ads
ގާޒީ ހަސަން ނަޖީބު---
ގާޒީ ހަސަން ނަޖީބު ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމައިފި
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ބުނެފައިވަނީ ގާޒީ ހަސަން ނަޖީބުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގއ އަތޮޅު ކައުންސިލްގެ ގއ. ވިލިނގިލީ ދާއިރާއަށް ކުރިމަތިލި ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް ގާޒީ ހަސަން ނަޖީބު މަސައްކަތް ކޮށްފައިވާކަމާއި އަދި ކެނޑިޑޭޓް ނިސްބަތްވާ ސިޔާސީ ޕާޓީއަށް މީހަކު ސޮއިކުރުވުމުގައި ގާޒީ ހަސަން ނަޖީބު ބައިވެރިވިކަމާއި އެ އިންތިހާބުގައި އެ ދާއިރާއަށް ކުރިމަތިލި އަނެއް ކެނޑިޑޭޓްގެ ކެނޑިޑެސީ ބާތިލުކުރުމަށް ގާޒީ ހަސަން ނަޖީބު މަސައްކަތްކުރިކަމަށެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި ރިޔާސީ ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައި ގާޒީ ހަސަން ނަޖީބު ވާހަކަ ދައްކާފައިވާކަމާއި، އަދި ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ތަހުގީގީ އެއްވެސް އިދާރާއަކުން އެދިފައި ނުވަނީސް، ޖިނާއީ އަދުލުގެ ނިޒާމުގައި އެކަށައެޅިފައިވާ ޤާނޫނީ އަސސްތަކާ ކަނޑައެޅިގެން ހިލާފަށް ދެ މީހަކު ހައްޔަރުކުރުމަށް ގާޒީ ހަސަން ނަޖީބު އަމިއްލައަށް ކޯޓު އަމުރު ނެރެފައިވާކަން ސާބިތުވާކަމަށެވެ. 

މިކަންކަމުގެ ސަބަނުން ގާޒީ ހަސަން ނަޖީބު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފުވެފައިވާތީ ފަނޑިޔާރުކަމުގެ މަގާމުންވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށް އެކޮމިޝަނުން މައުލޫމާތު ދީފައިވެ އެވެ. 

ގާޒީ ހަސަން ނަޖީބު މިވަގުތު ހުރީ ފަނޑިޔާރުކަމުން ސަސްޕެންޑް ކޮށްފަ އެވެ. ޖޭއެސްސީން ގާޒީ ނަޖީބު ސަސްޕެންޑް ކޮށްފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ޖޭއެސްސީއަށް ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ދޮގު މައުލޫމާތު ދީފައިވާކަން ސާބިތުވެފައިވާކަމަށް ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް