ads
ޖަމީލް، ޕީޕީއެމްއަށް ގުޅިވަޑައިގަތުމަށް ބޭއްވި ރަސްމިއްުޔާތުގެ ތެރެއިން-- ފޮޓޯ: ޕީޕީއެމް
ޖަމީލުގެ ކައިވެނި ރުޖޫއަ ކުރުމާއި އެކު އެމްޑީޕީން ޖެހިލުންވާނެ: އަބްދުއްރަހީމް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެން، "ކައިވެނި ރުޖޫއަ" ކުރުމުން އެމްޑީޕީން ތިބީ ޖެހިލުންވެފައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޖަމީލް ޕީޕީއެމްއާ ދެވަނަ ފަހަރަށް ގުޅިވަޑައިގަތުމަށް އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ މައިދާނުގައި ރައިސްކަން ކުރި މީހަކާއި ނައިބް ރައީސްކަން ކުރި މީހެއް އިދިކޮޅު ކޯލިޝަންގެ ގެ އިސްސަފަށް ނިކުތުމުން މިހާރުގެ ސަރުކާރުން ޖެހިލުންވެފައި ތިބި ކަމަށެވެ. 

އަދި ހާއްސަކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖެހިލުންވެ ވަޑައިގަންނަވާ ކަމަށާއި އެކަން އެނގިގެން ދިޔައީ 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ ރިޕޯޓެއް ނުފެނިގެން އުޅޭތީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ ރިޕޯޓަކީ ދޮގު ރިޕޯޓެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. 

އެ ރަސްމިއްޔާތުގައި ޖަމީލް ވާހަކަދައްކަވަމުން ވިދާޅުވީ ކައިވެނި ރުޖޫއަ ކުރީ ޕީޕީއެމްގެ ފިކުރަށް އޭނާ އުފަންވުމުން ކަމަށެވެ. އަދި ދުވަހެއްގެ ކޮޅުންވެސް އެމްޑީޕީގެ ފިކުރާ ގުޅިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ. 

ރައީސް ޔާމީނަށް ތައުރީފް ކުރައްވާ ޖަމީލް ވިދާޅުވެފައި ވަނީ ޔާމީނަކީ ރާއްޖެ މިހާރު ދެކޭ ތަރައްގީގެ މަޝްރޫއުތަކުގެ ބާނީ ކަމަށެވެ. އަދި އެމަނިކުފާނު ޖަލުގައި ހުންނެވުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި މި ސަރުކާރުން ޔާމީން ޖަލަށް ލައިގެން އުޅެނީ ސިޔާސީ ހަސަދަވެރިކަމެއްގެ ތެރެއިން ކަމަށް ވެސް ވިދާޅުވި އެވެ. 

"ޕީޕީއެމްގެ ވެރިކަމުގައި 50 އެތަކެއް ރިސޯޓެއް ހުޅުވިގެން ދިޔަ. ޕީޕީއެމްގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ވެސް އެ އޮތީ ނިމިފައި. ޕީޕީއެމްގެ ވެރިކަމުގައި ޓާމިނަލް އެހެރީ ނިމިފައި. ބޮޑު މާސިންގާ ބިޔަ ހޮސްޕިޓަލެއް އެހެރީ ނިމިފައި. ބްރިޖު ވެސް އެ އޮތީ ނިމިފައި. ދިވެހިރާއްޖޭގައި މި އޮތް އިގުތިސާދު ފުޅާކުރާ ވިސްނުން ހަމައެކަނި ދިވެހިރާއްޖޭގައި އޮތް ޕާޓީ އަކީ ޕީޕީއެމް. ރާއްޖޭގައި އިސްލާމްދީނުގެ ވަހުދަތު އަޅުގަނޑުމެން ގާއިމު ކުރަން ބޭނުން ކަމުގައި ވާ ނަމަ އަޅުގަނޑުމެންގެ ކުރިމައްޗަށް ވަރުގަދަ، ބިޔަ، ކެރޭ ލީޑަރަކު އަންނަން އެބަ ޖެހޭ." ޖަމީލް ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން މަނީލޯންޑަރިންގެ ތުހުމަތުގައި ޔާމީން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ "ދަބަސްދަބަހަށް" އަޅައިގެން އުފުލި މީހުން ތިބީ ގޭގައި ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި ބޭރުގެ ގައުމުތަކުގެ މެދުގައި މިހާރު ރާއްޖެ ފަލީހަތްވެގެން ދާކަމަށާއި އެކަމުން ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތަކީ ރައީސް ޔާމީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރުން ކަމަށް ވެސް ވިދާޅުވި އެވެ. 

މިދިޔަ އަހަރުގެ ފެބްރުއަރީ ދިހަ ވަނަ ދުވަހު، ޖަމީލް ވަނީ، ޕީޕީއެމުން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އެހެންނަމަވެސް މިދިޔަ ފެބްރުއަރީ 16 ގައި ވަނީ ޖޭޕީގެ މެމްބަރުކަމުން ވަކިވެވަޑައިގެން ޖަމީލް، ސީއެންއެމްއަށް ވިދާޅުވީ ޖޭޕީ އިން ވަކިވެ ވަޑައިގަތީ ސިޔާސީ މަސައްކަތް އެޕާޓީގައި ހުންނަވައިގެން ކުރުމުގެ ފުރުސަތު ހަނިވެފައިވާކަން ފެނިވަޑައި ގަތުމުން ކަމަށެވެ.   

ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްއަކަށް ޖަމީލް ހުންނެވިއިރު ޔާމީންއާއި ޖަމީލާއި ދެމެދު ޖެހުނު މައްސަލައެއްގެ ތެރެއިން ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، 2015 ވަނަ އަހަރުގެ ޖުލައި ޖުލައި 23 ގައި އޭނާ ވަނީ މަގާމުން ވަކި ކުރައްވާފަ އެވެ. އެއަށްފަހު ޖަމީލު ހުންނެވީ އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގަ އެވެ. އެނބުރި ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުން ޔާމީނަށް ނާކާމިޔާބުވެ ވަޑައިގެންނެވުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް