ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--
ހައްސާސް މައްސަލަތައް ހިއްސާނުކުރުމުން ބަދުނާމު އެޅެނީ ސަރުކާރާއި ފުލުހުންގެ ބޮލުގައި: ރައީސް
ރާއްޖޭގައި އިޖުތިމާއީ ބޮޑެތި މައްސަލަތައް ހިންގަމުން އަންނައިރު އެކަން ހިނގާފައިވާ ގޮތުގެ މައުލޫމާތު އަވަހަށް ހިއްސާނުކުރުމުން ބަދުނާމު އެޅިގެން ދަނީ ފުލުހުންނާއި ސަރުކާރުގެ ބޮލުގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މުވައްސަސާއަށް އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ފުލުހުންގެ މުވައްސަަސާއަކީ ފުލުހުން ވެސް ފަހުރުވެރިވާ ނަޒާހާތްތެރި ތަނަކަށް އެތަން ހަދަން ބޭނުންވެލައްވާ ކަމަށެވެ. 

އެގޮތުން ތަނެއް ކުރިއަރާއި ތަރައްގީވެގެން ދިއުމަކީ ބަދަލުވެގެންދާ ދުނިޔެއެއްގައި މުހިއްމުކަމެއްކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެކަން ކުރައްވާނީ ފުލުހުންގެ ތެރޭގައި ތިއްބެވި އިލްމީ ކުރިއަރާފައިވާ ބޭފުޅުންގެ ލަފާގެ މަތިން ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އަދުލުއިންސާފު ގާއިމުކުރުންކަމަށާއި އެކަމުގެ ފެށުންވެސް ގުޅިފައިވަނީ ފުލުހުންގެ މަސައްކަތާއި ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގު ފުރިހަމައަށް އަވަސްކޮށް ކުރުމަކީ މުހިއްމު މަސައްކަތެއް ކަމަށެވެ. އެގޮތުން އަންހެނުންނާއި ކުޑަކުދިންނަށް ކުރަމުން އަންނަ ޖިންސީ ގޯނާގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. 

އަވަހަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ބާރުއަޅުއްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެފަދަ ހައްސާސް މައްސަލަތަކުގެ މައުލޫމާތު ވީހާވެސް އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދިނުން ވަރަށް މުހިއްމު ކަމަށެވެ. އެގޮތަށް އެކަން ނުކުރުމުގެ ސަބަބުން ބައެއް މީޑިއާތަކުގައި އެންމެ އެކަށީގެންވާ ގޮތަށް މައުލޫމާތު ނުހިމަނާ ހަބަރުތައް ގެންނަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. 

އެހެންކަމުން، އެކަމުގައި އެންމެ މަސްލަހަތު ހުރި ގޮތަކީ އެފަދަ ހައްސާސް މައްސަލަތަކުގެ ހަގީގަތް ވީހާވެސް އަވަހަށް ރައްޔިތުންނަށް ހާމަކުރުމަށް ވިދާޅުވި އެވެ. އަދި މައުލޫމާތު ހިއްސާނުކުރުމުން އެކަމުގެ ބަދުނާމު އެޅިގެން ދަނީ ސަރުކާރާއި ފުލުހުންގެ މުވައްސަސާއަށްކަން ވެސް ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑު ހިތުން މިފަދަ ބަދުނާމެއް ބޮލުގައި އެޅޭކަށް އެންމެ ފުލުހަކު ވެސް ބޭނުމެއް ނުވާނެ. އަޅުގަނޑަށް އެނގޭ މިފަދަ ކަންކަން އިސްލާހުކުރުމަށް ފުލުހުންގެ ތެރެއިން ވެސް މަސައްކަތް ކުރަމުން އަންނަކަން،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ސޯލިހު ވަނީ ކޮވިޑް-19 އާ ގުޅިގެން ދިވެހި ފުލުހުން ކުރި ބުރަ މަސައްކަތް ވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން ކޮވިޑް-19 މާލޭގައި ފެތުރުނަ ނުދިނުމަށްޓަކައި މާލޭގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އައި ތަންތަން ބެލެހެއްޓުމުގައި ދިވެހި ފުލުހުން ކުރި ބުރަ މަސައްކަތަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް