ads
އޭސީސީ --
ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ރިވިއު ކުރަނީ
އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރުން ހިންގާފައިވާ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އަލުން ރިވިއުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

އޭސީސީން މިއަދު ބުނީ އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރުން ތެލުގެ ވަގު ވިޔަފާރިއެއް ހިންގިކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް ހަވާލުކުރި ގްރާންޓް ތޯންޓަން އިން ކުރި މަސައްކަތުގައި ބޭނުންކުރި ލިޔުންތައް 2013 ވަނަ އަހަރުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހުން އެ ކޮމިޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. 

އެ ލިޔުންތައް މިހާރު ވެސް އެކޮމިޝަނުގައި ހުރިކަން ފާހަގަކޮށް އޭސީސީން ބުނީ އެ މައްސަލައަކީ، 2011 ވަނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ތަހުގީގުކުރަން ފެށި މައްސަލައެއް ކަމަށެވެ. 

އަދި، އެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށްގެންދެވޭ ވަރަށް މައުލޫމާތު ނެތްކަމަށް 2018 ވަނަ އަހަރުގެ މޭ 8 ވަނަ ދުވަހު ވަނީ އެކޮމިޝަނުން ކަނޑައަޅާފައި ކަމަށް ވެސް އޭސީސީން ބުނެ އެވެ. 

"ނަމަވެސް، އެ މައްސަލަ ކޮމިޝަނުގެ ފަރާތުން ރިވިއުކުރަން ނިންމާފައިވާކަން މައުލޫމާތައްޓަކައި ދަންނަވަމެވެ،" އޭސީސީން ބުނެ އެވެ.

އެކަމާއި ގުޅިގެން އޭސީސީގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކު މިރޭ ސީއެންއެމްއަށް ވިދާޅުވީ އެ މައްސަލަ އަލުން ރިވިއުކުރަން ނިންމާފައި ވަނީ މި ދުވަސްވަރު ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓާއި ގުޅިގެން މަޖިލީހުގެ އިތުރުން އާންމުންގެ ތެރެއިން ގިނަ ބަޔަކު ސުވާލު ވެސް ސުވާލު އުފައްދަމުންދާތީ ކަމަށެވެ. 

އެގޮތުން ރިޕޯޓު ރިވިއުކުރަނީ ކުރިން އޭސީސީއަށް އެކަމާއި ގުޅޭ ގިނަ ލިޔެކިޔުންތަކެއް ލިބިފައިވާނިކޮށް އެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށްގެންދެވޭ ވަރަށް މައުލޫމާތު ނެތްކަމަށް ބުނެ މައްސަލަ ނިންމާލާފައިވާތީ އޭރު އެ ނިންމި ނިންމުން ކޮމިޝަނުން ޔަގީންކުރަން ބޭނުންވާތީ ކަމަށް ހަސަން ވިދާޅުވި އެވެ.

ތެލުގެ ވަގު ވިޔަފާރި މައްސަލަ އަލުން ރިވިއުކުރަން ނިންމިއިރު ތެލުގެ ވަގު ވިޔަފާރީގެ ތަހުގީގު ރިޕޯޓެއް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ފޮރުވާފައިވާ ކަމަށް ބުނި މައްސަލައެެއް ވެސް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ދަނީ ބަލަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް