ads
އަންހެނުން ސަފާރީއަކަށް ދިއުމުން ރޭޕް ކުރުން އޯކޭ؟
ރޭޕް ގެ ކޭސްތައް ރާއްޖޭގައި ގިނަވާން ފަށާފައި ވަނިކޮށް އިއްޔެ އިވިގެން ދިޔައީ ސަފާރ އަކަށް ދިޔަ ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލަ އެެވެ.

އެ މައްސަލަ އިއްޔެ ފުލުހުންނަށް ހުށައަޅާ 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެހެން ނަމަވެސް އެ ދެމީހުން ވަނީ ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް، ނެތުމުން ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފަ އެވެ. 

އަނިޔާދިން މީހުން ސާބިތު ހެއްކެއް ނެތްކަމަށް ބުނެ ދޫކޮށްލާފައި ވާއިރު، ހައިރާންވެ ކަންބޮޑުވެ އަދި ލަނދުގަންނަނީ ސޯޝަލް މީޑިއާގައި ބައެއް ދިވެހިން ވާހަކަ ދައްކާފައި ހުރި ގޮތުން ނެވެ. 

އެ އަންހެން މީހާ ސަފާރީއަށް ދިއުމުން އެހެން ވާނެ އޭ ބުނެ، ރޭޕް ކުރުން މާ ބޮޑު ކުށަކަށް ނުހެދުމެވެ. އޭނާ އަކީ ބިދޭސީ އަކަށް ވުމުން، އޭނާ އެ ސަފާރީއަށް ދިޔައީ އެފަދަ ބޭނުމެއް ފުއްދަން ކަމަށާއި އެކަން ކާމިޔާބު ނުވުމުން، ނުވަތަ އެކަމާ ހިތްހަމަ ނުޖެހުމުން އެކަން ރޭޕަށް ބަދަލުކޮށް މައްސަލަ ފުލުހުންނަށް ހުށައެޅީ ކަމަށް ބުނެ ބައެއް މީހުން ދަނީ ވާހަކަ ދައްކަމުންނެވެ. 

މިއީ މަޖާ ވާހަކައެއް ކަމަށް ދެކި، "ތި ސަފާރީ ތަކުގައި އަބަދުވެސް ރޭޕްކޮށް ކޮށެއް ނުންހޭ ތިބެނީ، ތީ އަޅެ އާކަމެއްތަ،"، މިހެން މިކަމާ މެދު ދެކޭ މީހުން ވެސް ރާއްޖޭގައި މިހާރު މަދެއް ނޫނެވެ. 

އޭނާ ސަފާރީއަށް ގެންދިޔައީ ގަދަކަމުން ނޫން ކަމަށާއި ދާހިތުން ގޮސް، ކުރާނެ ކަމެއްކޮށް، ލިބެންވާ އެއްޗެއް ނުލިބުމުން ރޭޕް އޭ ކިޔަނީ ކަމަށް ވެސް މީހުން ދަނީ ބުނަމުންނެވެ. 

ސަފާރީ އަކަށް އަންހެނަކު ދާންވީ ކީއްވެތޯ ސުވާލު ކުރި މީހުންވެސް އެބަ ހުއްޓެވެ. ސަފާރީ އަކީ ހަމައެކަނި ފިރިހެނުން ދިއުމަށް ހުރި އެއްޗެއްކަން އެނގުނީ މިއަދު އެވެ. 

ދެން އޮތީ، މިފަދަ ކޮންމެ މައްސަލައެއް ފެންމަތި ވާއިރު، ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު ބުނުމެވެ. 

އޭނާ، ސަފާރީ އަށް ނުދިޔަ ނަމަ އެހެނެއް ނުވާނެ އެއް ނޫން ހެއްޔެވެ. ނުވަތަ އޭނާ ގޭގައި އޮތް ނަމަ އޭނާ ރޭޕް ކުރާނެ މީހަކު ނުވާނެ ނޫން ހެއްޔެވެ. 

އެފަދަ މީހުންނަށް ބުނެލަން އޮތީ ތުއްތު ދަރިފުޅު ރޭޕް ކުރަނީ އޭނާ ގޭގައި އޮއްވާ އޭނާ އަށް ރައްކާތެރިކަން ދޭން ޖެހޭ މީހުންނެވެ. އޮޅުވާލައިގެން، ގްރޫމްކޮށްގެން، ކުދިން ގެންގޮސް ރޭޕް ކުރަނީ ހަމަ ގޭގަ ހުއްޓަ އެވެ. މަގުމަތިން ޖަހައިގަނެގެން ގެންގޮސް ރޭޕް ކުރަނީ އަންހެން ކުއްޖާ ކޮންކަމެއް ކޮށްގެން ހެއްޔެވެ. 

މީހަކު ލާފަ ހުންނަ ހެދުމަކުން، އަދި ދާ ތަަނަކުން، އޭނާ ރޭޕް ކުރުން އޯކޭ އެއް ނުވެއެވެ. މީހަކު ރޭޕް ކުރުން، ކުށްވެރި ކުރަންވީ އެ ރޭޕުގެ ޝިކާރައަކަށް ވި މީހާ އެއް ނޫނެވެ. ރޭޕް ކުރި މީހާ އެވެ. ކޮންމެ ތާކު، ކޮންމެ ހާލަތެއްގައި ހުއްޓަސް، މީހަކު ރޭޕް ކުރުމަކީ އޯކޭ ކަމެއް ނޫނެވެ. އެކަމަށް ބަހަނާތަކެއް ދައްކާކަށް ނުޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް