ads
ރޭޕްކުރުމާއި ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން--
ރޭޕްއާ ދެކޮޅަށް މުޒާހަރާ: އަނިޔާގެ ޝިކާރައަކަށްވި ކުދިންގެ ދުލުން އެ ބިރުވެރިކަމާއި ހިތްދަތިކަން!
މިކުޑަކުޑަ ރާއްޖޭގައި ރޭޕްކުރުމާއި ޖިންސީ ގޯނާގެ މައްސަލަތައް އިންތިހާއަށް އިތުރުވެ އެ ވާހަކަތަކުން ސޯޝަލް މީޑިއާ މިވަނީ ގުގުމާލާފަ އެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި އަންހެނަކަށް ސަފާރީއެއްގައި ކުރިމަތިވި ހާދިސާއާއެކު އަޑުތައް އަރައިގެން އައި ގޮތުން އާންމުންގެ މެދުގައި ނުތަވަސްކަން އިތުރުވީ އެކަން ކުރި ކަމަށް ބުނާ ބަޔަކު ދޫކޮށްލި ވާހަކައިންނެވެ. އެއީ ސިޔާސީ ގޮތުން، ބާރުވެރި ބަޔަކު ފަހަތުގައި ހިމެނޭކަމެއް ކަމުން، އެމީހުން ދޫކޮށްލުމާއި ގުޅިގެން އިއްޔެ ވަނީ އަނެއްކާ ވެސް ރޭޕްކުރުމާއި ދެކޮޅަށް މުޒާހަރާއެއް ބާއްވާފަ އެވެ.

އިއްޔެ ހަވީރު ގިނަ އަދަދެއްގެ ޒުވާނުން، ޖެންޑާ މިނިސްޓްރީ ކައިރިއަށް އެއްވެ އެއް އަޑުކުން ގޮވަމުންދިޔައީ ރޭޕު ކުރުމާއި ޖިންސީ ގޯނާކުރުން ހުއްޓުވުމަށެވެ. އަދި އެކަމުގެ ފަހަތުގައިވާ މީހުން ހައްޔަރުކުރުމަށް ދިޔައީ ގޮވަމުންނެވެ. މުޖުތަމައުގައި ވަކި ހިއްޕާފައިވާ އެ ނުބައި ވަބަޔަކަށް އަރައި ގަތީ، އާރާއި ބާރު އޮތް މީހެއް ނަމަވެސް އެމީހަކު ހިފާ ހައްޔަރުކުރަން ދިޔައީ ގޮވަމުންވެ. އިންސާފުގެ ކުރިމަތީގައި ޝާހީ އާއިލާތަކާއި އެންމެ ނިކަމެތި މީހާވެސް ވާނީ ހަމަހަމަ ކަމަށް ބުނެ، އެ އަނިޔާވެރި މީހުންގެ ޝިކާރައަކަށްވީ ކުދިންނަށް އިންސާފު ހޯދައިދިނުމަށް ދިޔައީ އާދޭހާއެކު ގޮވަމުންނެވެ. 

އެއްވުމުގެ ބައިވެރިން ޖެންޑާ މިނިސްޓްރީ ދޮށުގައި އަޑުއުފުލަށް ފަހު މިސްރާބު ޖެހީ ހުރި ގޮތަށް އާޓިފިޝަލް ބީޗާއި ދިމާލަށެވެ. އެ ދިމާލުން ގޮސް، ބޭންކް އޮފް ސިލޯނު ކައިރީ މަޑުކުރުމަށް ފަހު ދިޔައީ ރޭޕްކުރުމާއި ޖިންސީ ގޯނާ ހުއްޓުވުމަށް ގޮވާ އަޑުގަދަ ކުރަމުންނެވެ. މި މުޒާހަރާ ނިންމާލުމުގެ ކުރިން، ބައެއް އެއްވުމުގެ ބައިވެރިންގެ ކިބައިން ފެނިގެންދިޔަ ހިތްވަރަށް ސާބަސް ދޭހާވެ އެވެ. 

ލައުޑްސްޕީކާ ބޭނުންކޮށްގެން އެ ކިޔައިދިނީ އެކުދިން، ޖިންސީ ގޯނާ ނުވަތަ ރޭޕްގެ ޝިކާރައަކަށްވި ގޮތެވެ. މިއީ އަޑުއަހަން ވެސް ފަސޭހަ ވާހަކައަކަށް ނުވި އެވެ. އަދި އެއަށް ވުރެ ކިޔައިދޭން އުނދަގޫ ވާހަކައެއްކަން އެ ވާހަކަ ހިއްސާކުރަމުންދިޔައިރު އެކުދިންގެ އަޑާއި ރާގުން އެނގިގެންދިޔަ އެވެ. ގިސްލަމުން އެއްވެ ތިބި އެތައް ބަޔަކަށް އިވޭވަރަށް އެ ހިއްސާކޮށްލީ ދިރިއުޅުމުގެ އަނދިރި ސޮފުހާއެކެވެ. ރޭޕުގެ ސަބަބުން އެކުދިންގެ ހަޔާތް ބަދަލުކޮށްލި ގޮތުގެ ހިތްދަތި ވާހަކަތަކެވެ. 

އޭގެ ތެރެއިން އެއް އަންހެން ކުއްޖަކީ އުމުރުން އެންމެ އަށް އަހަރުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖެކެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށްވިތާ އެތައް ދުވަހެއް ފަހުން، އެކުއްޖާ އެތައް ބައެއްގެ ކުރިމަތީގައި އެ ހާދިސާ ހިއްސާކުރީ ކަރުނަ އަޅަމުންނެވެ. ކޮންމެވެސް ވިސްނުމެއްގެ ތެރެއަށް ގޮސް ގެއްލި، މީހާއަށް މުޅި މާހައުލާގައި ކަން ހިނގާގޮތް ނޭނގޭ ހާލަތަށްދާ ވާހަކަ ބުންޏެވެ. އަދިވެސް އެ ވޭނާއި ތަކުލީފު އެކުއްޖާ ދަނީ އުފުލަމުންނެވެ. މިއަދު ވެސް އެފަދަ ނަފްސާނީ އެތައް މައްސަލައެއް ކުރިމަތިވާކަމަށް ބުނެ އެވެ.

އެ މުޒާހަރާގައި އެކުއްޖާ ފަދަ ޖިންސީ ގޯނާގެ ޝިކާރައަކަށްވި އެތައް ބަޔަކު ބައިވެރިވި އެވެ. އެމީހުން ދިރިއުޅުމުގައި ކޮންމެ ދުވަހަކު އުފުލަމުން އަންނަ ވޭނާއި ތަކުލީލު އެހެން މީހެއްގެ ދަރިއަކަށް ވެސް ލިބެން ނޭދޭ ހާލު، މުޒާހަރާގައި ބައިވެރިވެ އެ ދެއްކި ހިތްވަރަކީ މިއަދު ކޮންމެ އާއިލާއަކުން މިސާލު ނަގަންވީ ކަމެކެވެ. އާއިލާގެ އަބުރާއި އިއްޒަތާއި ކަރާމާތް ހިފެހެއްޓުމަށްޓަކައި އާއިލާގެ ތެރެއިން ޖިންސީ ގޯނާ ނުވަތަ ރޭޕްގެ ޝިކާރައަކަށް ދަރިފުޅުވުމުން، އެކަން މާބޮޑު ކަމަކަށް ނުހަދާ އޮއްބާލާ މައިންބަފައިން ވިސްނަންވީ ކަމަކީ މިއަދު ސިއްރު ކުރާ ތިކަމުން ކުއްޖާގެ މުޅި ދިރިއުޅުން ތި ހަލާލުކޮށްލަނީ އަމިއްލަ އަތުން ކަމެވެ. 

މާދަމާ ވެސް އެ ކުއްޖާ ބޮޑުވެ މައިންބަފައިންނަށް ކުރާނެ ނަފުރަތާއި މެދު ވިސްނާށެވެ. އެކުއްޖާގެ ގައިގާ ކޮންމެ ދުވަހަކު އެ އަޅާއި ވޭނާއި އެއްވަރަށް ނަފްސާނީ ގޮތުން ކުރާނެ އަސަރާ މެދު ވިސްނާށެވެ. އެފަދަ ކަމެއް ހިނގުމުން ވީ އެންމެ އަވަހަށް ރިޕޯޓުކޮށް، ދަރިފުޅަށް އިންސާފު ހޯދައިދޭން މަަސައްކަތްކުރާނަމަ، އެ ދުވަހު، ދަރިފުޅަށް ބެހުނު މީހާއަށް އިތުރު އެހެން މީހެއްގެ ގައިގާ އަތްލަން ވެސް ނުކެރޭނެކަން ޔަގީނެވެ.

އެންމެން ގުޅިގެން މިފަދަ މައްސަލަތައް ހައްލުކުރެވެން އޮތް ގޮތަކީ ކިރިޔާވެސް ކަމެއް ހިނގާކަމުގެ ޝައްކު އުފެދުނަސް ރިޕޯޓުކޮށްގެންނެވެ. އަދި ރިޕޯޓްކުރާ މައްސަލަތަކާއި ގުޅިގެން ކަމާއި ބެހޭ މުވައްސަސާތަކުން އަމަލުކުރާ ގޮތް ގާތުން ބަަލައިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް