ads
މިނިސްޓަރު ނަހުލާ-- ފޮޓޯ: ވަން އޮންލައިން
މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ޒުވާނުން ތަމްރީން ކުރަންޖެހޭ: މިނިސްޓަރު ނަހުލާ
ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށްޓަކައި މެރިޓައިމް ދާއިރާއަށް ޒުވާނުން ވައްދާ އެފަރާތްތަކަށް ތަމްރީނު ދިނުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސީ ފެއަރާސް ދުވަހާ ގުޅިގެން މިނިސްޓަރު ނަހުލާ ނެރުއްވި ހިތާބުގައި ވިދާޅުވީ މި ދާއިރާއަކީ ރާއްޖެއަށް އެތެރެވާ ބޭރު ފައިސާ އިތުރުކޮށްދީފައިވާ ސިނާއަތެއްކަން ތާރީހުން ފެންނަން އޮތް ކަމަށެވެ. އަދި މިދާއިރާގައި މަސައްކަތް ކުރާނެ ޒުވާނުން އުފައްދާ އެފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހި ކޮށްދިނުމާއި ގުޅޭ ގޮތުން ބޭރުގެ ފަރާތްތަކާއި މިހާރު މަޝްވަރާ ކުރެވެމުން ދާކަމުގައި ވިދާޅުވިއެވެ.

މި ސިނާޔަތަށް ޒުވާނުން އަހުލުވެރިލުރުވުމަށްޓަކައި 30 ނެވިގޭޝަން އޮފިސަރުންނާއި 30 އިންޖީން އޮފިސަރުން ތަމްރީންކުރުމަށް ނިންމާފައިވާކަމަށާއި އެކަމުގެ އަމަލީ މަސައްކަތް މިހާރު މިނިސްޓްރީ އިން ކުރަމުން ދާކަން މިނިސްޓަރު ނަހުލާ ފާހަގަކުރެއްވިއެވެ. އަދި ދާދިފަހުން ސަރުކާރުން އުފައްދާފައިވާ ނެޝަނަލް ޝިޕިން ކުންފުންޏަކީ މިދާއިރާ ކުރިއެރުވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝިޕިން ކޮމިޔުނިޓީ ގަބޫލުކުރާ ފެންވަރަށް ރާއްޖޭގެ ސިނާއަތުގެ މިންގަނޑުތައް ބައްޓަން ކުރަން ޖެހޭ ކަމަށާއި މެރިޓައިމް ދާއިރާ ހަރުދަނާ ކުރުމަށް ބައިނަލްއަގުވާމީ މުއާހަދާތަކަށް ރިއާޔަތްކޮށް ގާނޫނުތައް އެކުލަވާލަން ޖެހޭނެ ކަން މިނިސްޓަރު ނަހުލާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ މެރިޓަމް އިންޑަސްޓްރީ ކުރިއެރުވުމަށް ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމަނާ، އެކަމުގެ އަމަލީ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށާއި ފާއިތުވި އަހަރުތަކުގައި މިދާއިރާ ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އިހުމާލުވެފައި ވާކަން ވެސް މިނިސްޓަރު ނަހުލާ ފާހަގަކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް