ads
މާލެ ބަނދަރު ސަރަހައްދު ފޮޓޯ: ޕީއެސްއެމް
ބަސް ގަބޫލު ނުކޮށް ތޮއްޖެހިގެން ތިބުމުން ކުރެވޭނެ ކަމެއް ނެތް: ޒަމީރު
މާރުކޭޓު ސަރަހައްދުގައި ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެ އެވެ.

ސީއެންއެމް އައް މައުލޫމާތު ދެއްވަމުން ޒަމީރު ވިދާޅުވީ މަސް މާރުކޭޓު ސަރަހައްދުގައި ކިއު ހަދައިގެން ތިބޭ އިރު، އެތަން މޮނިޓާ ކުރުމަށް ކައުންސިލްގެ ސުޕަވައިޒަރުން ތިބޭ ކަމަށެވެ. 

ކިއުގައި ތިބޭ ވަގުތު ގައިދުރުކަން ނުބަހައްޓާނަމަ އެކަން އެގޮތަށް ނުކުރުމަށް އެ ސުޕަވައިޒަރުން އިލްތިމާސް ކުރާ ކަމަށާއި އެހެން ނަމަވެސް އެ މީހުންގެ ބަސް ގަބޫލު ނުކޮށް ތޮއްޖެހިގެން ތިބުމުން ކައުންސިލަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ޒަމީރު ވިދާޅުވި އެވެ. 

ޒަމީރު ވިދާޅުވީ، އެގޮތަށް ގައިދުރުކަން ނުބަހައްޓާ މީހުންނަށް ފިޔަވަޅު އަޅައި، ހައްޔަރުކޮށް އަދަބު ދިނުމުގެ ބާރު ސިޓީ ކައުންސިލަށް ނޯންނަކަމަށާއި، ބޭނުމަކީ ގަދަބާރުން ގައިދުރުކަން ބެހެންޓުން ނޫން ކަމަށެވެ. 

މިހާލަތުގައި ގައިދުރުކަން ބެހެއްޓުމަކީ މުޅި މުޖުތަމައުގެ ރައްކަލަކަށް ކުރާ ކަމެއް ކަމުން ކައުންސިލުން މަސައްކަތް ކުރަނީ އެކަމަށް ރައްޔިތުން ހޭލުންތެރި ކުރުވާ ފަރުދީ ޒިންމާ ނެގުމަށް ކަމަށް ވެސް ޒަމީރު ވަނީ ފާހަގަކުރައްވާފަ އެވެ. 

your imageފޮޓޯ: ޕީއެސްއެމް

އޭގެ އިތުރުން މާލެ ފިހާރަތައް ކައިރީ ކުރަހާފައި އޮންނަ ގައިދުރުކަން ބެހެއްޓުމުގެ ނިޝާންތަކަށް އަމަލު ކުރޭތޯ ބެލުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީ ފިހާރަތަކުގެ ވެރިނަށް ކަމަށާއި އެ ނިޝާންތަކާއި އެއްގޮތަށް ބައެއް ފިހާރަތައް ކައިރީ އަމަލުކުރި ނަމަވެސް ބައެއް ފިހާރަތަކުގެ ވެރިންގެ ފަރާތުން، އެ ނިޝާންތަކަށް މީހުން އަމަލު ނުކުރާ ކަމުގެ ޝަކުވާ ވެސް ލިބެމުން އަންނަ ކަމަށް ޒަމީރު ވިދާޅުވި އެވެ. 

މިކަންތައްތައް މޮނިޓާ ކުރުމަށް ކައުންސިލްގެ ޓީމެއް ފިހާރަތައް ކައިރީ މާލެ މަގުމަތީގައި ހަރަކާތްތެރި ވަމުން ނުދާ ކަމަށާއި، މޮނިޓާ ކުރަން ބޭނުންވި ނަމަވެސް މުޅި މާލެ މޮނިޓާ ކުރެވޭނެ ވަރަށް ކައުންސިލް ގައި މުވައްޒަފުން ނެތް ކަމަށް ޒަމީރު ފާހަގަ ކުރެއްވި އެވެ. 

އެހެން ނަމަވެސް ސޯޝަލް މީޑިއާ އާއި މީޑިއާ މެދުވެރުކޮށް ރައްޔިތުން މިކަމަށް ހޭލުންތެރި ކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށާއި ބޭނުމަކީ އާންމުން އެމީހުންގެ ޒިންމާ މިކަމުގައި އަދާކުރުން ކަމަށް ޒަމީރު ވިދާޅުވި އެވެ. 

އަންނަ މަހުގެ އެއް ވަނަ ދުވަހު ލޯކަލް މާރުކޭޓަށާއި، މަސް މާރުކޭޓަށް ވަދެ ވިޔަފާރި ކުރުމުގެ ފުރުސަތު ސިޓީ ކައުންސިލުން ހުޅުވާލަން ނިންމާފައި ވާއިރު، މިހާރު ވެސް މަސް މާރުކޭޓު ބޭރުގައި ތިބެގެން މަސް ގަނުމުގެ ފުރުސަތު ކައުންސިލުން ވަނީ ދީފަ އެވެ. 

މާރުކޭޓުތައް އަލުން ހުޅުވާލާ އިރު އެތަންތަން މޮނިޓާ ކުރުމަށް ސިޓީ ކައުންސިލްގެ ސުޕަވައިޒަރުން ތިބޭނެ ކަމަށާއި، މާރުކޭޓަށް އެއްފަހަރާ ވަދެވޭނީވެސް ވަކި އަދަދެއްގެ މީހުންނަށް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި މާރުކޭޓު ތަކުގައި ގައިދުރުކަން ބެހެއްޓުމުގެ ނިޝާންތައްވެސް ސިޓީ ކައުންސިލުން ދަނީ ކުރަހަމުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް