ads
ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް
ނައިފަރު ކައުންސިލް ރައީސްގެ އިތުބާރުނެތް ކަމަށް ފާސްކޮށްފި
ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމްގެ އިތުބާރު ނެތް ކަމަށް ކައުންސިލުން ފާސްކޮށްފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން ނައިފަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާހިދު ވިދާޅުވީ ނައިފަރު ކައުންސިލް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު މިއަދު ކައުންސިލްގެ މެންބަރުންގެ މެދުގައި ނަގާފައިވާ ކަމަށެވެ. 

ނައިފަރު ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ތިން މެމްބަރުންގެ އިއްތިފާގުންނެވެ. މި ޖަލްސާގައި ކައުންސިލްގެ ރައީސް ކާރިމްގެ އިތުރުން ކައުންސިލްގެ މެމްބަރު މަމްނޫހް އީސާ ބައިވެރިވެފައެއް ނުވެއެވެ. 

މި މައްސަލައިގައި "ސީއެންއެމް"އިން ގުޅުމުން ނައިފަރު ކައުންސިލްގެ ރައީސް ކާރިމް ވިދާޅުވީ، އިތުރުބާރު ނެތްކަމަށް ވޯޓު ނެގުމަށް ޖަލްސާއެއް ބޭއްވިކަމެއްވެސް ޖަލްސާ އެޖެންޑާ ކޮށްފައި އޮތީ ކާކުކަމެއްވެސް އަދި އެޖެންޑާ ހެދީ ކާކުކަމެއްވެސް އިނގިފައި ނެތްކަމަށެވެ. އެހެން ނަމަވެސް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވެފައިވަނީ ޖަލްސާ ބާއްވާކަން ކައުންސިލްގެ ރައީސް އަށް އަންގާފައިވާ ކަމަށެވެ. 

މިކަމާއި ގުޅޭ ގޮތުން ނައިފަރު ކައުންސިލްގެ މެންބަރު ވިދާދު އަބްދުﷲ ސީއެންއެމްއަށް މައުލޫމާތު ދެމުން އިތުރަށް ވިދާޅުވީ ލާމަރުކަޒީ އުސޫލާއި އެއްގޮތަށް ކައުންސިލް ހިންގުމުގައި އިހްމާލުވެފައިވާތީ ކައުންސިލް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޗިޓް ހަވާލުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައި ކަމަށެވެ. އަދި ކަންކަން އިސްލާހު ކުރުމަށް 30 ދުވަހުގެ މުއްދަތެއް ދެވިފައިވާކަމަށާއި އެ މުއްދަތު ހަމަވެފައިވަނީ މި މަހުގެ 24 ވަނަ ދުވަހަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ކައުންސިލްގެ ފަރާތުން  ޗިޓް ހަވާލު ކުރިފަހުން ކައުންސިލްގެ ރައީސް އެއްވެސް ބައްދަލުވުމަކަށް ހާޒިރުވެފައި ނުވާ ކަމުގައި ވިދާދް ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް