ads
ފިލިތެޔޮ އައިލެންޑް ރިސޯޓް--
ރިސޯޓުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި 1 އަހަރު ދުވަހަށް ފަސްކޮށްފި
ސަރުކާރުން ދޫކޮށްފައިވާ ބިންތަކަށް ދައްކަންޖެހޭ ކުއްޔަށް ސަރުކާރުން ލުއިދީފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ނެރެފައިވާ ސާކިއުލާއެއް ގައި ބުނެފައި ވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމާއި އެކު، އިގްތިސާދަށް ދިމާވެފައިވާ ތަދުމަޑުކަމާއި މި ބަލި ފެތުރުން ކޮންްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަށް ހިންގުމަށް ދަތިވެ، ވިޔަފާރި އާއި އާންމުންނަށް މާލީ ހީނަރުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. 

އެގޮތުން މި ދަތި އުނދަގޫ ދަނޑިވަޅުގައި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އެހީވުމަށާއި ވިޔަފާރި ދެމެހެއްޓުމަށްޓަކައި ސަރުކާރުން ގެންދަނީ މަލީ އެހީތެރިކަމާއި އިތުރު ލުއިތައް ފޯރުކޮށްދެމުންކަމަށާއި ސަރުކާރުން ދޫކޮށްފައިވާ ބިންތަކަށް 2020 ވަނަ އަހަރު ދައްކަންޖެހޭ ކުލި ދެއްކުމުގައި ލުއި ދިނުމަށް ނިންމާފައި ވަނީ މި ސަބަބާހުރެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެ އެވެ. 

ފިނޭންސް މިނިސްޓްރީ އިން ބުނީ ރިސޯޓުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލީގެ ތެރެއިން މި އަހަރުގެ ތިން ވަނަ ކުއާޓާ އާއި ހަތަރު ވަނަ ކުއާޓާ އަށް ނިސްބަތްވާ ކުލި އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ދެއްކުމަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން ދޫކޮށްފައިވާ އެހެނިހެން ބިންތަކަށާއި ތަންތަނަށް މިއަހަރުގެ ޖޫން މަހުން ފެށިގެން ޑިސެންބަރު މަހަށް ދައްކަންޖެހޭ ކުލި ވެސް އަންނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ދައްކާގޮތައް ފަސްކޮށްފައިވާ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ. 

މިނިސްޓްރީ އިން ބުނެފައި ވަނީ މިގޮތަށް ކުލި އަނބުރާ ދައްކަންޖެހޭނީ އެއް އަހަރުގެ މުއްދަތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ކުލި ދައްކަނީ ތިން މަހުން އެއްމަހުނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ އެކެއް ޖޫން 2021 އިން ފެށިގެން ހަތަރު ކުއާޓަރަށް ބަހާލައިގެން ކަމަށް މިނިސްޓްރީ އިން ނެރުނު ސާކިއުލާގައި ބުނެ އެވެ، އެހެން ކަމުން މިގޮތަށް ކުލި ދައްކާނަމަ ދައްކަން ޖެހޭނީ، 2021 ވަނަ އަހަރުގެ ޖޫން، ސެޕްޓެމްބަރު، ޑިސެމްބަރު އަދި 2022 ވަނަ އަހަރުގެ މާޗު މަހު އެވެ. 

އޭގެ އިތުރުން ކުލި އަނބުރާ ދައްކާނީ މަހުން މަހުންނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކަންޖެހޭނީ އަންނަ އަހަރުގެ ޖޫން އެއް ވަނަ ދުވަހުން ފެށިގެން 12 މަސް ދުވަހަށް ބަހާލައިގެން ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.

މިނިސްޓްރީ އިން އިތުރަށް ބުނެފައި ވަނީ ކުލި ދެއްކުން ފަސްކޮށްދިން މުއްދަތުގެ ތެރޭގައި ފަރާތަކުން ފައިސާ ނުދެއްކިޔަސް ޖޫރިމަނާއެއް ނުހިނގާނެ ކަމަށާއި މިގޮތަށް ފަސްކޮށްދޭ ކުއްޔަށް ފައިސާ ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ އާއި އިންޓްރެސްޓް ހިނގަން ފަށާނީ އަލުން ފައިސާ ދައްކަންޖެހޭ މުއްދަތުގައި އެ ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ ސުންގަނޑިއަށް ފައިސާ ނުދައްކާނަމަ ކަމަށެވެެ. 

މިގޮތަށް މިނިސްޓްރީ އިން ފަސްކޮށްދީފައިވާ ކުލީގެ ތެރޭގައި ހިމެނެނީ އެކި މިނިސްޓްރީތަކުންނާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އެހެނިހެން އޮފީސްތަކާއި މިނިސްޓްރީތަކުން ހިންގާ ޓްރަސްޓް ފަންޑުތަކުން ނަގާ ކުއްޔެވެ. މި ފަންޑުތަކުގެ ތެރޭގައި ޒަކާތު ފަންޑެއް ނުހިމެނޭނެ އެވެ. 

މިނިސްޓްރީ އިން ވަނީ ކުލި ދެއްކުމަށް ލުއި ދިނުމުގެ ސަބަބުން ކުއްޔަށް ހިފާފައިވާ ފަރާތާއި ސަރުކާރާއެކު ވެފައިވާ ކުލީގެ އެއްބަސްވުމެއް އިސްލާހުކުރަންޖެހޭނަމަ، އެ އިސްލާހުތައް ގެނައުމަށް އަންގާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް