ads
ކްރިމިނަލް ކޯޓު
ހެކި ހުއްޓަސް ބޮޑު ކުށަކަށް ނުވާ ކަމަށް ބުނެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ދޫކޮށްލައިފި
ޖިންސީ އަމަލެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު މީހަކު، ހައިކޯޓުން ކަނޑައަޅާފައިވާ އާ އުސޫލުގެ ދަށުން އެ ކުށަކީ ބޮޑު ކުށަކަށް ނުވާތީ ބަންދުގައި ބެހެއްޓެން ނެތް ކަމަށް ބުނެ، ބަންދުން ދޫކޮށްލައިފި އެވެ.

ހައިކޯޓުން ކަނޑައަޅާފައިވާ އާ އުސޫލުގެ ދަށުން ޖިނާއީ ބޮޑެތި ކުށްތައް ނޫން އެހެން ކުށްތަކުގައި ތުހުމަތުކޮށް ހައްޔަރު ކުރެވޭ މީހުން ބެލުމުގެ ދަށުގައި ބަންދުގައި ބެހެއްޓޭނީ އެންމެ ދިގު ވެގެން 15 ދުވަހުގެ މުއްދަތެއް ވަންދެން އެވެ. އަދި ޖިންސީ ގޯނާ، ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭތީ، ކުޑަ ކުއްޖަކަށް ޖިންސީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ވަނީ ދޫކޮށްލާފަ އެވެ.

ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ވެސް ލިބިފައިވާ ކަމަށާއި ނަމަވެސް ކުށަކީ ބޮޑު ކުށަކަށް ނުވާތީ، ބަންދުގައި އިތުރަށް ބެހެއްޓެން ނެތް ކަމަށެވެ. 

އޭނާގެ މައްޗަށް ކިތަންމެ ސީރިއަސް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ޖިނާއީ ބޮޑެތި ކުށް ނޫން އެހެނިހެން ކުށްތަކަށް ތުހުމަތުކުރެވޭ މީހުންގެ ބަންދު އިތުރުކޮށް ދެވެން ނެތްކަން ހައިކޯޓުގެ ހުކުމަށް ރިއާޔަތްކޮށް އަމުރުގައި ބުންޏެވެ.

އޭނާ ދޫކޮށްލުމަށް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވީ ނަމަވެސް، އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށްތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށްތަކެއް ކަމަށެވެ. 

އެހެންނަމަވެސް އަދިވެސް ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެކަމަށް އެދުމުގެ ފުރުސަތު ވެސް ޕްރޮސެކިއުޓާ ޖެނަރަލްއަށް އޮންނާނެ ކަމަށް ކުރިމިނަލް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި އެމީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެގޮތުން، އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެން މީހާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. 

އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އާންމު އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ފުލުހުންގެ ފަރާތުން އެދިފައި ވީނަމަވެސް، ކްރިމިނަލް ކޯޓުން އޭނާ ބަންދަށް ދީފައި ވަނީ 10 ދުވަހެވެ. ދެވަނަ ފަހަރު ވެސް އޭނާ ބަންދުކުރުމަަށް އެދިފައި ވަނީ އާންމު އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް