ads
ވެލާނާގެ-- ފޮޓޯ: ސީއެންއެމް
އަންނަ އާދިއްތަ ދުވަހު ސަރުކާރު ހުޅުވަނީ
ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ސަރުކާރު އިދާރާތައް ހުޅުވާލަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމައިވައިފި އެވެ.

ކޮވިޑް-19 ފެތުރެން ފެށުމުގެ ސަބަބުން މިދިޔަ މާޗު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ނުހުޅުއްވާގޮތަށް ހަމަޖައްސަވާފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، އަންނަ އާދިއްތަ ދުވަހުން ފެށިގެން، ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުއްވައިގެން މަސައްކަތްކުރެއްވުމަށް ރައީސް ސޯލިހު މިއަދު ވަނީ ނިންމަވާފަ އެވެ. 

އަދި ސަރުކާރުގެ އިދާރާތައް ހުޅުވާފައި ހުންނާނީ ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ކަމަށް ވެސް ރައީސް ވަނީ ހަމަޖައްސަވާފަ އެވެ. 

ރައީސް އޮފީހުން ބުނީ ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން ދޭންޖެހޭ ހިދުމަތްތަކާއި ކުރަންޖެހޭ މަސައްކަތްތައް، ކުރުމަށް ހަމަޖައްސައި، އިދާރާތަކުން އަމަލު ކުރާނެ އުސޫލު ވެސް އާންމުކޮށްފައިވާ ކަމަށެވެ. 

އެގޮތުން، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް ނިއު ނޯމަލްގެ ހާލަތުގައި ސަރުކާރުގެ އިދާރާތައް ހިންގުމާއި، އިދާރާތަކުގައި މަސައްކަތްކުރުމުގައި ސިއްހީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، މި ހާލަތުގައި މުވައްޒަފުން އަމަލުކުރަން ޖެހޭގޮތާ ބެހޭ ގޮތުންނާއި، މަސައްކަތުގެ މާހައުލުގެ ސާފުތާހިރުކަމުގެ އިރުޝާދުތަކާއި، އިޖުތިމާއީ ގައިދުރުކަމުގެ އިރުޝާދުތަކާ ބެހޭ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި މަޝްވަރާގެ މަތިން ކަންކަން ކުރުމަށް ވަނީ އަންގާފަ އެވެ.

އޭގެ އިތުރުން، ރަސްމީ މަސައްކަތުގެ ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއި ނުރަސްމީ ގަޑިގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމާއި، ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ނޫނީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރެކުރުމަށާއި، ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ނޫން ގޮތަކަށް ރަސްމީގަޑީގައި އިދާރާ ހުޅުވާފައި ނުބެހެއްޓުމަށް ވަނީ އަންގާފަ އެވެ. އަދި އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވާފައި ނުބެހެއްޓެވުމަށް ވެސް އޮފީސްތަކަށް އަންގާފައިވެ އެވެ. 

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ހިދުމަތްތައް އެ ގޮތުގެ މަތިން ދެމުން ގެންދިއުމަށާއި، އޮންލައިންކޮށް ދެވެން ހުރި އިތުރު ހިދުމަތްތަކަކީ ކޮބައިތޯ ބައްލައި، އެ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް ރައީސް އޮފީހުން އަންގާފައިވެ އެވެ. 

އޭގެ އިތުރުން ރައީސް އޮފީހުން ވަނީ ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކުގެ ތެރެއިން، އޮންލައިންކޮށް ކުރެއްވެން ހުންނަ މަސައްކަތްތައް އޮންލައިންކޮށް ކުރާނެ އިންތިޒާމު ހަމަޖައްސާއި، އޮންލައިންކޮށް މަސައްކަތް ކުރުމަކީ އާންމު އުސޫލަކަށް ހެދުމަށް ވެސް އަންގާފަ އެވެ. 

އަދި އޮފީހުންކުރާ ކަރުދާހުގެ ހަރަދާއި، ޕްރިންޓްކުރުމުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައި އެގޮތަށް މަސައްކަތްކުރެވޭނެ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒުކުރަމުން ގެންދިއުމަށް އަންގާފަ އެވެ. 

އެކަންކަމުގެ އިތުރަށް، ކޮވިޑް 19 އާ ގުޅިގެން، ދުނިޔޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިގްތިސޯދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށާފައިވާތީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، އޮފީސްތަކުން ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ކުރުމަށާއި، ހަރަދު ކުޑަކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް ވެސް އެޅުމަށް ރައީސް ވަނީ އޮފީސްތަކަށް އަންގަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް