ads
ކޮސޯވޯ މައްސަލަ--
ކޮސޯވޯގެ މިނިވަންކަން ބަލައިގަތް މައްސަލަ ބެލުމުގެ ގަރާރު ބޭރުކޮށްލައިފި
ދިވެހިރާއްޖެއިން ކޮސޯވޯގެ މިނިވަންކަން ބަލައިގަނެ އެކަން ރަސްމީކޮށް އިއުލާން ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމުމަތުކޮށް އެމައްސަލަ ބެލުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

އެ ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ އެ ގަރާރު ހުށަހެޅުއްވި ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެކަނި އެވެ. އެ ގަރާރު ބަލައިގަތުމަށް ނުފެންނަކަމަށް 60 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

މިދިޔަ އަހަރު ނަޝީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ 2008 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ކޮސޮވޯ އިން އަމިއްލަ އަށް އެއީ ވަކި ދައުލަތެއް ކަމަށް އިއުލާންކުރި ނަމަވެސް އެއީ ގާނޫނީ ދައުލަތެއް ކަމަށް އދ. އާއި ބައެއް ގައުމުތަކުން އަދިވެސް ގަބޫލުކޮށްފައި ނުވާ ކަމަށެވެ. ކޮސޮވޯ އަކީ ދައުލަތެއްގެ ގޮތުގައި ބަލައި ނުގަންނަ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އެކުވެރި ގައުމުތައް ކަމަށްވާ ޗައިނާ، އިންޑިއާ އަދި ލަންކާގެ ނަން ގަރާރުގައި ފާހަގަކުރައްވާފައިވެ އެެވެ.

މިގަރާރުގައި ވިދާޅުވެފައިވަނީ ކޮސޮވޯގެ މިނިވަންކަމާ ގުޅޭ ބަހުސް އދގައި ކުރިއަށް ދަނިކޮށްނާއި، އެ ސަރަހައްދު ހިންގުމާ ރަސްމީކޮށް މިވަގުތު ހަވާލުވެ އޮތީ އދ. އާއި ޔޫރަޕުގެ އިއްތިހާދާއި ނޭޓޯ ކަމަށްވާތީ ކޮސޮވޯގެ މިނިވަންކަމުގެ މައްސަލަ އަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. މިފަދަ މައްސަލައެއްގައި ރާއްޖޭގެ ފަރާތުން ކޮސޮވޯގެ މިނިވަންކަން ކުއްލި ގޮތަކަށް ބަލައިގަތުމަށް ނިންމުމަކީ އޭރު ރާއްޖޭގެ ފޮރިން މިނިސްޓަރަކަށް ހުންނެވި ޑރ. އަހުމަދު ޝަހީދު އިސްވެ ހުންނަވައި ރިޝްވަތު ނަންގަވައިގެން ނިންމެވި ނިންމުމެއް ކަމުގެ ތުހުމަތަކީ ސީރިއަސް ތުހުމަތެއް ކަމަށެވެ. މި ތުހުމަތަށް ބާރު ލިބިދޭ ވާހަކަތަކެއް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު ކޮސޯވޯގެ ނިޔު ކޮސޯވޯ އެލަޔަންގެ ލީޑަރު ދައްކާފައިވާ ކަން އެނގެން އޮތް ކަމަށްވެސް ވިދާޅުވެފައިވެ އެވެ. 

މިގަރާރުގައި ވިދާޅުވެފައިވަނީ ކޮސޮވޯގެ މިނިވަންކަން ދިވެހިރާއްޖެއިން ބަލައިގަތުމުގައި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތުކުރެވިގެން 2009 ވަނަ އަހަރުގެ މާޗް މަހުގެ ފަސްވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މިމައްސަލަ ތަހުގީގުކުރުމަށް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް މިމައްސަލައި ތަހުގީގުކޮށް ސާފު ނިންމުމެއް ނިންމާފައިވާ ކަން މިހާތަނަށް އެނގިފައި ނުވާތީ ރައްޔިތުންނާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގަރާރު ހުށަހަޅާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް