ads
ބޮޑުފިނޮޅުގައި ރަހީނުކުރި ދިވެހިން ސަލާމަތްކުރަން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ފުލުހުން
މުސާރަ ނުދޭ މައްސަލަ: އެމްޕީ ރިޒާ ހެދީ ދޮގުކަން ފަޅާއަރައިފި
އިތުރަށް ނުވަ މިލިއަން ރުފިޔާ ދީފައިވާކަމަށް ޑިވެލޮޕަރު ބުނޭ
މި މައްސަލައާ ގުޅިގެން ވަނީ 19 ބިދޭސީއަކު ހައްޔަރުކޮށްފައި
މަސައްކަތްކުރާ ގިނަ މީހުންގެ އަތުގައި ވޯކް ވިސާއެއް ނެތް
ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ރިޒް ކުންފުނީގެ ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގީ މުސާރަ ނުދޭތީ ކަމަށް އެކުންފުނިން ބުނެފައިވަނިކޮށް، ޑިވެލޮޕަރު، ސީލް މޯލްޑިވްސް އިން އެކަން ދޮގުކޮށްފި އެވެ.

ރިޒް ކުންފުނީގެ، ލޯކްރާފްޓުން ރޭ ނެރުނު ބަޔާނުގައި ވަނީ ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގައި ރިޒް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންގެ ގޮތުގައި ދިވެހިންނާއި ބިދޭސީން ހިމެނޭގޮތުން 200 އެއްހާ މުވައްޒަފުން މަސައްކަތްކޮށްފައިވާ ކަމަށާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތު މީހުންގެ މުސާރައިގެ ގޮތުގައި ދޭންޖެހޭ 7000 ރުފިޔާ އާއި ކެއުމުގެ ހަރަދުގެ ގޮތުގައި ކޮންމެ މީހަކަށް ދުވާލަކަށް 40 ރުފިޔާ ދިނުމަށް ސީލް މޯލްޑިވްސް އިން އެއްބަސްވެފައިވާ ކަމަށެވެ.

އެކަމަކު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މުވައްޒަފުންގެ މުސާރަ ނުދޭތާ މިހާރު ހަތަރު މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ލޯކްރާފްޓުން ބުނެ އެވެ. އަދި ސީލް މޯލްޑިވްސް އިން އެކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދެމުން އައި ނަމަވެސް ރިޒް ކުންފުނީގެ މުވައްޒަފުންނަށް މުސާރަދީފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.

އެ ބަޔާނަށް ރައްދުދެމުން މިއަދު މިއަދު ސީލް މޯލްޑިވްސްގެ ގާނޫނީ ވަކީލުންގެ ޓީމު، އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި ވަނީ ރިޒް އިން އެކުންފުނީގެ މައްޗަށް ކުރި ތުހުމަތުތައް ދޮގުކޮށްފަ އެވެ. 

އެޑްވޮކަސީ ޗެމްބާސްގެ ބަޔާނުގައި ބުނީ ކޮންޓްރެކްޓަރުގެ ފަރާތުން ރިސޯޓުގެ ބޮޑު ބައެއް ނިމިފައިވާކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ މުޅި ރިސޯޓް އެއްކޮށް ތަރައްގީކުރަން ނޫންކަމަށާއި، އޭގެ ބަދަލުގައި، ކަނޑައެޅިފައިވާ ވަކި މަސައްކަތްތަކެއް ކުރުމުން ރިޒް ކުންފުންޏަށް ދައްކަން ޖެހެނީ 12.3 މިލިއަން ރުފިޔާ ނަމަވެސް 21.8 މިލިއަން ރުފިޔާ މިހާތަނަށް އެކުންފުންޏަށް ދައްކާފައިވާ ކަމަށެވެ.

އެހެންކަމުން، އެ ކުންފުންޏަށް މުވައްޒަފުންގެ މުސާރަ ނުދެވޭން ޖެހޭ ސަބަބެއް ނޭނގޭކަން ފާހަގަކުރަމުން ބަޔާނުގައި ވަނީ އެ މުވައްޒަފުންނަށް މުސާރަ ދިނުމުގެ ޒިންމާ ޑިވެލޮޕައާ މަތިކޮށްފައި ވަނީ ކޮން މަގްސަދެއް ހާސިލުކުރުމުގެ ގޮތުންކަން ސާފު ނުވާ ކަމަށެވެ.

"ކޮންޓްރެކްޓްގެ ދަށުން 7000 ރުފިޔާގެ ރޭޓުން ޑިވެލޮޕަރގެ ފަރާތުން ކޮންޓްރެކްޓާ އަށް ފައިސާ ދައްކަންޖެހޭ ނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު، އިސްވެ ދެންނެވި ފަދައިން 08 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާރުވަނީ ޑިވެލޮޕަރގެ ފަރާތުން ކޮންޓްރެކްޓަރ އަށް ދައްކާފައެވެ. ވީމާ، އެފައިސާއިން ކޮންޓްރެކްޓަރ އަށް އެފަރާތުގެ 200 އެއްހާ މުވައްޒަފުންނަށް ފައިސާ ނުދެވެންވީ އެއްވެސް ސަބަބެއް ނުވިސްނެއެވެ،" ބަޔާނުގައި ބުނެ އެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ބުނީ ލޯކްރާފްޓްގެ ބަޔާނުގައި، ތަނުގައި ތިބި މުވައްޒަފުން ޓްރެފިކް ކުރުވުން ކަމަށް ބެލެވިދާނެކަމަށް ބަޔާންކޮށްފައިވާއިރު، މުވައްޒަފުންނަކީ، ލޯކްރާފްޓްގެ މުވައްކިލުގެ މުވައްޒަފުންކަން ކަމަށާއި މުސާރަ ވެސް ދޭން ޖެހޭނީ ކޮންޓްރެކްޓަރު ކަމަށާއި އަދި މުޒާހަރާކޮށް މާރާމާރީ ހިންގައި ހެވީ މެޝިނަރީތަކަށް ގެއްލުން ދިނުމާއި ގުޅިގެން، އެކަން ޑިވެލޮޕަރުގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރުމުން، އެތަނަށް ދިޔަ ފުލުހުން ވަނީ ކޮންޓްރެކްޓަރުގެ މުވައްޒަފުންގެ އަތުގައި، ޑޮކިއުމަންޓްތައް ނެތުމުގެ ސަބަބުން، އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި ދަތިތަކެއް ހުންނާނެ ކަމަށް ބުނެފައި ކަމަށެވެ. 

އަދި އެކަން އިތުރަށް ބެލި ބެލުމުން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މުވައްޒަފުންގެ އިންޝުއަރެންސް ކަންކަންވެސް ކޮންޓްރެކްޓަރުގެ ފަރާތުން ފުރިހަމަ ކޮށްފައި ނުވާކަމަށާއި، ވޯކް ވިސާ ވެސް އޭގެ ތެރެއިން ގިނަ މުވައްޒަފުންގެ އަތުގައި ނެތްކަން ފާހަގަކުރެވޭ ކަމަށް އެޑްވޮކަސީ ޗެމްބާސްގެ ބަޔާނުގައި ބުނެ އެވެ. 

your imageއެރަށުގައި ހިނގި ހަމަނުޖެހުމުގައި މުދަލަށް ގެއްލުންދީފައި--

އެ ބަޔާނުގައި އިތުރަށް ބުނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ މަދަނީ މުއާމަލާތާއި ގުޅިގެން ސީލް މޯލްޑިވްސް އިން އިތުރަށް ދައްކަން ޖެހޭނެ އެއްވެސް ފައިސާއެެއް އޮތްކަމަށް ގަބޫލުނުކުރާ ކަމަށާއި އެގޮތުން އެ ސައިޓްގައި މަސައްކަތް ނުކުރާ ދުވަސްތަކަށް ކޮއްތު ފައިސާ ވެސް ދެވިފައިވާކަން ލިޔެކިއުންތަކުން ފެންނަ ކަމަށެވެ. 

ގާނޫނީ ވަކީލުންގެ ޓީމުން އިތުރަށް ބުނީ އެ މައްސަލަ އެގޮތުގެ މަތިން ދިމާވެފައިވާއިރު، އަދި ގާނޫނީ ގޮތުން ބަލާއިރު، ޑިވެލޮޕަރުގެ ފަރާތުން ކޮންޓްރެކްޓާއަށް އިތުރަށް ދައްކަންޖެހޭ ފައިސާއެއް ނެތްއިރުވެސް، އެ މައްސަލަ ހައްލުކުރުމުގެ ޖުލައި ދެ ވަނަ ދުވަހާއި ހަމައަށް ޑިވެލޮޕަރުގެ ފަރާތުން އެކި ހުށަހެޅުންތައް ހުށަހަޅާފައިވާކަމަށާއި، އެގޮތުން މައްސަލަ ހައްލުކޮށް، ރަށުން މުވައްޒަފުން ބާލާނަމަ، އިތުރަށް އެއް މިލިއަން ރުފިޔާ ދިނުމަށް ޑިވެލޮޕަރުގެ ފަރާތުން ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް، ކޮންޓްރެކްޓަރުގެ ފަރާތުން އެއްބާރުލުން ނުދިނުމުގެ ސަބަބުން، މައްސަލަ ހައްލުނުކުރެވުން ކަމަށެވެ. 

އަދި މައްސަލަ ހައްލުކުރުމުގެ ބަދަލުގައި، ކޮންޓްރެކްޓަރުގެ ފަރާތުން ރަށުގައި ތިބި ހުރިހާ ދިވެހި މުވައްޒަފުންތައް ރަށުން ގެންދިއުމަށްޓަކައި ލޯންޗަށް އެރުވުމުން، އެކަމާ ކޮންޓްރެކްޓަރުގެ މުވައްޒަފުންތައް ރުޅިއައިސް، އެމީހުންނާއި ހަވާލުވާނެ ބަޔަކު ނެތި، އެތަނުން ފުރައިގެން ނުދެވޭނެ ކަމަށް ބަޔާންކޮށް ލަޓިބުރިތަކާއި ދަގަނޑު ހޮޅިތައް ކޮންޓްރެކްޓަރުގެ ދިވެހި މުވައްޒަފުން ތިބި ލޯންޗާ ދިމާލަށް އުކާފައިވާކަން އެނގޭކަމަށާއި އެ، މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ވެސް ލިބިފައިވާ ކަމަށް ބަޔާނުގައި ފާހަގަކުރެ އެވެ. 

ރޭ މައްސަލަ ބޮޑުވެފައިވަނިކޮށް މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ސީއެންއެމްއަށް ވިދާޅުވީ، މިދިޔަ ޑިސެމްބަރާއި ހަމައަށް ބަރާބަރަށް މުވައްޒަފުންނަށް މުސާރަދީފައިވާ ކަމަށެވެ. އެކަމަކު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ދަތިތަކުގެ ސަބަބުން މުސާރަ ނުދެވޭ ކަމަށާއި އެގޮތަށް ފައިސާ ނުދެވުނީ އެތަން ތަރައްގީކުރާ ފަރާތުން އޭނާއަށް ޕޭމަންޓް ދިނުމުގައި ލަސްތަކެއް ދިމާވެފައިވާތީ ކަމަށެވެ.

ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް އިއްޔެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައިރު އެ ހަމަނުޖެހުންތަކުގައި ފުލުހުންނާއި އާންމުންގެ ބަޔަކަށް ވެސް އަނިޔާވި އެވެ. އެތަނުގައި ރަހީނުކޮށްފައި ތިބި ދިވެހިން ސަލާމަތްކުރެވުނީ މިއަދު ފަތިހު 6:30 ހާއިރެވެ. އޭގެ ފަހުން ފުލުހުން ރަށު ތެރޭގައި ހިންގި އޮޕަރޭޝަނަށް ފަހު ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް ބެލެވޭ 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް