މިކަމާއި ގުޅިގެން ސީޕީ ހަމީދު މިއަދު ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހްގީގު ކުރަން ފަށައިފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ އިތުރުން ހިއުމަންރައިޓްސް ކޮމިޝަނުން ވެސް ބަލަމުންދާކަން ފާހަގަކުރެއްވިއެވެ.
ސީޕީ އިތުރަށް ވިދާޅުވެފައި ވަނީ މިމައްސަލައިގައި ކަން ހިނގައި ދިޔަ ގޮތް ބެލުމަށް އިދާރާތަކުން ކުރިއަށް ގެންދާ ތަހްގީގު ވަރަށް އަވަހަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ.
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއަކަށް ދިޔަ އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވުނު ދެމީހަކު ކޯޓަށް ވެސް ނުގެންގޮސް، ދޫކޮށްލުމުން ފުލުހުންނަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ރޭޕާއި ދެކޮޅަށް އިއްޔަ ވަނީ މާލޭގައި މުޒާހަރާއެއް ވެސް ކޮށްފައެވެ. މި އިހްތިޖާޖްގައި ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައެވެ.