ads
ހިޔާ މަޝްރޫއުގެ ދަށުން އެޅި ދެކޮޓަރީގެ އެޕާޓްމަންޓް-- ފޮޓޯ: ސީއެންއެމް
ހިޔާ ފްލެޓް: ކިތަންމެ ކުޑަޔަސް ލިބިއްޖެއްޔާ ދާނަން!
މާލެ ސަރަހައްދުގައި އެތައް ހާސް ބަޔަކު ތޮއްޖެހިގެން ކުޑަ ތަންކޮޅެއްގެ ތެރޭގައި ދިރިއުޅޭ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެކަން ނޭނގޭ ސަރުކާރެއް ވެސް ނެތެވެ. ތަފާތު އެކި ނަންނަމުގައި ބޯހިޔާވަހިކަމަށް ޖެހިފައިވާ މީހުންނަށް "ހައްލެއް" ހޯދައިދޭން ކަމަށް ބުނެ އެތައް މަޝްރޫއުއެއް ހިންގައިފި އެވެ. އެކަމަކު، ވެރިރަށް މި މާލޭގެ ތޮއްޖެހުން ހައްލު ނުކުރެވުނުތާ، ދިރިއުޅުމުގެ ހާލަތު ވެސް ރަނގަޅުކޮށްދެވިފައެއް ނުވެ އެވެ.

އެއް ކޮޓަރިއެއްގެ ތެރޭގައި ދިހަ ބާރަ މީހުން، ޑިއުޓީ ބަހައިގެން ނިދަމުން އަންނައިރު އެ އެންމެން ބޭނުން ކުރަން އެންމެ ފާހާނާއެއް ހުރުމުން ދެންވާނެ ދަތި ވެސް ސިފަކޮށްލާށެވެ. ކޮޓަރީގެ ތެރެއަށް އަލަމާރިއެއް ވައްދާލާނެ ޖާގަ ނުލިބިގެން ނިދަން އޮންނަ އެނދުމަތީގައި އަންނައުނުތައް ބަހައްޓާއި، އަދި ވެސް އިތުރު ސާމާނުތައް ދެން ލިބުނު ޖާގައަކަށް އަޅާއި، ވަރަށް ނިކަމެތިކޮށް މީހުން ދަނީ އުޅެމުންނެވެ. އާންމުން ދިރިއުޅޭ އެ ނިކަމެތި ހާލު ކޮންމެ އިންތިހާބަކާއި ދިމާކޮށް ގޭގެއަށް ވޯޓް ހޯދަންދާ ވެރިންނަށް ވެސް ފެނެ އެވެ. އެ ދުވަހު އެތަން ފެނި އަންތަރީވެސް، ނިކަން ދެރަވެގެން ސޯޝަލް މީޑިއާއަށް ފޮޓޯ ހިއްސާކޮށް މައްސަލަ ހައްލުކޮށްދޭނެ ކަމަށް ބުނެ މޮޅު ވާހަކަ ވެސް ދައްކަ އެވެ. 

އެ ދައްކާ މޮޅު ވާހަކައިން ރައްޔިތުން ނިކަން ފަސޭހައިން ހައްލާ ވެސް ލައެވެ. އެކަމަކު ކިތަންމެ މޮޅު ވާހަކަތަކެއް ދައްކާ ނިކުމެގެން ދިޔަ ޔަސްވީ މޮޅެއް އެބަ އޮތް ހެއްޔެވެ.؟ އަދިވެސް ދިރިއުޅެމުން ދަނީ ހަމަ އެ އަލިފާން ފޮށީގެ ތެރޭގަ އެވެ. އައި ބަދަލަކީ ދަރިން މީހުންނާއި އިނދެ އެކުދިންނަށް ވެސް އެތަންކޮޅުގެ ތެރޭގައި ކައިބޮއެ ނިދާ ހަދަން މަޖުބޫރުވުމެވެ. 

ހިޔާ މަޝްރޫއުން އުއްމީދާއި މާޔޫސްކަން 

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާއި ވާހަކައާއެކު ނިކަމެތި ރައްޔިތުންގެ އުއްމީދު އާވީ މިއަދަށް ވުރެ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އެތަނުން ލިބޭނެ ކަމަށް ދެކެވުމުންނެވެ. އެތަނުގައި އަޅާ 7000 ފްލެޓުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާއިރު އެއްތަނެއްގައި ފުންޏަކަށް އެކި ކުލަ ކުލައިގެ އުސް އިމާރާތްތަކެއް ހުރުމުން މަލަމަތިން ބަލާލަން ވަރަށް ޗާލެވެ. އެކަމަކު ހާސްކަމާއި މާޔޫސްކަމާއި އުދާސްކަން ވެސް ގެނުވަނީ މި އިމާރާތްތަކުގެ ތެރެއަށް ވަނުމުންނެވެ. އަލުން އަނބުރާ އައިސް މިވަންނަން ޖެހުނީ އޭރު ނިކުތްވަރުގެ ފޮއްޓެއްގެ ތެރެއަށެވެ. 

your imageހިޔާ މަޝްރޫގެ ޓަވަރުތައް--

މިދިޔަ އަހަރުގެ ތެރޭގައި ވެސް މި ފްލެޓުތައް ނޫސްވެރިނަށް ދައްކާލާފައިވަނިކޮށް ހިޔާ ފްލެޓުތަކުގެ އަޑުގަދަވެފައިވާ މިދަނޑިވަޅުގައި އަނެއްކާ ވެސް މިވަނީ ނޫސްވެރިންނަށް އެތަންތަން ދައްކާލާފަ އެވެ. މިދިޔަ ބުދަ ދުވަހު، އެތަނަށް ކުރި ޒިޔާރާތުގައި ފެނުނު ބައެއް މަންޒަރު ކިޔައިދޭނަމެވެ. އަހަރެމެންނާއި ހަވާލުވެ ހުރި އެޗްޑީސީގެ މުވައްޒަފާއެކު ލިފްޓަށް އަރާއި އެންމެ ފުރަތަމަ ވެސް ދިޔައީ އެ ޓަވަރުގެ އެންމެ މައްޗަށެވެ. އެ ލިފްޓަކީ 14 މީހުންގެ ޖާގައިގެ ލިސްޓެއް ކަމަށް ބުންޏަސް މާލޭގެ ގެތަކުގައި އާންމުކޮށް މި ބޭނުންކުރާ ލިފްޓުތަކަށް ވުރެ ވެސް އެ ލިފްޓު ކުޑަ އެވެ. އެންމެން ތިބީ ފިތި ބާރުވެގެންނެވެ. 

ލިފިޓުން ނިކުތް ގޮތަށް ޖެހިގެން އެންމެ ކައިރީގައި ހުރި ފްލެޓުގެ މައި ދޮރުން ގޮސް ވަންނައިރު 59 ފޫޓުގެ ސިޓިން ރޫމެއް ފެނިގެންދާނެ އެވެ. މިއީ ބަދިގެ ހިމެނޭ ގޮތަށް އިންނަ ސިޓިން ރޫމެކެވެ. އެ މުޅި ސިޓިން ރޫމުގައި ވެސް އިނީ ސިންކެއް އެކަންޏެވެ. އެއީ ވެސް މިއިން ޒަމާނު ގެއަކުން އަހަރެން ދެކުނު ވަރަށް ވުރެ ކުޑަ ސިންކެވެ. އެ ސިންކު، ސިފަކޮށްދޭނަމަ ބުނެވޭނީ އެއަށް ރަނގަޅުވަރުގެ ކާތައްޓެއް ވެސް ލެވޭނީ ހަމަ ކިރިޔާ ކަމެވެ. ދެން އެތަނުގައި ކަބަޑު ސެޓެއް، އެކައްޗެއް ވެސް ނެތެވެ. 

your imageހިޔާ ފްލެޓުގެ ބަދިގޭގައި އިން ސިންކް--

ދެ ކޮޓަރީގެ މި ތަނުގައި ކޮޓަރިތައް ހުންނަނީ މައި ދޮރުން ވަންނައިރު އެއް ކޮޓަރި އަދި ބަދިގެއާ ދިމާލުގައި ކޮޓަރި އެކެވެ. ބޮޑު ކޮޓަރިއަކީ 10.5 ފުޓު، 9.5 ފޫޓުގެ ކޮޓަރިއެކެވެ. އަނެއް ކޮޓަރި އެ އަށް ވުރެ ތަންކޮޅެއް ކުޑަޔަސް އެ ދެކޮޓަރީގައި ވެސް ފާހާނާ ހުރެ އެވެ. އެކަމަކު ހަމަޖެހިލައިގެން ފެންވަރާލެވޭހާ ފާހާނާ ވެސް ބޮޑެެއް ނޫނެވެ. ހަމަގައިމުވެސް އެތަނުގައި މެޝިނެއް ބަހައްޓައިފިނަމަ، އިތުރު އެހެން ޖާގައެއް ދެން ނޯންނާނެ އެވެ. މިހެންކަމުން، އެ މެޝިން ބަހައްޓަން ދެން އޮތް ޖާގައަކީ އެތަނުގައި އިންނަ 2.5 ފޫޓުގެ ބެލްކަންޏަވެ. 

your imageހިޔާ ފްލެޓެއްގެ ފާހާނާ--

އާ ފްލެޓުތަކެއް، އެކަމަކު އަލުން ކުރީގެ ނިކަމެތި ދިރިއުޅުމަށް

މިތަންތަނުގެ ތެރެއަށް ފަރުނީޗަރު ނުވައްދާ ހުރުމުން އެތަންކޮޅު ބޮޑުކަމަށް ދެއްކިޔަސް ހަގީގަތުގައި އެ ސާމާނު ވެއްދުމާއެކު މުޅި ތަންކޮޅު ފުރޭނެ އެވެ. މާލޭގައި މިހާރު އުޅެމުން އަންނަ ނިކަމެތި ހާލަތުގެ ތެރެއަށް އަލުން ވެއްޓޭނެ އެވެ. 

ބޮޑެތި ލޯނުތައް ނަގައި މިފަދަ ބޮޑު މަޝްރޫއުއެއް ކުރިއަށް ގެންދިއުމަކީ އޭގެ މަންފާ ކުރިއަށް އޮތްތަނުގައި ފެންނަން ޖެހޭނެ ކަމެކެވެ. އޭގެ ބަދަލުގައި މީހުން އުޅެމުން އަންނަ ނިކަމެތި ހާލަތުގައި އެމީހުން ދާއިމީ ގޮތެއްގައި ތިބެން މަޖުބޫރުވާ ފަދަ ގޮތަކަށް މަޝްރޫއުތައް ހިންގުމުން ރައްޔިތު މީހާ ވާނީ ހަމަ އިތުރަށް ނިކަމެއްޗެވެ. 

ކުރިން ވެސް އެޗްޑީސީން ވަނީ މިއިން ކޮންމެ ފަންގިފިލާއެއްގައި 20 އާއިލާ ދިރިއުޅޭނެ ކަމަށް ބުނެފަ އެވެ. މާނައަކީ މަދުވެގެން ކޮންމެ ފްލެޓެއްގައި ފަސް މީހުން ދިރިއުޅުނަސް ފަންގިފިލާއެއްގައި 100 މީހުން މަދުވެގެން އުޅޭނެ އެވެ. އަދި އެގޮތަށް ކޮންމެ ފަންގިފިލާއެއްގައި 100 މީހުން އުޅޭނަމަ 25 ބުރީގެ ޓަވަރެއްގައި 2500 މީހުން އުޅޭނެ އެވެ. މިއަށް ވުރެ ބޮޑު އާބާދީއެއް އޮންނަނީ ރާއްޖޭގެ މަދު ރަށެއްގަ އެވެ. އެހެންކަމުން، މިއީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ތޮއްޖެހުމާއި ބާރުބޮޑުކަން ގެނުވާނެ ފްލެޓުތަކެކެވެ. 

your imageފްލެޓުތަކުގެ މެދުގައި އޮންނަ ހުސްބައި--

މި ފްލެޓުތަކާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެންމެ ފަހުން ވިދާޅުވި ގޮތުގައި މިއިން ކޮންމެ ޓަވަރެއްގައި ހުންނަނީ ތިން ލިފްޓުކަމުން، އެންމެ ބޮޑު ދައްޗެއް ކުރިމަތިވާނީ ސްކޫލުތަކާއި އޮފީސްތަކަށް ދާން ނިކުންނަ ގަޑީގަ އެވެ.

ޗައިނާގެ ސްޓޭޓް އިންޖީނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހަވާލުކުރި އެ ފްލެޓުތަކުގެ ސައިޒް ކުޑަ ކަމަށް ބުނެ ފާޑުކިޔާތީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެތަންތަން ހުޅުމާލޭގައި މި ފަހުން އެޅި ތަންތަނަށް ވުރެ ވަކި ކުޑަނުވާނެ ކަމަށް ވިދާޅުވެ ރައްދު ވެސް ދެއްވާފަ އެވެ. 

ނުނިންމާ ފްލެޓުތައް ހަވާލުކުރިޔަސް ވަކި އަގު ހެވެއް ނުވޭ

މިހާރު ސަރުކާރުން ނިންމާފައިވާ ގޮތުން ނަމަ އެތަންތަން ހަވާލުކުރަނީ ބޮކި، ފަންކާ އަދި ތަށިމުށި ވެސް ނުޖަހަ އެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ސީއެންއެމްއަށް ވިދާޅުވީ ހިޔާ ފްލެޓުތައް އެއްކޮށް ނިންމުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި އަދި އެހާމެ ވަގުތު ވެސް ބޭނުންވާ ކަމެއް ކަމަށެވެ. އެހެންވެ، ހިޔާ ފްލެޓުތައް ނުލިބި ލަސްވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މިދަނޑިވަޅުގައި އެތަންތަނަށް ވީހާވެސް އަވަހަށް މީހުންނަށް ވެދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެގޮތަށް ނިންމީ އެވެ. 

މިހާރު ކަނޑައަޅާފައިވާ ގޮތުން ދެ ކޮޓަރީގެ ފްލެޓަކަށް މަހަކު 11000 ރުފިޔާ ދައްކަން ޖެހެ އެވެ. ސުހައިލް އިތުރަށް ވިދާޅުވީ، މިހާރު، ފަންކާ އަދި ތަށިމުށި ނުޖަހާ އެތަންތަން ހަވާލުކުރި ނަމަވެސް އެތަންތަނުގެ ކުލި ކުޑަވާނީ އެންމެ ދިހަ އިންސައްތައަށް ކަމަށެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފްލެޓަކަށް ކަނޑައަޅާފައި ވަނީ 5600 ރުފިޔާ ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެ އަގާއި ގުޅިގެން ސުވާލުކުރުމުން ސުހައިލް ވިދާޅުވީ މިހާރު ގެނައި ބަދަލާއެކު ވެސް އެ އަދަދަށް ކުލި ތިރި ނުކުރެވޭނެ ކަމަށެވެ. އެގޮތަށް އެކަންކޮށްފިނަމަ ދެކޮޅު ނުޖެހޭނެ ކަމަށާއި ފްލެޓް އަޅަން ނެގި ލޯނު ވެސް ނުދެއްކޭނެ ކަމަށް ވިދާޅުވި އެވެ. 

ކޮންމެ ގޮތެއް ވެސް ވަރިހަމަ، ފްލެޓު ބޭނުން

7000 ފްލެޓު ހޯދުމަށް 22000 އަށް ވުރެ ގިނަ ފޯމު ހުށަހެޅުމުން ރައްޔިތުން ބޯހިޔާވަހިކަމަށް ފެން ބޮވައިގެންފައިވާ މިންވަރު ސާފެވެ. މިތަންތަނުގެ ސައިޒު ކުޑަ ވާހަކަ ސޯޝަލް މީޑިއާގައި ފެތުރެން ފެށުމާއެކު ވެސް ފެނިގެންދިޔައީ މިއިން ފްލެޓެއް ލިބޭ މީހާކު އެތަންތަނަށް ދޫކޮށްލަން ކެރޭނެތޯ ކުރި ސުވާލެވެ. ނޫން ނަމަ ކުޑަ ކަމަށް ބުނެ ނުދާނެތޯ ކުރި ސުވާލެ އެވެ. އެކަމަކު، ކިތަންމެ ކުޑަވެފައި ހައްޏަސް އަމިއްލަ ތަނެއްގައި އުޅުމަށް ވެސް އެތަންތަން ދޫކޮށް ނުލާނެ ކަމަށް މީހުން ދަނީ ބުނަމުންނެވެ. އަދި އެމީހުން މިހާރު ވެސް އުޅެމުން އަންނަނީ އެވަރުގެ ތަންކޮޅެއްގައި ކަމަށް ބުންޏެވެ. 

އެކަމަކު ސުވާލަކީ މިހާރު ކުއްޔަށް އުޅޭ ތަނުގެ ކުޑަ މިނެއް ނޫނެވެ. ބޮޑެތި ލޯނުތައް ނަގައި ގައުމު ދަރަނިވެރިކޮށް ރައްޔިތުން އަތުން ތަފާތު ނަންނަމުގައި ޓެކްސް ނަގައިގެން މި ހޯދާ ފައިސާއިން އަނބުރާ ލޯނު ދައްކާއިރު ރައްޔިތު މީހާއަށް މިވަރު ހަމަ ހައްގުތޯ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް