ads
ފިޓްފާޒިލް، ނަސީބުވެރިޔާއަސް އޭނާ ދޭން ބުނި ހަދިޔާތަކާއެކު - ފޮޓޯ: ފާޒިލް
ފިޓް ފާޒިލް މައާފަށް އެދިއްޖެ
ސޯޝަލް މީޑިއާގައި ދިވެހިންގެ ތެރޭގައި މަގުބޫލު ފާޒިލް އިސްމާއީލް (ފިޓް ފާޒިލް) އިންސްޓަގްރާމްގައި އޭނާ އަށް ފޮލޯ ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް އަގުބޮޑެތި އިނާމުތަކެއް ދޭން ހިންގި "ޕްރޮމޯޝަން" ނިމި، އިނާމު ހަވާލުކުރި ކަމަށް ބުނުމާ އެކު ގިނަ ސުވާލުތަކެއް އާންމުން އުފެއްދި އެވެ. ޝަރުމީލާ، ނަމަކަށް ކިޔާ މީހަކަށް އިނާމު ދިން ކަމަށް ބުނެ ސަޕޯޓަރުންނަށް ވެސް ހަދަން އުޅުނީ މަކަރާ ހީލަތެވެ. ސޯޝަލް މީޑިއާގައި އާންމުވި ފާޑުކިޔުންތަކާއެކު އެންމެ ފަހުން ހެދި ދޮގު މައްޗަށް އިތުރު ދޮގެއް ހަދާއި، ޝަރުމީލާ، ކަމަށް ބުނެ މޫނު އަޅާފައިވާ އަންހެނަކު ދެއްކި އެވެ. އިންސާނަކަށް ކުށެއް ވެސް ކުރެވިދާނެ އެވެ. އެކަމަކު އެ ކުށް ގަބޫލުކޮށް މައާފަށް އެދުމުގެ ބަދަލުގައި ދޮގު ހެދުމުން، ގިނަ ބަޔަކު އޭނާ ދެކެ، އައި ރުޅީގައި އަންފޮލޯ ކުރަން ފެށި އެވެ.

އެކަމެއް ހިނގިތާ މިހާރު ދެ ހަފުތާއަށް ވުރެ ދުވަސް ވެއްޖެ އެވެ. އިތުރު ގޮތެއް ނެތި އެންމެ ފަހުން ފާޒިލް މިވަނީ އެއީ ފޭކް ޝަރުމީލާއެއް ކަމަށް އެއްބަސްވެ، މައާފަށް އެދިފަ އެވެ. 

މިއަދު އިންސްޓަގްރާމު ސްޓޯރީއަށް އޭނާ ހިއްސާކުރި ޕޯސްޓުގައި ވަނީ އެންމެންގެ ކިބައިން މައާފަށް އެދިފަ އެވެ. ވަކިން ހާއްސަކޮށް، މޫނު ބުރުގާ އަޅާ މީހުންގެ ކިބައިން އޭނާ މައާފަށް އެދިފައި އެމީހުންނަށް އިހުތިރާމު ކުޑަވާ ފަދަ ގޮތަކަށް އަމަލުކުރެވުމުންނެވެ. 

އަދި އޭނާގެ މަގްސަދަކަށްވީ އެއްވެސް މީހަކަށް ދެރައެއް ދިނުން ނޫން ކަމަށް ވެސް ބުންޏެވެ. ފާޒިލް ވަނީ އޭނާއަށް ކުރެވުނު ކަމެއްގެ ސަބަބުން އޭނާއާ ދެމެދު މީހުން ދެކޭ ގޮތަށް ވެސް ބަދަލުތަކެއް އަންނާނެކަން ގަބޫލުކުރާ ކަމަށާއި އެކަމަކު ދިރިއުޅުމުގައި އެ ލިބުނު ފިލާވަޅުން، ރަނގަޅު މީހަކަށް ވާނެ ކަމަށް ވެސް ބުނެފަ އެވެ. 

އެ އިނަމާއެކު އޭނާ ހޫނު ފެނަށް ވެއްޓުމުން، ވަނީ މެނޭޖަރުގެ ބޮލުގައި ވެސް ގިނަ ތުހުމަތުތަކެއް އަޅުވާފަ އެވެ. ބައެއް މީޑިއާތަކަށް ފާޒިލް ބުނި ގޮތުގައި އޭނާ ވަރަށް "ސީރިއަސް" ކޮށް ވެސް ސަޕޯޓަރުންނަށް ގިވްއަވޭ ދިނުމުގެ ވިސްނުން ގެންގުޅުންކަމަށާއި އެކަމަކު އޭތި ފަނިކޮށްލީ މެނޭޖަރު ކަމަށެވެ. 

ގިވްއަވޭގެ ގޮތުގައި ދޭނެ އެއްޗެހި ފޮޓޯގަނޑެއްގެ ގޮތުގައި ނެގީ މަޖާކުރުމުގެ ގޮތުން ކަމަށާއި ސޯޝަލް މީޑިއާއަށް އެތަކެތި ހިއްސާކުރުމުން އެއަށް ލިބުނު ތަރުހީބާއެކު އެކަން ކުރުން ނޫން ގޮތެއް ނެތިގެން އޭނާ ހުރީ އެތަކެތި ހަދިޔާކުރަން ތައްޔާރަށް ކަމަށް ވެސް ބުނެ އެވެ. އެކަމަކު އެންމެ ފަހުން ކައިރީގައި އުޅުނު މެނޭޖަރު ދިން ދޯކާގެ ވާހަކަ ވަރަށް ތަފްސީލުކޮށް ފުރަތަމަ ފަހަރަށް އޭނާ ވަނީ މީޑިއާއަކަށް ކިޔައިދީފަ އެވެ. ބޮޑެތި ތުހުމަތުތަކެއް މެނޭޖަރަށް ކުރިޔަސް، އޭނާ ވަނީ އެކަންކަން ވެސް ދޮގުކޮށްފަ އެވެ. އަދި ފާޒިލް ދައްކަނީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ބުނެ އެވެ. 

ފާޒިލް އޭނާގެ ފޮލޯވަރުންނަށް ދޭން އިއުލާނުކުރި ހަދިޔާތަކުގެ ތެރޭގައި މެކްބުކް ގޯލްޑް އެއާ އަކާއި، އެއާޕޮޑެއްގެ އިތުރުން 512 ޖީބީގެ އައިފޯން އެކްސް އެސް އަކާއި ވިކްޓޯރިއާ ސީކްރެޓް ގިފްޓް ހެމްޕާ އަކާއި ޖޯޖިއާ އާއި ގޫޗީގެ އިތުރުން ޑިއޯ އާއި އަރުމާނީ ފަދަ އަގުބޮޑު ބްރޭންޑްތަކުގެ ސާމާނު ހިމެނެ އެވެ. އެ ހުރިހާ އެއްޗެއްގެ އަގު ބައި ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ވާނެ ކަން ޔަގީނެވެ. 

ފާޒިލް ފޮލޯކުރާ މީހުންގެ އަދަދު ލައްކައަކަށް އަރަން ގާތްވެފައިވަނިކޮށް ފާޒިލް، ސަޕޯޓަރުންނަށް ދިން ބޮޑު ދޯކާއާއެކު މިވަނީ 84000 ފޮލޯކުރާ މީހުންގެ އަދަދު ވެއްޓިފަ އެވެ.

ސޯޝަލް މީޑިއާގައި އެ ފަދަ ޕްރޮމޯޝަންތައް ހިންގައި، މަކަރާއި ހީލަތް ހެދުމަކީ ސީރިއަސް މައްސަލައެކެވެ. ބޭރު ގައުމުތަކުގައި ވެސް މިފަދަ ކަންކަން ކަމާގުޅޭ ފަރާތްތަކުން ތަހުގީގު ކޮށް، ފިޔަވަޅު އަޅާފައި ވެސް އެބަހުއްޓެވެ. މަކަރާއި ހީލަތް ހެދުމުގެ ތުހުމަތު ކުރެވޭ މި މައްސަލަ ފުލުހުން އިސް ނަގައިގެން ނުބަލާނަމަ، އެ އިނާމު ހޯދުމަށް ބައިވެރިވި މީހުން އެ މައްސަލަ ފުލުހަށް ހުށަހަޅައިގެން ތަހުގީގު ކުރުމަކީ ކުރިއަށް އޮތް ތަނުގައި އެފަދަ އޮޅުވާލުންތައް ހުއްޓުވަން އެޅޭނެ ފިޔަވަޅެއް ކަމަށް ބައެއް މީހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް