ads
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އަދުރޭ ވާހަކަ ދައްކަނީ
ކޯލިޝަންގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ އަގު ކުޑަކޮށްދޭނަން: އިދިކޮޅު
އިދިކޮޅު ކޯލިޝަނަށް ވެރިކަން ލިބިއްޖެނަމަ، ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަން ފެށި، ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ މަހު ކުއްޔަކީ 5600 ރުފިޔާ ކަމަށް ކަނޑައަޅާއި އެތަންތަނަށް އިތުރަށް ނަގާއި ފީ ވެސް މައާފުކުރާނެ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

ހިޔާ ފްލެޓުތަކުގެ މައްސަލައިގައި ގިނަ ބަހުސްތަކެއް ކުރެވެމުންދާ މިދަނޑިވަޅުގައި އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ، ހިޔާ މަޝްރޫއުގެ ފްލެޓުތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސްވެރިން އަދި ވެރިކަން ކުރާ ޕާޓީގެ މެންބަރުން ތަކުރާރުކޮށް ދޮގު ހައްދަވާ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް ކުރަމުން ގެންދާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ. 

އެ ބަޔާނުގައި ބުނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރިއަށް ގެންދިޔަ، ހިޔާ ޕްރޮޖެކްޓުގެ ސަބަބުން އެތައް ރައްޔިތުންނަކަށް ހިތްހަމަޖެހުން ގެނުވި ކަމަށެވެ. އަދި މާލެއާއި ހުޅުމާލޭގައި ދިވެހި ރައްޔިތުން ދިރިއުޅެމުން ގެންދާ ފްލެޓްތަކާއި ކޮޓަރިތަކަށްވުރެ ހިޔާ ޕްރޮޖެކްޓްގެ ދަށުން ބިނާކުރެވުނު ފްލެޓްތައް އަދި ކޮޓަރިތައްވެސް ކުޑަ ނުވާނެ ކަމަށެވެ. 

އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ނިންމާފައިވާ ގޮތުންނަމަ، ފްލެޓްތަކުގެ މަސައްކަތް އެންމެ ފުރިހަމައަށް ނިންމާ އޭގެ ހައްގުވެރިންނާއި 2019 ވަނަ އަހަރުގެ ޖުލައި މަހު ހަވާލުކުރެވޭނެ އެވެ. އަދި ފްލެޓްތަކުގައި ދޮރާއި ޓައިލްސް ނުހުންނާނެކަމަށް މި ސަރުކާރުން ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ވެސް ބުނެ އެވެ.

"ފްލެޓްތަކުގެ ކުލީގެ ގޮތުގައި ރައީސް ޔާމީން ސަރުކާރުން ހަމަޖައްސަވާފައިވާ ގޮތަށް މަހަކު -/5600 ރުފިޔާ އަށް މި ކޯލިޝަންގެ ވެރިކަމެއްގައި އޭގެ ހައްގުވެރިންނަށް އެ ފްލެޓްތައް ދޫކުރާނެ ކަމުގެ ޔަގީންކަން އަރުވަމެވެ. ރައްޔިތުން އަތުން އިތުރަށް ނަގާ ފައިސާވެސް މައާފްކޮށްދޭނެ ވާހަކަ ދަންނަވަމެވެ،"

އޭގެ އިތުރުން، ބަޔާނުގައި ވަނީ ފްލެޓްތަކާއި ގުޅުވައިގެން، ސަރުކާރުގެ ފަރާތުން ބަހަނާ ދައްކާ، ދޮގު ވާހަކަތައް ދައްކަމުން ގެންދަނީ ރައްޔިތުން ނިކަމެތިކޮށް، އެ ފްލެޓްތައް ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީން ބޭނުންވާ ވަކި ބަޔަކަށް ބަހާލުމުގެ ބޭނުމުގައި ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވެސް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް