ads
ފިނޭންސް މިނިސްޓްރީ
މިއަހަރު ޕީއެސްއައިޕީ މަޝްރޫއުތަަކަށް ކުރި ހޭދަ 18 އިންސައްތަ އިތުރު
ޕީއެސްއައިޕީގެ އެކި މަޝްރޫއުތަކަށް މިއަހަރުގެ މިހާތަނަށް ކޮށްފައިވާ ހޭދަ ފާއިތުވި އަހަރާއި އަޅާބަލާ އިރު، 18 އިންސައްތަ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަ އެވެ.

މިއަހަރެ ޖޫން މަހުގެ 25 ގެ ނިޔަލަށް ސަރުކާރުން ވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ދެ ބިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ހަރަދުކޮށްފައި ކަމަށް ފިނޭސްގެ ތަފާސްހިސާބުތައް ދައްކަ އެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ސަރުކާރުން ހަރަދުކޮށްފައި ވަނީ 1.6 ބިލިއަން ރުފިޔާ އެވެ. 

މިއަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ކޮށްފައިވާ ހަރަދު ތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ދަތުރުފަތުރުގެ ނިޒާމުގެ އެކި މަޝްރޫއުތަކަ ށެވެ. އެ މަޝްރޫއު ތަކަށް ސަރުކާރުން ވަނީ 588 މިލިއަން ރުފިޔާ ހޭދަ ކޮށްފަ އެވެ. 

ބަނދަރުގެ އެކި މަޝްރޫއުތަކަަށް 249.7 މިލިއަން ރުފިޔާ ހޭދަ ކޮށްފައި ވާއިރު، އެއާޕޯޓްގެ އެކި މަޝްރޫއުތަކަށް ހޭދަ ކޮށްފައި ވަނީ 146.1 މިލިއަން ރުފިޔާ އެވެ. އަދި ބްރިޖުގެ މަޝްރޫއުތަކަށް ސަރުކާރުން ވަނީ 192.2 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަ އެވެ.

އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ދަތުރުފަތުރުގެ ނިޒާމަށް ހަރަދުކޮށްފައިވާ ގޮތް:

  • ބަނދަރުގެ އެކި މަޝްރޫއު 249.7 މިލިއަން ރުފިޔާ
  • އެއާޕޯޓްގެ އެކި މަޝްރޫއުތަކަށް 146.1 މިލިއަން ރުފިޔާ
  • ބްރިޖުގެ މަޝްރޫއުތަކަށް 192.2 މިލިއަން ރުފިޔާ

ނެޝަނަލް ސެކިއުރިޓީ އެންޑް ޕަބްލިކް އޯޑަރުގެ އެކި މަޝްރޫއުތަކަށް 57.8 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، ސިއްހީ އަދި އިޖުތިމާއީ އެކި މަޝްރޫއުތަކަށް ޖޫން 25 ގެ ނިޔަލަށް 190.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ. 

ފިނޭންސްގެ ތަފާސްހިސާބުތަކުގައި ވާގޮތުން، ތައުލީމީ އެކި މަޝްރޫއުތަކަށް ޕީއެސްއައިޕީ ބަޖެޓުން 58.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަޝްރޫއުތަކަށް 36.7 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، ފެނާ ނަރުދަމާގެ އެކި މަޝްރޫއުތަކަށް ހޭދަ ކޮށްފައި ވަނީ 176.3 މިލިއަން ރުފިޔާ އެވެ. 

އޮފީސް އިމާރާތްތަކަށާއި ކައުންސިލްތަކަށް 14.6 މިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، އިމާރާތްކުރުމުގެ އެކި މަޝްރޫއުތަކަށް 79.6 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ. 

ތަފާސްހިސާބުތަކުގައި ވާގޮތުން މިސްކިއްތައް އިމާރާތް ކޮށް މަރާމާތުކުރުމަށް 21.2 މިލިއަން ރުފިޔާ ވަނީ ޖޫން 25 ގެ ނިޔަލަށް ހަރަދުކޮށްފަ އެވެ. ބިން ހިއްކުމާއި މަގު ހެދުމަށް ޕީއެސްއައިޕީ ބަޖެޓުން 305.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. 

މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައި ވަނީ 10.4 ބިލިއަން ރުފިޔާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް