ads
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން---ފޮޓޯ:އަވަސް
ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ލިސްޓް އާންމުކޮށްފި
މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފަހުން ހުޅުވާލި ސްޓޫޑެންޓް ލޯންއަށް އެދި ހުށައަޅާފައިވާ ދަރިވަރުންގެ ތެރެއިން ލޯން ލިބުނު ދަރިވަރުންގެ ލިސްޓް އާންމުކޮށްފި އެވެ.

މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި ލޯނު ލިބުނު ކުދިންގެ ލިސްޓު އާންމުކޮށްފައިވާއިރު މިނިސްޓްރީން އަންނަނީ ލޯނަށް އެދުނު ދަރިވަރުންނަށް ލޯނު ލިބުނުކަން ނުވަތަ ނޫންކަން އެސްއެމްއެސް މެދުވެރިކޮށް ވެސް ހިއްސާކުރަމުންނެވެ. 

މިއީ މިދިޔަ އަހަރުގެ ތެރޭގައި ހުޅުވާލި 550 ސްޓޫޑެންޓް ލޯނު ސްކީމުގެ ދަށުން ދޫކުރާ ލޯނުތަކެކެވެ. މިހާރު 514 ދަރިވަރަކަށް ލޯނު ހަމަޖެހިފައިވާއިރު އޭގެ ތެރެއިން 264 ލޯނަކީ ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނެވެ. އަދި ލައިސަންސް ކެޓަގަރީގެ ދަށުން 15 ދަރިވަރަކަށް ލޯނު ހަމަޖެހިފައިވާއިރު ޑިޕްލޮމޯއަށް ކިޔެވުމަށް 48 ދަރިވަރަކަށް ލޯނު ހަމަޖެހިފައިވެ އެވެ. އަދި މާސްޓާސް އަށް ކިޔެވުމަށް 160 ދަރިވަރަކަށް ލޯނު ހަމަޖެހިފައިވާއިރު ޕީއެޗްޑީއަށް ކިޔެވުމަށް ލޯނު ހަމަޖެހިފައި ވަނީ 27 ދަރިވަރަކަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ލޯން ދިނުމުގައި ބަލާފައި ވަނީ މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެވިފައިވާ ގައުމީ ޓްރެއިނިންގް ނީޑްސް އެނަލިސިއްގެ މައްޗަށް ކަމަށެވެ. އަދި އެ ލިސްޓަކީ ދިވެހިރާއްޖެއަށް މީހުން ބިނާ ކުރަން ބޭނުންވާ ދާއިރާތައް ކަނޑައަޅާ ފާހަގަކުރުމަށް ފުރިހަމަ ކުރެވިފައިވާ ލިސްޓެއް ކަމަށް މިނިސްޓަރު ފަހަގަކުރެއްވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިފަހަރު ލޯނު ދިނުމުގައި ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ ސްޓެޓެޖިކް އެކްޝަން ޕްލޭންގައި ފާހަގަކޮށްފައިވާ މީހުން ބިނާ ކުރުމަށް ބޭނުންވާ ދާއިރާތަކަށް ލޯނު ދިނުމުގަ ބަލާފައިވާނެ ކަމަށެވެ. އަދި މާލީ ފުދުންތެރިކަން އެންމެ ދަށްފަރާތްތަކަށް ލޯން ދިނުމަށް ސަމާލުކަން ދިނުމުގެ ގޮތުން ޒަކާތުގެ ލިސްޓަށް ރިއާޔަތްކޮށްފައި ވާނެކަންވެސް ފާހަގަކުރެއްވި އެވެ.

ޕައިލެޓްކަމުގެ އިތުރުން ބައިނަލްއަގްވާމީ ތަފާތު އެކި ދާއިރާތަކުން ލައިސެންސް ނެގުމަށްޓަކައި ދަރިވަރުންނަށް މިފަހަރު ލޯން ދޫކުރެވިފައި ވެއެވެ. ރާއްޖެއިން އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށްޓަކައި ސިއްހީ ރޮނގުން އެމްބީބީއެސް ކިޔަވަން 15 ދަރިވަރަކަށް ލޯނު ދޫކުރެވިފައިވާކަމަށާއި ޕޯސްޓްގްރެޖުއޭޓް މެޑިސިން ކިޔަވަން 12 ދަރިވަރެއްގެ އިތުރުން ޕީއެޗްޑީ ކިޔަވަން ބޭނުންވެގެން ހުށައަޅައިފައިވާ 21 ދަރިވަރަކަށް ލޯން ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.

މަތީ ތައުލީމަށް އެދި ލޯން ހުށައެޅުމަށް 87 ދާއިރާއަކަށް މިއަހަރު ހުޅުވާލެވިފައިވެ އެވެ. އެއިން ކޮންމެ ދާއިރާއަކުން 10 ވަރަކަށް ދަރިވަރުންނަށް ސަރުކާރުގެ ފަރާތުން ދޭން ލޯން ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

އެކަމާއި ގުޅޭ ގޮތުން މިއަދު ރައީސް އިބްރާހިމް ސޯލިހް ވިދާޅުވީ ކޮވިޑް އާއި ގުޅިގެން ދަތިތައް ދިމާވި ނަމަވެސް ސަރުކާރުގެ އަމާޒު އޮތީ ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައި ދިނުމަށް ކަމަށް ކަމުގައެވެ. އަދި ސްޓޫޑަންޓު ލޯނު ދިނުމާއި ހަޔާ އެޗީވާސް ސްކޮލާޝިޕާއި އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕުތައް ވެސް ހުއްޓުމެއް ނެތި މިހާލަތުގައިވެސް ދެމުން ގެންދާނެ ކަމުގއިވެސް ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް