ads
ފޮޓޯ: ޕޮލިސް މީޑިއާ
ބޮޑުފިނޮޅުގައި ރަހީނުކޮށްފައި ތިބީ 13 ދިވެހިން: ފުލުހުން
ބޮޑުފިނޮޅުގައި ރަހީނުކޮށްފައި ތިބީ 13 ދިވެހިން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ ރަށުގައި 15 ދިވެހި މުވައްޒަފުން ރަށުން ފޭބިޔަ ނުދީ ހިފާއްޓާފައިވާ ކަމަށް ކުރިން ފުލުހުންނަށް މައުލޫމާތު ލިބިފައި ވީނަމަވެސް، މިއަދު ފުލުހުން އެރަށަށް ގޮސް ބެލި ބެލުމުން އެ ރަށުގައި ތާށިވެފައި ތިބީ 13 ދިވެހި މުވައްޒަފުން ކަން އެނގިފައި ވާކަމަށެވެ. 

އެތަނުން އެކަކު މޫދަށް ފުންމާލައިގެން އުޅެނިކޮށް ފުލުހުން ވަނީ ކުރިން ސަލާމަތްކޮށްފައި ކަމަށް އެ އިދާރައިން ބުނެ އެވެ. އަދި ބޮޑުފިނޮޅުގައި ބާކީ ތިބި 12 މީހުން ސަލާމަތްކޮށްފައި ވަނީ މިއަދު ހެނދުނު ކަމަށް ފުލުހުން ބުނެ އެވެ. 

ބޮޑުފިނޮޅުގައި ތިބި ދިވެހި މުވައްޒަފުން އެރަށުން ފައިބަން އުޅުމުން، އެކަން ކުރިޔަ ނުދީ ހިފާއްޓާފައި ވަނީ އެރަށުގައި މަސައްކަތް ކުރަމުން ދިޔަ 203 ބިދޭސީންގެ ތެރެއިން ބަޔެކެވެ. 

މިމައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބުމުން ފުރަތަމަ އެރަށަށް ގޮސްފައި ވަނީ  ބ.ތުޅާދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ނެވެ. އެހެން ނަމަވެސް އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިން ފުލުހުން އެ ރަށަށް ދިއުމުން ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދެއްކުމުން، އިތުރު ފުލުހުންނާއި އެކު، އެދުވަހުގެރޭ އިރާކޮޅުގެ ވަގުތެއް ގައި ފުލުހުން ވަނީ އަލުން އެ ރަށަށް ގޮސްފަ އެވެ. އެހެން ނަމަވެސް އެރަށުގައި ތިބި ބިދޭސީން ވަނީ ފުލުހުންނާއި ދިމާލަށް އޮއްގަލާއި ދަނޑިބުރި އުކައި ހަމަނުޖެހުން ހިންގާފަ އެވެ.

ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުންގެ އެހީތެރިކަމާއި އެކު އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިންނާއި މުއާމާލާތްކުރެވި، ހަމަނުޖެހުންތަކުގައި ޝާމިލްވާ ކަމަށް ބެލެވޭ 19 ބިދޭސީ އަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް