ads
ރައީސް ޔާމީން-- ފޮޓޯ: ސަން އޮންލައިން
ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ ކޮށްފި
ރ. ފުއްގިރި ކުއްޔައް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނެގި މައްސަލައިގައި ދައުވާ ކޮށްފި އެވެ. މި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން އިތުރު ފަރާތްތަކެއްގެ މައްޗަށް ވެސް ދައުވާ ކޮށްފައިވެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށެވެ. 

މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ. 

މި މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. 

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ. 

ޕީޖީ އޮފީހުން ބުނެފައިވަނީ މި މައްސަލައަކީ ފުލުހުންނާއި އޭސީސީ އަދި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ގުޅިގެން ކޮށްފައިވާ ތަހުގީގެއް ކަމަށެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން ބުނެފައިވަނީ މި މައްސަލައިގައި ޖުމުލަ 534،910،933.50 (ފަސްސަތޭކަ ތިރީސްހަތަރު މިލިއަން، ނުވަލައްކަ ދިހަހާސް ނުވަސަތޭކަ ތެއްތިރީސް ރުފިޔާ ފަންސާސް ލާރި) ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާއާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް