ads
ސާފްގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ދިވެހިރާއްޖެ
ސާފު ޗެމްޕިއަންޝިޕާ މެދު މިއަދު ގޮތެއް ނިންމަނީ
މި އަހަރުގެ ސާފު ޗެމްޕިއަންޝިޕާ މެދު މިއަދު ގޮތެއް ނިންމާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ކުރިން ބެލެވިފައި އޮތީ ސާފް ޗެމްޕިއަންޝިޕާ މެދު ގޮތެއް ނިންމާނީ ޖުލައި މަހުގެ ފުރަތަމަ ހަފުތާ ތެރޭ ކަމަށެވެ.

ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މިއަދުގެ ވަގުތެއްގައި ސާފުގެ މެންބަރު ގައުމުތަކުގެ މެދުގައި ވަރޗުއަލް ބައްދަލުވުމެއް އޮންނާނެ އެވެ. މި ބައްދަލުވުމުގައި މެންބަރު ހުރިހާ ގައުމެއްގެ ސެކެއްޓްރީ ޖެނެރަލުން ބައިވެރިވާއިރު، މި ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ސާފު ޗެމްޕިއަންޝިޕާ މެދު ގޮތެއް ނިންމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާރު ކަނޑައަޅާފައި އޮތް ގޮތުން ނަމަ ސާފު ޗެމްޕިއަންޝިޕް އޮންނާނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ޑާކާގައެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން، ސާފް ޗެމްޕިއަންޝިޕް މިހާރު ކަނޑައަޅާފައިވާ ތާރީހުގައި ބޭއްވޭނެ ކަމަކަށް ނުބެލެވެއެވެ. ސާފުގެ ސެކެއްޓްރީ ޖެނެރަލް އަންވަރުލް ހައްޤާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ ބައްދަލުވުމުގައި ނިންމާ ގޮތެއް، ސާފުގެ ރައީސްއާ ހިއްސާ ކުރުމަށް ފަހު ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވަކި ގޮތެއް ފައިނަލް ކުރާނެއެވެ.

މިއަދު (ހޯމަ ދުވަހު) ސާފުގެ މެންބަރު ގައުމުތަކުގެ ސެކެއްޓްރީ ޖެނެރަލުންނާއި އެކު ބައްދަލުކޮށް، ސެޕްޓެމްބަރު މަހު ބޭއްވުމަށް ރާވާފައިވާ ސާފު ޗެމްޕިއަންޝިޕާ މެދު މަޝްވަރާ ކުރާނެ. މިހާރު އޮތް ތާރީޚުގައި ބޭއްވޭނެ ކަމަކަށް ނުބެލެވޭ. އެހެންކަމުން ކަލަންޑަރަށް ގެންނާނެ ބަދަލުތަކާ މެދު މަޝްވަރާކުރުމަށް ފަހު ޖުލައި މަހު ފުރަތަމަ ހަފުތާތެރޭ ގޮތެއް ފައިނަލް ކުރެވޭނެ.

މިއަހަރުގެ އެކި ދުވަސްވަރަށް ތާވަލުކޮށްފައިވާ ގިނަ މުބާރާތްތައް މިހާރުވެސް ފަސްކޮށްފައިވާއިރު، ބަންގާޅުގައި ބޭއްވުމަށް ނިންމާފައިވާ ސާފު ޗެމްޕިއަންޝިޕްވެސް ފަސްކުރާނެ ކަމަށް ބެލެވެއެވެ.

ސާފުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ދިވެހިރާއްޖެއެވެ. ދެހާސް އަށާރަވަނަ އަހަރު ބަންގާޅުގައި އޮތް ސާފު ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބުކުރީ ފައިނަލްގައި އަވަށްޓެރި އިންޑިޔާ ބަލިކޮށްގެނެވެ. ފަހަކަށް އައިސް ކޮންމެ ދެ އަހަރަކުން އެއް އަހަރު އިންޑިޔާގައި ސާފު ޗެމްޕިއަންޝިޕް ބޭއްވި ނަމަވެސް، ބަންގާޅުގެ އެދުމަކަށް މި އަހަރުގެ ސާފު ޗެމްޕިއަންޝިޕް އެ ގައުމުގައި ބާއްވަން ސާފުން ފުރުސަތު ދިނީއެވެ. ބަންގާޅަށް ފުރުސަތު ދޭން ނިންމީ އެ ގައުމުގެ ފުރަތަމަ ރައީސް ޝެއިޚް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ ސަތޭކަ އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ކުޅިވަރުގެ ހަރަކާތްތަކެއް ބާއްވަން އެގައުމުން ބޭނުންވާތީވެ އެވެ.

މި މުބާރަތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ އިންޑިޔާއިންނެވެ. އިންޑިއާ އިން ހަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާއިރު ރާއްޖެ ދެ ފަހަރު އަދި ބަންގާޅާ އަފްޣާނިސްތާނުން ކުރެ ކޮންމެ ގައުމަކުންވެސް އެއް ފަހަރު މުބާރާތް ކާމިޔާބުކުރިއެވެ. އަފްޣާނިސްތާނު އެކަމަކު މިހާރުވަނީ ރަސްމީކޮށް ސާފުން ވަކިވެފައެވެ. އެހެންކަމުން މިހާރު މި މުބާރާތުގައި ވާދަކުރަނީ ހަތް ގައުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް