ads
މިއަހަރު ހައްޖު ވެވޭނީ ސައުދީގައި އުޅޭ މީހުންނަށް އެކަނި
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެވޭނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި އުޅޭ މީހުންނަށް ކަމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

މިއަދު އެގައުމުގެ ހައްޖު މިނިސްޓްރީން ބުނި ގޮތުގައި ގިނަ ބަޔަކު އެއްވުމުގެ ސަބަބުން، ކޮވިޑް-19 އިތުރަށް ފެތުރުމުގެ ފުރުސަތު އޮތުމާއެކު މިއަހަރު ހައްޖުގެ އަޅުކަން ކުރުމުގެ ފުރުސަތު ދޭން ނިންމާފައި ވަނީ މިވަގުތު ސައުދީ އަރަބިއްޔާގައި ތިބި މީހުންނަށެވެ.

އޭގެ އިތުރުން އެ ނިންމުން ނިންމާފައި ވަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށާއި އެގޮތުން ހައްޖުގެ އަޅުން އަދާކުރާއިރު އިޖުތިމާއީ ގައިދުރުކަން ފަދަ ކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރެ އެވެ. 

ސައުދީން އެގޮތަށް ނިންމިއިރު ރާއްޖެއިން ވެސް އައީ އެންމެ ފަހު ވަގުތުގައި ވެސް ފުރުސަތެއް ލިބިދާނެ ކަމަށް ބަލައި ހައްޖުގެ އަޅުކަމަށް ތައްޔާރުވަމުންނެވެ. އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ސައުދީ ސަރުކާރުން ހައްޖަށް މީހުން ގެންދިއުމަށް މިއަހަރު ފުރުސަތު ދޭނަމަ އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށެވެ.  

"އެންމެ ފަހު ވަގުތު ވެސް އެ ބޭފުޅުން، ސައުދީ ސަރުކާރުން ގައުމުތަކަށް ހައްޖަށް ގެންދިއުމަށް ހުޅުވާލައިފިކަމަށް ވެއްޖެއްޔާ އަޅުގަނޑުމެން މިތިބީ އެގޮތަށް ވެސް ތައްޔާރުވެގެން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެންމެ ފަހު ވަގުތު ފުރުސަތު ދިނަސް އެ ފުރުސަތު ދިވެހިންނަށް ފަހި ކޮށްދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮންމެ އަހަރަކު ވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް 2.5 މިލިއަނެއްހާ މީހުން ސައުދީ އަރަބިއްޔާއަށްދެ އެވެ. އެކަމަކު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ އެގައުމުން ވަނީ އެ ސަރަހައްދަށް ވަދެ ނިކުމެ ހެދުމުގައި ވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް