ads
ކުޑަކުއްޖަކާ ކައިވެނި ކުރި އަހުމަދު ޢައްޠަފް
ކޯޓުން ބޭރުގައި ކުޑަކުއްޖަކާ ކައިވެނިކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް
ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި އުމުރުން 17 އަހަރުގެ ކުއްޖަކާ ކައިވެނި ކުރި މީހާގެ ވަނަވަރު ފުލުހުން އާންމު ކޮށްފި އެވެ.

އުމުރުން 17 އަހަރުގެ ކުއްޖަކާ ކައިވެނިކޮށް، އެ ކުއްޖާ ބަލިވެއިން މައްސަލައާ ގުޅިގެން ކުއްޖާއާ މެދު ޖިންސީ ގޯނާކޮށް ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ޖުލައި ތިން ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ހއ. ފިއްލަދޫ / ޝޭޑޯޒް، އަހުމަދު އައްޠަފް ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ޢައްޠަފް މ. މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ތުހުމަތުކުރެވޭ މައްސަލައަކީ ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި އުމުރުން 18 އަހަރު ނުވާ ކުއްޖަކާ ކައިވެނިކޮށް، ޖިންސީ ގޯނާ ކުރުމުގެ ސަބަބުން އެކުއްޖާ ބަލިވެއިން މައްސަލައަކަށްވަތީ، އޭނާ ދޫކޮށްލައިފިނަމަ ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލައިފާނެ ކަމަށް ބެލެވޭތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައި ވާކަމަށެވެ.

މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. 

ޗައިލްޑް އެބިއުސް އަދި އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

މިފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސްގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް ހުށަހެޅުމަށް ފުލުހުން އެދެއެވެ. 

ފުލުހުން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ އެ އިދާރާއިން ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމަށް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް