ads
ފޮޓޯ: ސީއެންއެމް
ފާއިތުވި ހަފްތާގައި 1،057 މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދީފި
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި އަސަރާއި އެކު ވަޒީފާ ގެއްލުނު މީހުންނަށް ސަރުކާރުން ދިނުމަށް ނިންމި އިންކަމް ސަޕޯޓް އެލަވަންސް ފާއިތުވި ހަފްތާގެ ތެރޭގައި 1،057 މީހަކަށް ފިނޭންސް މިނިސްޓްރީން ދޫކޮށްފި އެވެ.

އިންކަމް ސަޕޯޓް އެލަވަންސް ސަރުކާރުން ދޫކުރަން ފެށި ފަހުން އެންމެ ގިނަ އަދަދެއްގެ މީހުންނަށް އެލަވަންސް ދީފައި ވަނީ ފާއިތުވި ހަފްތާ އެވެ. 

ފާއިތުވި ހަފްތާ އެލަވަންސް ދިން މީހުންނާއި އެކު، ޖުލައި ތިން ވަނަ ދުވަހުގެ ނިޔަލަށް 2،507 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ވަނީ ދޫކޮށްފަ އެވެ. 

ޖުލައި ތިން ވަނަ ދުވަހާއި ހަމައަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން 10.1 މިލިއަން ރުފިޔާ ދޫކޮށްފައި ވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާއިރު، ފާއިތުވި ހަފްތާ އެކަނިވެސް 4.3 މިލިއަން ރުފިޔާ ވަނީ އެލަވަންސް ގެ ގޮތުގައި ދޫކޮށްފަ އެވެ. 

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ މި އެލަވަންސް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ދޫކުރަން ފަށާފައި ވަނީ މޭ މަހުގެ 20 ވަނަ ދުވަހު އެވެ. 

އިންކަމް ސްޕޯޓް އެލަވެންސް ދޫކޮށްފައިވާ ކޮންމެ މީހަކަށް ވެސް ލިބޭނީ 5،000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ފާހަގަކުރައްވާފަ އެވެ.

މިއީ ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، މާޗް އެކެއްގެ ފަހުން ވަޒީފާއިން ވަކިކޮށް ނުވަތަ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ، ނުވަތަ މުސާރަ ނުލިބޭގޮތަށް ނޯޕޭއަށް ފޮނުވައިފައިވާ ނުވަތަ މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް ދޭ އެލަވަންސް އެކެވެ. 

ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއްނަމަ، މަހަކު 5000 ރުފިޔާ އަދި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތެއްނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބެ އެވެ. އަދި މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ.  

އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެހިންނަށް ދޭން ނިންމާފައިވާ މި އެލަވަންސްއަށް ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ މީހެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ، އެ މީހަކަށް އެލަވަންސް އެއް ނުލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް