ads
ހިޔާ މަޝްރޫގެ ޓަވަރުތައް--
ހިޔާ ފްލެޓުތަކަށް މިއަހަރު ނުވަދެވޭނެ
ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓުތަކަށް މިއަހަރު ނުވަދެވޭނެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ ހިޔާ މަޝްރޫއުގެ ކޮންޓްރެކްޓްގައި ނުހިމެނޭ ބައެއް ކަންތައްތައް ނިންމުމަށް އިތުރު 8 މަސް ނަގާނެ ކަމަށެވެ. 

އެގޮތުން ކުރީ ސަރުކާރުން ހިޔާ މަޝްރޫއުގެ މަސައްކަތުގެ ކޮންޓްރެކްޓްގައި ފްލެޓްގައި ތަށިމުށި ޖެހެން ހިމެނިފައިނުވާ ކަމަށާއި ކޮންޓްރެކްޓުގައި ވަނީ ފްލެޓްތަކުގައި ތަޅުން އަޅާ ގޮތަށް ކަމަށް ވިދާޅުވި އެވެ. އަދި އެ ކޮންޓްރެކްޓްގައި ފްލެޓްތަކުގައި އިންޓީރިއާ ދޮރުތައް ނުހިމެނޭ ކަމަށާއި ފަންކާ އަދި ބޮކި ވެސް ނުހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަންކަން ނިންމުމަށް 8 މަސް ދުވަސް ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ފްލެޓްތައް ނިންމަން ދީފައިވާ މުއްދަތަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް ކަމަށެވެ. އެހެން ނަމަވެސް އެ މުއްދަތަށް މަސައްކަތް ނިންމާލެވިފައި ނުވާ ކަމަށާއި ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި އެންމެ ބޮޑުކަމަކަށް ހުރީ ތަޅުން އެޅުމުގެ މަސައްކަތާއި ކަރަންޓް މީޓަރު ހަރުކުރުމުގެ އިތުރުން ފެން މީޓަރު ހަރުކުރުން ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ދެވަނަ ފިޔަވައްސަށް ކަރަންޓުގެ ދާއިމީ ހިދުމަތް ގެނައުމާއި ފެން ގުޅުމުގެ މަސައްކަތް އެޗްޑީސީގެ ދަށުން ސްޓެލްކޯއާއި ފެނަކައިން ކުރަންމުންދާކަން ފާހަގަކުރެއްވި އެވެ. ފެން ގުޅުމަށް އެމްޑަބްލިއުއެސްސީއިން އިތުރު އަށް މަސް ބޭނުންވާއިރު ކަރަންޓުގެ މަސައްކަތް ނިންމުމަށް ހަތް މަސް ބޭނުންވާނެކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރު ދޭ މުއްދަތަކީ، އަދި އަށް މަސް. ހުޅުމާލެ ސެކަންޑް ފޭސްއަށް ދާއިމީ ކަރަންޓާއި ފެން ގެންދިއުމުގެ މަސައްކަތް މާލޭ ފެންކުންފުނިންނާއި ސްޓެލްކޯއިން ކުރައްވަން ޖެހޭނެ. ފެން ކުންފުނީގެ މަސައްކަތައް ހަތް މަސް ދުވަސް، ސްޓެލްކޯގެމަސައްކަތަށް އަށް މަސްދުވަސް ނަގާނެ. އެހެން ވީމާ މީގެން ތަނަކަށް މީހަކަށް ވަދެވޭނީ މީގެ އަށް މަސް ދުވަސް ފަހުން،" އަސްލަމް ވިދާޅުވި އެވެ.

މީގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ކުރިން ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އައިމިނަތު އާތިފާ ވަނީ މިއަހަރުގެ ތެރޭގައި ހިޔާ ފްލެޓުތަކަށް ވަދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް