ads
ހދ. ކުޅުދުއްފުށި-- ފޮޓޯ: ކޭއޯ
ދަފްތަރު ނުކުރެވޭ ބިދޭސީން ކުޅުދުއްފުށީގައި ޖޫރިމަނާ ކުރަނީ
ހދ ކުޅުދުއްފުށީގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން ކައުންސިލްގައި މިހާތަނަށް ދަފްތަރު ކުރެވިފައި ނުވާ ބިދޭސީންނާއި މެދު ފިޔަވަޅު އަޅަން ކުޅުދުއްފުށީ ކައުންސިލުން ނިންމާފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން ހދ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ރަޖިސްޓްރީކޮށްފައި ނުވާ ބިދޭސީ މަސައްކަތްތެރިންނަށް ޖުލައި ދެވަނަ ދުވަހުގެ ކުރިން ރެޖިސްޓްރީވާން އަންގައިފި ވާނެ ކަަމަށެވެ.

މިކަމާއި ގުޅޭ ގޮތުން ކުޅުދުއްފުށީ ކައުންސިލުން އިއްޔެ ނެރިފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލްގައި މިހާތަނަށް ދަފްތަރު ކުރެވިފައި ނުވާ ބިދޭސީ މަސައްކަތްތެރިން ޖުލައި މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ކައުންސިލުގައި ރަޖިސްޓަރީވާން ވާނެ ކަމަށެވެ. އަދި ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 ރުފިޔާއާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް އެއިދާރާއިން ބުންނެފައިވެއެވެ.

ކައުންސިލުގެ އެންގުމާއި ހިލާފަށް ކުޅުދުއްފުށީގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ވިޔަފާރިތަކާއި، ކުންފުނި، އަމިއްލަ ފަރާތްތައް އަދި ބިދޭސީ މަސައްކަތްތެރިން ދަފްތަރު ކުރުމަކާ ނުލައި ގަވައިދާ ހިލާފަށް ގެންގުޅޭ ގެތަކުގެ ވެރި ފަރާތްތަކާ މެދު ގައިވެސް ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. ލަތީފް އިތުރަށް ވިިދާޅުވީ މާޗު މަހުގެ ތެރޭގައިވެސް ބިދޭސީންނަށް ދަފްތަރުގައި ނަންނޯޓު ކުރުމަށް އެންގިފައި ވާނެ ކަމަށެވެ.

މީގެ އިތުރުން ރަށްރަށުގައި ވަޒީފާ އަދާކުރާ މީހުންގެ ދަފްތަރު ބެލެހެއްޓުމަކީ ސިޓީ ކައުންސިލް ނުވަތަ އަތޮޅު ކައުންސިލްތަކުގެ މައްޗަށް ވަޒީފާ އާއި ބެހޭ ގާނޫނުން ލާޒިމު ކުރާ ކަމެއް ކަމަށާއި، ކުޅުދުއްފުށީގައި ވަޒީފާ އަދާކުރާ ފާރާތްތަކާއި އެފަރާތުގެ އާއިލާ އެއްވެސް މެމްބަރެއް ރަށުގައި ދިރިއުޅޭނަމަ އެފަރާތްތައް ދަފްތަރު ކުރުމަށް މީގެ ކުރިން ވެސް އަންގާފައިވާނެ ކަމެއްކަމަށްވެސް ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ.

ލަތީފް ވިދާޅުވީ މިކަމަށް ރަށުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އެއްބާރުލުން ލިބެމުން ދާކަމަށެވެ. 

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅެމުން އަންނައިރު ސަރުކާރުން އަންނަނީ ހާއްސަކޮށް މާލޭ ސަރަހައްދުގައި އުޅޭ ބިދޭސީން އެހެން ރަށްރަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް