ads
ނަހުލާ--
ޖާބިރުގެ ސެކްރެޓޭރިއޭޓްކަން ގަބޫލެއް ނުކުރަން: ނަހުލާ
ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރުގެ މަޖިލިސް ސެކްރެޓޭރިއޭޓް ކަމުގެ މަގާމު ބަލައިގެންފައި ނުވާނެ ކަމަށް ނަހުލާ އަލީ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ކައުންސިލު މެމްބަރުކަން ކުރިން ކުރެއްވި، ނަހުލާ މިރޭ ވިދާޅުވީ ޖާބިރުގެ މަޖިލިސް ސެކްރެޓޭރިއޭޓްކަން ހުށަހެޅުއްވި ނަމަވެސް އެ ފުރުސަތު ގަބޫލުކޮށްފައި ނުވާނެ ކަމަށެވެ. 

ނަހުލާ އިތުރަށް ވިދާޅުވީ އޭނާއަކީ ޕީޕީއެމް މީހެއް ކަމަށާއި ތާއީދުކުރަނީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށެވެ.

އޭގެ އިތުރުން ސިޔާސީ ދާއިރާއިން މަތީ ތައުލީމް ހާސިލުކޮށްފައިވާތީ ވަރަށް ގިނަ ސިޔާސީ ފުރުސަތުތައް ލިބޭ ކަމަށް ވެސް ނަހުލާ ވދާޅުވި އެވެ. 

"ސީޔާސީ މަަސައްކަތުގައި ދެމި ހުންނާނީ ޕީޕީއެމްގަކަން ވަރަށް ސާބިތުކަމާއެކު ދަންނަވަން،" ނަހުލާގެ ޓްވީޓުގައި ވިދާޅުވެ އެވެ. 

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނީ ޖާބިރުގެ މަޖިލިސް ސެކްރެޓޭރިއޭޓްގެ މަގާމަށް ނަހުލާ އަލީ ހަމަ ޖައްސާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ބުނީ މަޖިލީހުގެ އައު ގަވާއިދުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދާއިރާގެ ކަންކަން ކުރެއްވުމަށް މަޖިލީހުގައި އެކަމަށް ހާއްސަ މޭޒެއް ބަހައްޓައި އެތަނުގައި މަސައްކަތް ކުރުމަށް ސެކްރެޓޭރިއޭޓެއް ހަމަޖެއްސުމުގެ ފުރުސަތު ދީފައި ވާކަމަށެވެ. އެގޮތުން ޖާބިރުގެ ސެކްރެޓޭރިއޭޓް ނަހުލާއަށް މަޖިލީހަށް ވަދެ ނިކުތުމުގެ އިތުރުން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި ދިނުމަށް އެދޭކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ނަހުލާއަކީ ޕީޕީއެމް ޓިކެޓްގައި ވިލިމާލެ ދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަ ކުރައްވާ ފަރާތެކެވެ. އަދި އޭނާ ވަނީ މީގެ ކުރިން އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި މަޖިލިސް މެމްބަރުކަމަށް ވެސް ވާދަކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް