ads
ފުލުހުން ތުޅާދޫގައި-- ފޮޓޯ: ލޫކަސް
ބޮޑުފިނޮޅުގައި ހަމަނުޖެހުން އުފެއްދި 19 ބިދޭސީން ހައްޔަރުކޮށްފި
ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތަކުގައި ޝާމިލްވިކަމަށް ބެލެވޭ 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ ބަނގްލަދޭޝް ހައިކޮމިޝަންގެ އެހީތެރިކަމާއި އެކު އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރީންނާއި މުއާމަލާތް ކުރުމަށްފަހުގައި ކަމަށެވެ. 

ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުންގެ އިސް ދެ އޮފިސަރުން ހިމެނޭ ގޮތަށް ޕަބްލިކް އޯޑާ ރެސްޕޯންސް ޔުނިޓްގެ ޓީމަކާއި ފުލުހުންގެ ތަހުގީގު ޓީމެއް ބަންގްލަދޭޝް ހައިކޮމިޝަންގެ ދެ އޮފިޝަލުންނާއި އެކު އެރަށަށް ގޮސްފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. ފުލުހުންގެ ޕަބްލިކް އޯޑާ ރެސްޕޯންސް ޔުނިޓްގެ ޓީމަކާއި ފުލުހުންގެ ތަހުގީގު ޓީމެއް އެރަށަށް ދިޔަފަހުން އެރަށުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާކަމަށް ފުލުހުން ބުނެ އެވެ.  

ފުލުހުންގެ ޓީމުން މިހާރު ދަނީ ރަށުތެރޭގައި ހުރި ތަކެއްޗަށާއި ތަންތަނަށް ދީފައިވާ ގެއްލުންތައް ބަލައި މައުލޫމާތު އެއްކުރަމުންކަމަށް އެ އިދާރާއިން ބުނެ އެވެ. މިމައްސަލަތައް މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓާއި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓް ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

ބޮޑުފިނޮޅުގައި މަސައްކަތްކުރާ 13 ދިވެހި މުވައްޒަފުން އެރަށުން ފޭބުމަށް މަސައްކަތް ކުރުމުން އެރަށުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބަޔަކު، އެކަމަށް ހުރަސް އަޅައި ދިވެހި މުވައްޒަފުން ފޭބިޔަ ނުދިން ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ޖުލައި ދެ ވަނަ ދުވަހުގެ ހެނދުނު 09:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. 

މި މައުލޫމާތު ލިބުމާ ގުޅިގެން ފުރަތަމަ ބ.ތުޅާދޫ ޕޮލިސް ސްޓޭޝަން ގައި މަސައްކަތްކުރާ ފުލުހުން އެރަށަށް ދިއުމުން އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިން ވަނީ ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދައްކާފައިކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ މިކަމާ ގުޅިގެން އިތުރު ފުލުހުންނާއި އެކު އެދުވަހުގެ ރޭ، އިރާކޮޅުގެ ވަގުތެއްގައި ފުލުހުން އެރަށަށް ދިއުމުން އެމީހުން ފުލުހުންނާ ދިމާލަށް އޮށްގަލާއި ދަނޑިބުރި ފަދަތަކެތި އުކައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. 

މި ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އެގޮތުން އެއް ފުލުހެއްގެ ބޯފަޅައިގެން ގޮސް ސީރިއަސް އަނިޔާތައް ލިބުމާއި ގުޅިގެން ބ.އަތޮޅު ސިއްހީ މަރުކަޒުން ފަރުވާ ހޯދާފައިވާކަމަށާއި އިތުރު ފުލުހެއްގެ އިނގިލި ބިންދައިގެންގޮސް އަނިޔާވެފަ ވާކަމަށް ވެސް ފުލުހުން ބުނެ އެވެ. 

އެރަށުގައި 15 ދިވެހި މުވައްޒަފުން ތިބި ކަމަށް ފުރަތަމަ މައުލޫމާތު ލިބުނު ކަމުގައި ވީނަމަވެސް ފުލުހުން މިއަދު އެ ރަށަށް ގޮސް ބެލިބެލުމުން އެތަނުގައި ފުރަތަމަ ބަންދުވެފައިތިބީ 13 ދިވެހިންކަން އެނގިފައިވާކަމަށް ފުލުހުން ބުނެ އެވެ. އެ ތަނުން އެކަކު މޫދަށް ފުންމާލައިގެން އުޅެނިކޮށް ފުލުހުން ވަނީ ސަލާމަތްކޮށްފައި ކަމަށާއި އެރަށުގައި ބާކީ ތިބި 12 މީހުން މިއަދު ފުލުހުން ސަލާމަތް ކޮށްފައި ވާކަމަށް އެއިދާރާއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް