ads
ފަތުރުވެރިންތަކެއް ރާއްޖޭގައި-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
އަލުން ރިސޯޓުތައް ހުޅުވާއިރު ވަޒީފާ ގެއްލުނު މީހުންނަށް އިސްކަންދޭން އަންގައިފި
އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއި، އަލުން ފަތުރުވެރިކަމުގެ ދާއިރާ ހުޅުވާލާއިރު ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް އިސްކަން ދިނުމަށް ޓޫރިޒަމް މިނިސްޓްރީން އަންގައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށައި ގަންނައިރު ފަތުރުވެރިކަމުގެ ހިދުމަތްދޭ ހުރިހާ ތަންތަނުން އަމަލުކުރަންޖެހޭ "ގައިޑްލައިން ފޯ ރީސްޓާޓިން ޓޫރިޒަމް އިން މޯލްޑިވްސް" އާއި "މޯލްޑިވްސް ޓްރެވަލް އިންފޮމޭޝަން" އެ މިނިސްޓްރީން ޝާއިއުކޮށްފައިވާ ކަމަށެވެ. 

ސާކިއުލާއެއް މެދުވެރިކޮށް ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނަށް ވެސް ގައިޑްލައިން ފޮނުވާފައިވާ ކަމަށާއި އަލުން ފަތުރުވެރިކަން ފަށާއިރު، ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު ނުވަތަ ވަޒީފާއިން ސަސްޕެންޑްކުރި މުވައްޒަފުންނަށް އިސްކަންދިނުމަށް ފަތުރުވެރިކަމުގެ ހިދުމަތްދޭ ހުރިހާ ތަންތަނަށް އިލްތިމާސްކޮށްފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. 

ޓޫރިޒަމް މިނިސްޓްރީ އަލީ ވަހީދު މީގެ ކުރިން ވަނީ އަލުން ފަތުރުވެރިކަން ފަށައިގަންނައިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން އިތުރު ޓެކްސްތައް ނެގުމުގެ ވިސްނުން ވެސް ނުގެން ގުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މިދިޔަ މާޗު މަހުގެ 27 ގަ އެވެ. އޭގެ ފަހުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ މުޅިން ހުއްޓި، އިގްތިސޯދަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. އެކަމަކު ސަރުކާރުގެ ހިންގުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ކޮވިޑް-19 ގެ ބަޖެޓެއްގެ ގޮތުގައި 4.2 ބިލިއިން ރުފިޔާ ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފަ އެވެ. 

ރާއްޖޭގެ އިގްތިސޯދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ދާއިރާ އަލުން ފަށަން ތައްޔާރުވަމުން އަންނައިރު މި ހާލަތުން އަރައިގަތުމަށް ދެ އަހަރު ނަގާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެ އެވެ.

ވޯލްޑް ބޭންކުން ބުނާ ގޮތުގައި ކޮވިޑް-19 އާ ކުރިމަތިލުމުގެ ކުރިން ވެސް ދަރަނީގެ ނިސްބަތް ރާއްޖޭގައި އޮތީ މަތީގަ އެވެ. އެކެމަކު ކޮވިޑް-19 އާ އެކު ކުރިމަތިވި އިގްތިސާދި ގޮންޖެހުންތަކާއި އެކު ދަރަނީގެ ނިސްބަތް އިތުރަށް މަތިވެގެން ގޮސްފައިވާއިރު އެއީ ގައުމު ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ގައުމުތަކުން ލިބޭ މާލީ އެހީތެރިކަމަށް ބަރޯސާވެފައި އޮތުންމުގެ ސަބަބުން ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް