ads
އެންމެ ފަހުގެ ސާފު ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން ދިވެހި ކުޅުންތެރިން
ސާފު ޗެމްޕިއަންޝިޕު އޮންނާނެ ތާރީހެއް ނިންމަނީ
މި އަހަރުގެ ސާފު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާނެ ތާރީހަކާއި މެދު އަންނަ މަހުގެތެރޭ ގޮތެއް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސާފުގެ ސެކެއްޓްރީ ޖެނެރަލް ބަންގްލަދޭޝްގެ އަންވަރުލްހައްޤު ވިދާޅުވެއްޖެއެވެ. އަންވަރުލް ހައްޤު ވިދާޅުވީ ޖުލައި މަހުގެ ފުރަތަމަ ހަފުތާ ތެރޭ، ސާފުގެ މެންބަރު ގައުމުތަކާއި އެކު ބާއްވާ އޮންލައިން ބައްދަލުވުމެއްގައި މިއަހަރުގެ ސާފު ޗެމްޕިއަންޝިޕާއި މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން، ސާފް ޗެމްޕިއަންޝިޕް މިހާރު ކަނޑައަޅާފައިވާ ތާރީހުގައި ބޭއްވޭނެ ކަމަކަށް ނުބެލެވެއެވެ. މިހާރު ކަނޑައަޅާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސާފު ޗެމްޕިއަންޝިޕް ބޭއްވުމަށެވެ. ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން ނިންމާފައިވަނީ، މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބަންގްލަދޭޝްގައި ބާއްވާށެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބަންގާޅުގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ތާވަލުކޮށްފައި އޮތް ނަމަވެސް، ކޮވިޑުގެ ހާލަތާއި ގުޅިގެން އެ މުއްދަތުގެ ތެރޭގައި މުބާރާތް ބޭއްވޭނެ ކަމަކަށް ނުބެލެވެއެވެ. އަދި މިއަހަރުގެ އެކި ދުވަސްވަރަށް ތާވަލުކޮށްފައިވާ ގިނަ މުބާރާތްތައް މިހާރުވެސް ފަސްކޮށްފައިވާއިރު، ބަންގާޅުގައި ބޭއްވުމަށް ނިންމާފައިވާ ސާފު ޗެމްޕިއަންޝިޕްވެސް ފަސްކުރާނެ ކަމަށް ބެލެވެއެވެ. ސާފު ޗެމްޕިއަންޝިޕާ ގުޅޭ ގޮތުން އަދި މިހާތަނަށް ސީދާ ވަކި ގޮތެއް ނިންމާފައި ނެތް ނަމަވެސް، ޖުލައި މަހު، މެންބަރު ގައުމުތަކާއި އެކު ބާއްވާ ބައްދަލުވުމުގައި ގޮތެއް ނިންމަވާނެ ކަމަށް ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަންގެ ޖެނެރަލް ސެކެއްޓްރީ، ބަންގްލަދޭޝްގެ އަންވަރުލްހައްޤު ވިދާޅުވިއެވެ.

ސާފުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ދިވެހިރާއްޖެއެވެ. ދެހާސް އަށާރަވަނަ އަހަރު ބަންގާޅުގައި އޮތް ސާފު ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބުކުރީ ފައިނަލްގައި އަވަށްޓެރި އިންޑިޔާ ބަލިކޮށްގެނެވެ.

ފަހަކަށް އައިސް ކޮންމެ ދެ އަހަރަކުން އެއް އަހަރު އިންޑިޔާގައި ސާފު ޗެމްޕިއަންޝިޕް ބޭއްވި ނަމަވެސް، ބަންގާޅުގެ އެދުމަކަށް މި އަހަރުގެ ސާފު ޗެމްޕިއަންޝިޕް އެ ގައުމުގައި ބާއްވަން ސާފުން ފުރުސަތު ދިނީއެވެ. ބަންގާޅަށް ފުރުސަތު ދޭން ނިންމީ އެ ގައުމުގެ ފުރަތަމަ ރައީސް ޝެއިޚް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ ސަތޭކަ އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ކުޅިވަރުގެ ހަރަކާތްތަކެއް ބާއްވަން އެގައުމުން ބޭނުންވާތީވެ އެވެ.

މި މުބާރަތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ އިންޑިޔާއިންނެވެ. އިންޑިއާ އިން ހަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާއިރު ރާއްޖެ ދެ ފަހަރު އަދި ބަންގާޅާ އަފްޣާނިސްތާނުން ކުރެ ކޮންމެ ގައުމަކުންވެސް އެއް ފަހަރު މުބާރާތް ކާމިޔާބުކުރިއެވެ. އަފްޣާނިސްތާނު އެކަމަކު މިހާރުވަނީ ރަސްމީކޮށް ސާފުން ވަކިވެފައެވެ. އެހެންކަމުން މިހާރު މި މުބާރާތުގައި ވާދަކުރަނީ ހަތް ގައުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް