ads
މެމްބަރު މުހައްމަދު ވަހީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ތެލުގެ ވަގު ވިޔަފާރި ބެލުމަކީ ރައީސް ނަޝިދުގެ ވެރިކަން ވައްޓާލި އެއް ސަބަބު: ވަހީދު
ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ބެލުމަކީ ރައީސް ނަޝީދު ވެރިކަމުން ވައްޓާލި އެއް ސަބަބު ކަމަށް އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރިން ހިންގާފައިވާ ތެލުގެ ވަގު ވިޔަފާރީގެ ތަހުގީގު ރިޕޯޓެއް ކުރީގެ ރައީސް ޑރ. ވަހީދު ދައުލަތުގެ ފައިސާއިން ބައްލަވައިގެންފައިވާކަމަށެވެ. އަދި އެ ރިޕޯޓް ފޮރުވާފައިވާ ކަމަށާއި، އެ ރިޕޯޓް ހޯދުމަށް މައްސަލައިގައި ވެއެވެ.   

އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ވަހީދު ވިދާޅުވީ ތެކުގެ ވަގުވިޔަފާރީގެ މައްސަލަ ބެލުމަކީ ރައިސް ނަޝީދުގެ ވެރިކަން ވައްޓާލަންޖެހުނު މައިގަނޑު ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށެވެ. 

ވަހީދު ވިދާޅުވީ ތެލުގެ ވަގުވިޔަފާރީގައި ހަމައެކަނި އޮތީ ވައްކަން ނޫން ކަމަށާއި، ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ވެސް މިކަމުގައިވާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ ބޭޒާރުވެދާފަދަ ކަންކަންވެސް މީގައި ވާކަމަށް ވަހީދު ވިދާޅުވި އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގުޅުވާ ތެލުގެ ވަގު ވިޔަފާރީގެ ވާހަކަ އަބަދުވެސް ދެކެވޭކަން ފާހަގަކޮށް ވަހީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅުގައި ދިވެހި ދިދަ ބޭނުންކޮށްގެން އުތުރުކޮރެއާއަށް ތެލުގެ ވަގުވިޔަފާރީގެ މުއާމަލާތްތަކެއް ހިންގާފައިވާކަމަށެވެ. އަދި މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގެ ނަން ބަދުނާމުވާ ކަންކަން ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް