ads
އިސްތިއުފާ ދީފައިވާ ގާޒީ ނަޖީބު ވަކިކުރުމުގެ މައްސަލަ މަޖިލީހުން ކުރިއަށް ގެންދަނީ
އިސްތިއުފާ ދީފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަށް މަޖިލީހުގައި ބަހުސް ކުރުމަށް ނިންމައިފި އެވެ.

ގާޒީ ހަސަން ނަޖީބު މަގާމުން ވަކިކުރުމަށް އެދި ޖޭއެސްސީއިން މަޖިލީހަށް މައްސަލަ ފޮނުވާފައިވަނީ ޖުލައި ދެވަނަ ދުވަހު އެވެ. އެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނިކޮށް ރޭގެ ވަގުތެއްގައި ގާޒީ ނަޖީބު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ރޭގެ ވަގުތެއްގައި ގާޒީ ނަޖީބު މަގާމުން އިސްތިއުފާ ދެއްވާފައި ވީނަމަވެސް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވަނީ މަޖިލީހުގެ އެޖެންޑާއާއި އެއްގޮތަށް ގާޒީ ނަޖީބު ވަކިކުރުމުގެ މައްސަލައިގައި ބަހުސް ކުރިއަށް ގެންދިއުމަށެވެ. 

ޖޭއެސްސީން ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ގާޒީ ހަސަން ނަޖީބުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގއ އަތޮޅު ކައުންސިލްގެ ގއ. ވިލިނގިލީ ދާއިރާއަށް ކުރިމަތިލި ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް ގާޒީ ހަސަން ނަޖީބު މަސައްކަތް ކޮށްފައިވާކަމާއި އަދި ކެނޑިޑޭޓް ނިސްބަތްވާ ސިޔާސީ ޕާޓީއަށް މީހަކު ސޮއިކުރުވުމުގައި ގާޒީ ހަސަން ނަޖީބު ބައިވެރިވިކަމާއި އެ އިންތިހާބުގައި އެ ދާއިރާއަށް ކުރިމަތިލި އަނެއް ކެނޑިޑޭޓްގެ ކެނޑިޑެސީ ބާތިލުކުރުމަށް ގާޒީ ހަސަން ނަޖީބު މަސައްކަތްކުރިކަމަށެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި ރިޔާސީ ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައި ގާޒީ ހަސަން ނަޖީބު ވާހަކަ ދައްކާފައިވާކަމާއި، އަދި ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ތަހުގީގީ އެއްވެސް އިދާރާއަކުން އެދިފައި ނުވަނީސް، ޖިނާއީ އަދުލުގެ ނިޒާމުގައި އެކަށައެޅިފައިވާ ޤާނޫނީ އަސާސްތަކާ ކަނޑައެޅިގެން ހިލާފަށް ދެ މީހަކު ހައްޔަރުކުރުމަށް ގާޒީ ހަސަން ނަޖީބު އަމިއްލައަށް ކޯޓު އަމުރު ނެރެފައިވާކަން ސާބިތުވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް