ads
ޖެންޑާ މިނިސްޓްރީ ދޮށުގައި މީހުން މުޒާހަރާކުރަނީ--
ޖެންޑާ މިނިސްޓްރީ ދޮށުގައި މުޒާހަރާކުރަނީ
ރާއްޖޭގައި މިފަހަކަށް އައިސް ރޭޕްގެ މައްސަލަތައް އިތުރުވެފައިވާތީ އެފަދަ މައްސަލަތައް ބަލައި، ރޭޕްގެ ޝިކާރާއަކަށްވާ ފަރާތްތަކަށް އިންސާފު ހޯދުމަށް ގޮވާލާއި، ޖެންޑާ މިނިސްޓްރީ ދޮށުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

އެގޮތުން ވޮއިސް އޮފް ޗިލްޑްރަންގެ ނަމުގައި ހިންގަމުން އަންނަ ހަރަކާތަކުން އިސްނަގައިގެން ބާއްވަމުން އަންނަ މުޒާހަރާގައި ގިނަ އަދަދެއްގެ ޒުވާނުން ދަނީ ބައިވެރިވަމުންނެވެ. 

އެ މުޒާހަރާއަކީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލުމާއި ގުޅިގެން ބާއްވަމުން އަންނަ މުޒާހަރާއެކެވެ.  

އެގޮތުން އެކި ބޯޑުތަކާއި ބެނާތައް ހިފައިގެން ތިބެގެން މުޒާހަރައިގެ ބައިވެރިން ދަނީ ރޭޕްކުރި މީހުން ހައްޔަރުކުރުމަށް ގޮވާލަމުންނެވެ. އަދި ރޭޕަކީ ކޮރޯނާއަށް ވުރެ ނުބައި ވަބާއެއް ކަމަށާއި އެފަދަ ނުބައި އަމަލުތައް ހިންގާ މީހުން ހައްޔަރުކޮށް އަދަބު ދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ. 

ސީދާ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި މުޒާހަރާކުރަން ރޭވި ނަމަވެސް ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފަ އެވެ. އެހެންވެ މުޒާހަރާކުރަމުންދަނީ ޖެންޑާ މިނިސްޓްރީ ކައިރީގަ އެވެ. އަދި އެ ފުރުސަތު ފުލުހުން ވަނީ ދީފަ އެވެ.

އިޖުތިމާއީ ގައިދުރުކަމުގެ އިތުރުން މާސްކް އަޅައިގެން ތިބެ މުޒާހަރާކުރަމުން އަންނައިރު އެ ސަރަހައްދުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. 

މީގެ ކުރިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވެ އަޑުގަދަކުރުމުން ފުލުހުން ވަނީ އެއްވުން ރޫޅާލާފަ އެެވެ. އެކަމަކު އަދި މި އެއްވުން ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރަމުންދާ މަންޒަރެއް ނުފެނެ އެވެ.  

މިއަހަރުގެ ކުރީކޮޅު ރާއްޖޭގެ ރަށެއްގައި އުމުރުން އެންމެ ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ވެސް ހޫނުވެ، ގިނަ ބަޔަކު ވަނީ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި މުޒާހަރާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް