ads
ސްޓެލްކޯ މައި އޮފީސް--- ފޮޓޯ: ސީއެންއެމް
ޖޫން މަހުގެ ކަރަންޓު ބިލުން 40 އިންސައްތަ ޑިސްކައުންޓް ދެނީ
ޖޫން މަހުގެ ކަރަންޓު ބޮޑުވެ، އެކަމުގެ ޝަކުވާތައް ކުރަމުންދަނިކޮށް މިދިޔަ މަހުގެ ބިލުން 40 އިންސައްތަ ސަބްސިޑީ ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ، ޖޫން މަހުގެ ބިލްތަކުގެ 40 އިންސައްތަ ސަބްސިޑީ ދޭން ނިންމާފައިވާ ކަމަށެވެ. އަދި ބިލް ދެއްކުމަށް ހުރި ދަތިތަކަށް ލުއެއް ހޯދައިދިނުމުގެ ގޮތުން އެކި މަސްތަކަށް ބަހާލައިގެން ކަރަންޓު ބިލު ދެއްކޭނެ އިންތިޒާމެއް ވެސް ހަމަޖައްސާފައިވާ ކަމަށް މުގުނީ ވިދާޅުވި އެވެ. 

އެގޮތުން މުގުނީ ވިދާޅުވީ، ބިލުތައް އެކި މަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް ހެދުމުގެ ގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން އެކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމު ދޫކުރާނެ ކަމަށެވެ. 

އޭގެ އިތުރުން މުގުނީ ވިދާޅުވީ، އެ ކުންފުނީގެ ކަސްޓަމަރުންގެ ކަންބޮޑުވުންތަކަކީ ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލަތަކެއް ކަމަށާއި ކިރިޔާ ވެސް ލުޔެއް ހޯދައިދެވޭނެ ގޮތެއް އޮތްނަމަ އެގޮތެއް ހޯދައިދެވޭތޯ ބަލާނެ ކަމަށެވެ. 

ޖޫން މަހުގެ ކަރަންޓު ބިލުން 40 އިންސައްތަ ކަޑައިދޭން ނިންމާފައިވާއިރު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު މިދިޔަ އޭޕްރީލް އަދި މެއި މަހުގެ ތެރޭގައި ވެސް ކަރަންޓު ބިލުން ވަނީ 40 ޕަސެންޓްގެ ސަބްސިޑީއެއް ދީފަ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ޖެނަރަލް މެނޭޖަރު އަލީ މުޖުތަބާ ވިދާޅުވި ގޮތުގައި ޖޫން މަހުގެ ކަރަންޓު ބިލު ބޮޑުވީ ތިން ސަބަބަކާހުރެ އެވެ. އެއީ ޖޫން މަހުގެ ބިލަށް 40 އިންސައްތައިގެ ސަބްސިޑީއެއް ދީފައިނުވާތީ އާއި ގޭގެއަށް ގޮސް މީޓަރު ރީޑިން އޭރު ނުނެގޭތީ، މެއި އަދި އޭޕްރީލްގައި ބިލު ހަދާފައިވަނީ އެވްރެޖް ބިލަށް ބަލައިގެން ނަމަވެސް ޖޫން މަހު ވަނީ ގޭގެއަށް ގޮސް ރީޑިން ނަގަން ފަށާފައިކަން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ރޯދަ މަހާއި ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިކަން ވެސް މުޖުތަބާ ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް