ads
ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަޙްމަދު
ކުއްޖާ ރޭޕް ކުރި މީހާ ދޫވި ގޮތް ބަލަން އަންގައިފި
އޮޅުވާލައި ބްލެކްމެއިލްކޮށް ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައެއްގައި ހައްޔަރުކުރި މީހަކު، ހެއްކާއި ގަރީނާ ހުރި ނަމަވެސް، ހައިކޯޓުން ކަނޑައަޅާފައިވާ އާ އުސޫލުގެ ދަށުން އެ ކުށަކީ ބޮޑު ކުށަކަށް ނުވާތީ ބަންދުގައި ބެހެއްޓެން ނެތް ކަމަށް ބުނެ، ބަންދުން ދޫކޮށްލި މައްސަލަ ބަލަން އަންގާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައާ ގުޅިގެން މިދިޔަ މެއި 28 ވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ބ. ތުޅާދޫ/ ހިޔާވަހި، އުނައިސް އަހުމަދު، އެވެ. 

ޖިންސީ ގޯނާގެ ތުހުމަތުގައި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެންމެ ފުރަތަމަ ޖަހައިދީފައި ވަނީ 15 ދުވަހެވެ. އޭގެ ފަހުން އެ މުއްދަތު ހަމަވެގެން މުއްދަތު އިތުރުކުރަން ހާޒިރުކުރުމުން ކޯޓުން ޖަހައިދިނީ 10 ދުވަހެވެ. ފުލުހުންގެ ފަރާތުން ބަންދުގެ މުއްދަތު އިތުރުކުރަން އެ ދެ ފަހަރު ވެސް އެދިފައި ވަނީ އާންމު އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ. 

ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ވެސް ލިބިފައިވާ ކަމަށާއި ނަމަވެސް ކުށަކީ ބޮޑު ކުށަކަށް ނުވާތީ، ބަންދުގައި އިތުރަށް ބެހެއްޓެން ނެތް ކަމަށެވެ. 

އެކަމަކު އޭނާ ދޫކޮށްލި ދުވަހު ފުލުހުން ވަނީ އެ މައްސަލައިގެ ތަހްގީގަށް، އުނައިސްގެ މައްޗަށް ޝަހްސު އޮޅުވާލައި މަކަރާއި ހީލަތް ހަދައިގެން ކުޑަކުއްޖަކު މާލެ ގެނެސް އެ ކުއްޖާ ރޭޕްކޮށްފައިވާ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. 

ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި އެގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތް އޮތްކަމަށް ފަނޑިޔާރަށް ގަބޫލުކުރެވި، މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު ކުރި ސުވާލެއްގައި މިނިސްޓަރު ވަނީ އެމީހާ ދޫވި ގޮތް ބެލުމަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

"ކުއްޖާ ދޫކޮށްލަން ޖެހިގެންދިޔައިރުގައި އެކަން ހިނގާފައި އޮތްގޮތް އަޅުގަނޑު އިތުރަށް ބަލަން ބޭނުންކަމުގަ މިހާރު ވާނީ ދަންނަވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު އަމަލުކުރުމުގެ އުސޫލުގައި ބުނެފައިވާ ގޮތުން ކުށުގެ ތުހުމަތުކުރެވޭ މީހަކާމެދު، އެ ގަނޫނުން ލިބިދޭ ހާއްސަ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް، ފުލުހުންނަށް ފެނިއްޖެހިނދެއްގައި، އެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ތަހްގީގުގެ މަރުޙަލާއާއި ޝަރީއަތުގެ މަރުޙަލާ ނިމެންދެން، ބަންދުގައި ދެމެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސިކިއުޓާ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުން އެދި، ކޮމިޝަނާ އޮފް ޕޮލިސްއަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ކިބައިން އެދެވިދާނެ އެވެ. 

އަދި ކޮމިޝަނާ އޮފް ޕޮލިސް ސޮއިކޮށް ފޮނުވާ ލިޔުމަކުން، ޕްރޮސިކިއުޓާ ޖެނެރަލްއަށް ހުށަހަޅައިފިނަމަ ޕްރޮސިކިއުޓާ ޖެނެރަލް ބަލަންޖެހޭ މިންގަނޑުތަކުން ބެލުމަށްފަހު، ވީއެންމެއަވަހަކަށް ފުރުސަތެއްގެ ތެރޭގައި، އެފަދަ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހަޅަން ޖެހެ އެވެ. 

އެކަމަކު އެގޮތަށް ފުލުހުންގެ ފަރާތުން ޕީޖީ އޮފީހުގައި އެދިފައި ނުވާއިރު ކޯޓުން އެމީހާ ދޫކޮށްލުމުން ވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް