ads
ގަވައިދާ ހިލާފަށް ސައިކަލްތަކެއް ޕާކު ކޮށްފައި-- ފޮޓޯ: ސަން
މާދަމާއިން ފެށިގެން ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކަށް ފިޔަވަޅު އަޅަނީ
މާދަމާއިން ފެށިގެން ގަވާއިދާ ހިލާފަށް ޕާކުކުރާ އުނޅަދު ފަހަރަށް ފިޔަވަޅު އަޅަން ފަށާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭ ސިޓީގެ ދިހަ ސަރަހައްދެއް ފާހަގަކޮށް ފުލުހުން މިއަދު ބުނީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނިއު ނޯމަލްއަށް ބަދަލުވެފައިވާތީ ގަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދު ފަހަރަށް ފިޔަވަޅު އަޅަން ވެސް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފުލުހުން ފާހަގަކުރާ ދިހަ ސަރަހައްދުގެ ތެރޭގައި ހިމެނެނީ، މިސްކިތްތައް ކައިރި އާއި ކަފިހި ހުރަސްތަކާއި އަރިމަތީ ދެރޮނގު ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިތަކުގެ ކަންމަތިތަކާއި ސްކޫލުތައް ކައިރި އާއި ހޮސްޕިޓަލުތަކުގެ އިތުރުން ބޭންކުތައް ކައިރި އެވެ. 

އޭގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ތާރުއަޅާފައިވާ ސަރަހައްދާއި ފުލުހުންގެ ކޯނު ނުވަތަ ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދުތަކުގެ އިތުރުން ހާއްސަ ޒޯންތަކުގައި ޕާކުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެ އެވެ. 

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރުމާއެކު ފުލުހުން ވަނީ އެގޮތަށް ގަވާއިދާ ހިލާފަށް ޕާކު ކުރިނަމަވެސް ފިޔަވަޅު ނާޅާއި ދޫކޮށްލާފަ އެވެ. 

އެކަމަކު އޭގެ ކުރިން ފުލުހުން އައީ ގަވާއިދާއި ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުފަހަރުތަކުގައި ސްޓިކާ ޖެހުމުގެ އިތުރުން، ޓޯ ކުރަމުންނެވެ.

އާންމުން އަންނަނީ ޕާކުކުރާނެ ތަން ނުއްދާ ސްޓިކާ ޖަހަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް