަކުރުމުގެ ފުރުސަތު ދީފިނަމަ، އެކަމާ ވިސްނަވާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމަށް ވަހީދު އައްޔަން ކުރުމަށްޓަކައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެމުން އޭނާ ވިދާޅުވީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އަދި ނުވިސްނާ ކަމަށެވެ. އެހެންނަމަވެސް ޕާޓީން އެދިއްޖެނަމަ އިންތިހާބުގައި ވާދަކުރަން ވިސްނާނެ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ރައީސްކަމަށް ވާދަކުރުމުގެ ފުރުސަތު އެޕާޓީގެ ކޮންމެ ބޭފުޅުކަށްވެސް އޮތް ކަމަށް ވަހީދު ވިދާޅުވެފައިވެ އެވެ. އަދި އެޕާޓީގައި ލީޑާޝިޕެއް އޮތްކަމަށާއި އެލީޑާޝިޕުގައި ތިއްބެވީ ވަރަށް ޒުވާން، ގާބިލް ބޭފުޅުން ކަމަށް އޭނާ ފާހަގަކުރައްވަ އެވެ.

"އަޅުގަނޑު ހަމަ ދަންނަވަނީ ތެދައް، އަޅުގަނޑު ސީރިއެސްކަމާ އެކީ އެކަމަކާއި އެއް ނުވިސްނަން،" ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން ވަހީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ނައިބް ރައީސްގެ ގޮތުގައި ހުންނެވި ވަހީދަށް ރައީސްކަން ލިބިވަޑައިގަތީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެގޮތުން 2012 ވަނަ އަހަރުގެ ފެބްރުއަރީ ކުރީކޮޅުން ފެށިގެން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް އެމަނިކުފާނު ވަނީ ރައީސްކަން ކުރައްވާފަ އެވެ. އެކަމަކު 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ، އެމަނިކުފާނަށް ލިބިވަޑައިގަތީ އެންމެ ފަސް ޕަސެންޓެވެ. އޭގެ ފަހުން، އެހާ ބޮޑަސް ސިޔާސީ ދާއިރާގައި އުޅުއްވާ މަންޒަރެއް ފެނިގެނެއް ނުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް