ads
ފުލުހުން ތުޅާދޫގައި-- ފޮޓޯ: ލޫކަސް
ރާއްޖޭގައި ދިވެހިންނަށް ވުރެ ބިދޭސީން ބާރުގަދަ!
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔަކު، ދިވެހިންތަކެއް ރަހީނުކުރި ހަބަރާއެކު ގިނަ ބަޔަކު ދަނީ ރާއްޖޭގައި އެތައް ޒަމާނެެއްވަންދެން ބޮޑުވެފައިވާ ބިދޭސީންގެ މައްސަލައާ ގުޅިގެން ވާހަކަ ދައްކަމުންނެވެ. ރާއްޖޭގެ ކޮންމެ ސިނާއަތަކަށް ބަލާލިޔަސް، ދިވެހިންގެ މައްޗަށް ބިދެސީން ގަދަވެފައިވާ މަންޒަރު ވަރަށް ސާފެވެ. މިއަދު 210 ބިދޭސީއަކުވެގެން، 15 ދިވެއްސަކު ރަހީނުކުރިއިރު އެމީހުންގެ މިއަމަލުން މިދިވެހި ފަސްގަނޑުގައި ދިވެހިންނަށް ކޮންމެ ގޮތެއް ވެސް ހަދާލަން ފަސްނުޖެހޭނެކަން މިވަނީ ޔަގީންވެފަ އެވެ.

އިއްޔެ ހަވީރުން ފެށިގެން ދިވެހިންތަކެއް ރަހީނުކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާއެކު އެންމެ ފުރަތަމަ ފުލުހުން މަސައްކަތް ކުރީ، އެ ސަރަހައްދުގެ ފުލުހުން ހިމެނޭ ގޮތަށް ބޮޑު އޮޕަރޭޝަނެއް ފަށައި މައްސަލަ ހައްލު ކުރުމަށެވެ. އެކަމަކު އެރަށަށް ފުލުހުންގެ ދެ ޓީމަކުން އަރަން މަސައްކަތް ކުރިނަމަވެސް ރުޅިއައިސްފައިވާ ބިދޭސީން ވަނީ އޮއްގަލާއި ހޮޅިދަނޑި، އަދި ދަގަނޑު ފަދަ ތަކެތި ފުލުހުންނާއި ދިމާލަށް އުކާފަ އެވެ. އޭގެ ސަބަބުން ބައެއް ފުލުހުންގެ ބޮލާއި އަނގަމަތި ފަަޅައިގެން ގޮސްފައިވާއިރު ފުލުހުން ދިޔަ ދޯންޏަށް ވެސް ބޮޑު ގެއްލުންތަކެއް ލިބި، އަނެއްކާ ވެސް އަނބުރާލާފައި ތުޅާދޫއަށް ދާން ޖެހުނެވެ. އެންމެ ފަހުން، އެ މައްސަލަ ހައްލުކުރުމަށް މާލެއިން ފުލުހުންނާއި ސިފައިން އެރަށަށް ފުރީ، އިތުރު ރިސޯސަސް ބޭނުން ކުރަންޖެހިދާނެ ހާލަތަކަށް ބަލާއި އެކަމަށް ވެސް ތައްޔާރުވެގެންނެވެ. 

މި ދައްކަނީ އާދައިގެ ކަމެއްގެ ވާހަކައެެއް ނޫނެވެ. ބާރަ ގަޑިއިރެއްހާއިރު ވަންދެން ދިވެހި ފަސްގަނޑުގައި ދިވެހިންތަކެއް ބިދޭސީންގެ އަތްދަށުގައި ބައިތިއްބާ މުޅި ރާއްޖެ ހާސްކަމެއްގެ ތެރެއަށް ވައްޓާލި އެވެ. ފަސް މަހުގެ މުސާރަ ނުލިބި، އަތްމަތި އިންތިހާއަށް ދަތިވާނެކަމާއި މެދު ޝައްކެއް ނެތެވެ.

އާއިލާތަކާއި ދުރުގައި އެމީހުން ތިބެ މަސައްކަތްކޮށް އުޖޫރަކޮޅު އަތަށް ނުލިބޭނަމަ ރޭއާ ދުވާލުކުރާ ބުރަ މަަސައްކަތުގެ އަގެއް ވެސް ނޯންނާނެ އެވެ އެކަމަކު އެ ފައިސާ ހޯދަން، މިފަހަރު އެމީހުންގެ ފަރާތުން ފެނިގެން މިދިޔަ އަމަލަކީ ބަލައިގަންނަން ދަތި އަމަލެކެވެ. ބޭނުންވާ ކަންތައް ކުރުމަށް ކޮންމެ ކަހަލަ ފިޔަވަޅެއް ވެސް މި މީހުން އަޅާފާނެ ކަމުގެ ހެއްކެވެ. 

އެއްވެސް ކުށެއް ނެތް ބަޔަކު ބިދޭސީންގެ މުށު ތެރޭގައި ބޭނުންގޮތެއް ހަދާލަން ފުރުސަތު ނުދޭނެ ކަަމަށް ބުނެ ސޯޝަލް މިޑީއާގައި ދިވެހިން ދަނީ އެއް އަޑަކަށް ގޮވަމުންނެވެ. 

ދިވެހިންގެ މައްޗަށް އަތްގަދަކޮށް ބިދޭސީން އެމީހުންގެ ބާރާއި ނުފޫޒު ރާއްޖޭގައި ދައްކަމުން އަންނައިރު އެކަމަކީ އިތުރަށް ބަލައިގަންނާނެ ކަމެއް ނޫންކަމަށް ދިވެހިން ދަނީ ބުނަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި، ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ބިދޭސީންގެ ފަރާތުން ފެނިގެންދާ އެ އަމަލަކީ ނުރައްކާތެރި ރަނގަބީލެއްގެ އަޑު ކަމަށް ވިދާޅުވެފަ އެވެ.

އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްގެ އިތުރުން، ދަނގެތީ ދާއިރާގެ މެމްބަރު، މުހައްމަދު ނަޒިމް ވަނީ، ބިދޭސީން ދިވެހިން ރަހީނުކުރުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ވެސް ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލައްވާފައިވެ އެވެ.

ބިދޭސީން ގެނެސް ދޫކޮށްލާ މީހުން ހޯދުމަށް ގޮވާލުން: 

ބޮޑު އުޖޫރައަކާއެކު ވަޒީފާއެއްދޭނެ ކަމަށް ބުނެ އެތައް ދަޅައެއް ދެއްކުމަށް ފަހު ބިދޭސީ މީހާ، ރާއްޖޭ ގެނެސް މަގުމަތިކޮށްލާއިރު އެމީހުންނަށް ނިކަން އަހުވަ ވެސް ދިވެހިން ދައްކަ އެވެ. މިގޮތަށް ބިދޭސީން ލައްވާ މަސައްކަތްކޮށް މުސާރަ ނުދޭ މައްސަލައަކީ މިއަދަކު އެކަނި ދިމާވެގެން އުޅޭ ކަމެއް ނޫނެވެ. މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އެކަމުގައި ބިދޭސީން މުޒާހަރާކޮށްފައި އެބަހުއްޓެވެ. 

ކޮންމެއަކަސް ރާއްޖޭގައި ލައްކައެއްހާ ބިދޭސީން އުޅެމުން އަންނައިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ގަވައިދާ ހިލާފަށް އުޅޭ މީހުންކަމަށް އަންދާޒާ ކުރެވެ އެވެ. ކޮންމެ ފަހަރަކު، ވެސް އެގޮތަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލާއި، މައްސަލަ އޮއްބާލިޔަސް މިކަމަކީ މިއަދު އޮއްބެލެވެން ނެތް ބޮޑު ހަގީގަތެކެވެ. ކޮންމެވެސް ދިވެއްސަކު އަޑީގައި ހުރެ އެމީހުންނަށް މިނިކަމެތި ހާލު ޖައްސާއިރު މިއަދާއި ހަމައަށް އެ މުލާއި ހިސާބަށް ފޯރިފައެއް ނުވެ އެވެ. މިހެންވެ، އެކަމަށް ހައްލެއް ލިބުމުގެ ކޮޅުމަތި ވެސް ފެނިފައެއް ނުވެ އެވެ.

މިހާރު ފެންމަތިވެގެން މިއުޅޭ ވާހަކައާއެކު ގިނަ ބަޔަކު އަންނަނީ މުސާރަ ނުދީ މުވައްޒަފުން ހާލުގައި ޖައްސަމުން އަންނަ ވެރިން ހޯދާއި، އެމީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. އަދި ރާއްޖެއިން ބިދޭސީން ފޮނުވާލާއި ދިވެހިންނަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް ވެސް ދަނީ ގޮވާލަމުންނެވެ. މިހާރު އެންމެ އާދައިގެ މަސައްކަތްތަކުން ފެށިގެން ބޮޑެތި މަސައްކަތްތަކުގައި އިސްކޮށް ތިބީ ބިދޭސީންކަމުން މިއީ ދިވެހިންނަށް ވަޒީފާގެ ފަހި ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރަންވީ ވަގުތުކަަމަށް އެމީހުން ދަނީ ބުނަމުންނެވެ. 

ބިދޭސީންގެ ނުރައްކާ ގައުމަށް ބޮޑު އިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ވެސް ދަނީ ފިނިހަމަ ދުވެލީގަ އެވެ. އެ ސްޕީޑުގައި އެކަންކޮށްކޮށް ތިއްބާ ބިދޭސީންގެ ފަރާތުން ދެން ނަގާ ރާޅު ބޮޑުވެ ގައުމު ނުރައްކަލުގެ ތެރެއަށް ވައްޓާލަފާނެ އެވެ. އެހެންކަމުން ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފަސް ޖެހެން ޖެހޭނެ ސަބަބެއް ނުފެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް