ads
ފޮޓޯ: ސީއެންއެމް
ސަރުކާރަށް ޓެކުހުން ލިބުނު އާމްދަނީ 35.8 އިންސައްތަ ދަށް
މި އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ސަރުކާރަށް ލިބުނު އާމްދަނީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަރުކާރަށް ލިބުނު އާމްދަނީ އަށް ވުރެ 35.8 އިންސައްތަ ދަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ޖޫން 25 ގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ސަރުކާރަށް ލިބިފައި ވަނީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބުނު 8,148.1 މިލިއަން ރުފިޔާގެ 64.2 އިންސައްތަ އެވެ. އެއީ 5,232.3 މިލިއަން ރުފިޔާ އެވެ. 

ޖޫން މަހުގެ 25 ގެ ނިޔަލަށް އިމްޕޯޓް ޑިއުޓީ އިން ސަރުކާރަށް ލިބިފައި ވަނީ 904.4 މިލިއަން ރުފިޔާ އެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި އިމްޕޯޓް ޑިއުޓީ އިން ސަރުކާރަށް ވަނީ 1,594.5 މިލިއަން ރުފިޔާ ލިބިފަ އެވެ. 

ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި މިއަހަރު 938.8 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ފާއިތުވި އަހަރު ލިބިފައި ވަނީ 983 މިލިއަން ރުފިޔާ އެވެ. އަދި ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ޖޫން 25 ގެ ނިޔަލަށް 286.3 މިލިއަން ރުފިޔާ ލިބިފައި ވާއިރު، ފާއިތުވު އަހަރު ޖޫން 25 ގެ ނިޔަލަށް ލިބިފައި ވަނީ 392.5 މިލިއަން ރުފިޔާ އެވެ. މިއަހަރު އަލަށް ނަގަން ފެށި އިންކަމް ޓެކްސް އިން ސަރުކާރަށް ވަނީ 4.4 މިލިއަން ރުފިޔާ ލިބިފަ އެވެ. 

އޭގެ އިތުރުން، ޖެނެރަލް ގުޑްސް އެންޑް ސާވިސަސް ޓެކްސް އިން 877.6 މިލިއަން ރުފިޔާ ލިބިފައި ވާއިރު، ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް އިން ލިބިފައި ވަނީ 1,648.7 މިލިއަން ރުފިޔާ އެވެ. 

ރޯޔަލްޓީސްގެ ގޮތުގައި 21.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، ރެވެނިއު ސްޓޭމްޕުން 17.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި އަހަރުގެ ޖޫން 25 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކްސް ގެ ގޮތުގައި ލިބިފައި ވަނީ 283.5 މިލިއަން ރުފިޔާ އެވެ. އެއާޕޯޓް ސާވިސް ޗާޖުން 239.8 މިލިއަން ރުފިޔާ ލިބިފައި ވާއިރު، ރެމިޓެންސް ޓެކްސް ގެ ގޮތުގައި އެ މުއްދަތުގައި ލިބިފައި ވަނީ ނުވަ މިލިއަން ރުފިޔާ އެވެ. 

ނަން-ޓެކްސް ރެވެނިއުގެ ގޮތުގައި ފާއިތުވި އަހަރުގެ ޖޫން 25 ނިޔަލަށް 2,572.4 މިލިއަން ރުފިޔާ ލިބިފައި ވާއިރު، މިއަހަރު ލިބިފައި ވަނީ 1,100.9 މިލިއަން ރުފިޔާ އެވެ. އަދި ކެޕިޓަލް ރިސީޕްޓްސް ގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ލިބިފައި ވާއިރު، ގްރާންޓްސްގެ ގޮތުގައި ލިބިފައި ވަނީ 25.7 މިލިއަން ރުފިޔާ އެވެ. 

މި އަހަރުގެ ޖޫން 25 ގެ ނިޔަލަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 6,359 މިލިއަން ރުފިޔާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް