ads
ތިނަދޫއަށް އުދައަރާފައި-- ފޮޓޯ: ތީމްސް/ ޓްވީޓާ
ތިނަދޫއަށް ވަރަށް ބޮޑަށް އުދައަރައިފި
ގދ. ތިނަދޫއަށް މިއަދު ވަރަށް ބޮޑަށް އުދައަރާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

އެ ރަށު ކައުންސިލުގެ ރައީސް އަލީ އަމްޖަދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މިއަދު ހެނދުނު 10 ހާއިރު ވަނީ ވަރަށް ބޮޑަށް އެރަށަށް އުދަ އަރާފަ އެވެ. 

އަމްޖަދު ވިދާޅުވީ މީގެ ކުރިން ވެސް އެގޮތަށް އުދަ އަރާ ކަމަށާއި އެކަމަކު ރަށުގެ އިރުމަތީ ފަރާތު، ބަނދަރު ސަރަހައްދުން އެހެންޏާއި އެވަރަށް އުދަ އަރާފައި ނުވާ ކަމަށެވެ. ބަނދަރު ސަރަހައްދަކީ ގިނަ އަދަދެއްގެ ގެތައް ހުންނަ ސަރަހައްދެއް ނޫން ނަމަވެސް ހޮސްޕިޓަލު ހުންނަނީ އެ ސަރަހައްދުގައިކަން އަމްޖަދު ފާހަގަކުރެއްވި އެވެ. އޭނާ ވަނީ އެ ސަރަހައްދަށް ވެސް އުދައިގެ އަސަރު ކުރިކަމަށް ވިދާޅުވެފަ އެވެ. 

އަދި އެރަށު ބަނދަރުގައި އަޅާފައި އޮތް އޮޑިދޯނި ފަހަރަށް ވެސް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށް ވިދާޅުވި އެވެ. 

އަމްޖަދު ވަނީ ތިނަދޫ ބަނދަރަކީ ރާއްޖޭގެ އެންމެ ބޮޑެތި ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ބަނދަރެއް ކަމަށާއި އެގޮތުން ގިނަ އަދަދެއްގެ ޑިންގީ އާއި ލޯންޗު ފަހަރުގެ އިތުރުން ދޯނި ފަހަރު ވެސް ބަނދަރުގައި އަޅާފައި އޮންނަ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން އަމްޖަދު ވިދާޅުވީ، ދިޔަވަރު ބޮޑުވާ ފަހަރުތަކުގައި ކޮންމެ ފަހަރަކު ވެސް ބަނދަރު މަތިން ލޮނުގަނޑު އެހާ ބޮޑަށް އަރަން މެދުވެރިވަނީ އެރަށު ބަނދަރުގައި ބޭރުތޮއްޓެއްލާފައި ނުވާތީ ކަމަށެވެ. އެކަމުގެ ޝަކުވާ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ވެސް އެކަން ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި އުއްމީދަކީ އެކަމަށް ވަރަށް އަވަސް ހައްލެއް ލިބުން ކަމަށް ވިދާޅުވި އެވެ. 

ތިނަދޫއަށް ވަރަށް ބޮޑަށް އުދައަރާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ފެނިގެންދަނީ މިއަދު އެރަށަށް ގާތްކުރި އަތޮޅު ފެރީއަށް ވެސް ލޯޑަރު ބޭނުންކޮށްގެން މީހުން އެރުވި މަންޒަރެވެ. އަމްޖަދު ވިދާޅުވެފައި ވަނީ އެގޮތަށް ލޯޑަރުގައި މީހުން އަރުވަން ޖެހުނީ އެވަގުތު ވަރަށް ބޮޑަށް އުދައަރަމުންދިޔުމުން ކަމަށެވެ. އެކަމަކު މިހާރު ދިޔަވަރު ކުޑަވެފައިވާކަން ވެސް ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް