ads
ގުޅީފަޅު
ގުޅީފަޅުން ފްލެޓް ގަތް މީހުނަށް ބަދަލު ދެނީ
ގުޅީފަޅުން ހައުސިން ޔުނިޓް ގަތުމަށް ފައިސާ ދެއްކި ނަމަވެސް ފްލެޓް ލިބިފައި ނުވާ ފަރާތްތަކަށް ބަދަލުދޭން ނިންމައިފި އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ގުޅީފަޅުގައި މީހުން ދިރުއުޅުމަށް ގެދޮރު ގަތުމުގެ އެކި މަރުހަލާތަކުގައި 140 މީހަކު ޝާމިލް ވެފައިވާ ކަމަށެވެ. އެފަރާތްތަކުގެ ތެރެއިން ބައެއް މީހުން ޑައުންޕޭމެންޓުގެ އިތުރުން ވެސް ފައިސާ ދައްކާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. 

އެހެންނަމަވެސް ގުޅީފަޅުން ހައުސިން ޔުނިޓު ގަތުމަށް މަސައްކަތްކޮށް ނާކާމިޔާބުވި ފަރާތްތަކަށް ބަދަލުގެ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން ހައުސިންގް ޔުނިޓެއް ލިބޭނެ ގޮތް ހަމަޖައްސާ ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"ގުޅިފަޅުން ހައުސިންގް ޔުނިޓްއެއް ގަންނަން ފައިސާ ދައްކާފައިވާ ކޮންމެ ފަރާތަކަށް، ބަދަލުގައި އެއް ހައުސިންގް ޔުނިޓް މިއަހަރުގެ ޑިސެންބަރު މަސް ނިމުމުގެ ކުރިން ގަނެވޭނެ ގޮތެއް، ލިބޭނެ ގޮތެއް ހަމަޖައްސަ ދިނުން." އަސްލަމް ވިދާޅުވިއެވެ.

އެ ފަރާތްތަކަށް ސަރުކާރުން ބަދަލު ދޭން ނިންމާފައިވާ ގޮތްތަކުގެ ތެރޭގައި ހައުސިން ޔުނިޓު ގަނެވޭނެ އިތުރު ގޮތްތަކާއި ބަދަލުގެ ގޮތުގައި ފައިސާ ދިނުން އަދި އާ ހައުސިން ޔުނިޓެއް ގަންނައިރު އެތަނުގެ އަގުން ގުޅީފަޅުން ހައުސިން ޔުނިޓު ގަތުމަށް ކޮށްފައިވާ ހަރަދުން އުނިވާ ގޮތަށް ހަމަޖައްސައިދިނުމަކީ ސަރުކާރުން ނިންމާފައިވާ ކަމެއް ކަމަށް އަސްލަމް ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ގުޅިފަޅުން ހައުސިން ޔުނިޓު ގަތުމަށް ދައްކާފައިވާ ފައިސާއާ އެއްވަރުގެ އަދަދެއް ހައުސިން ޔުނިޓު ވިއްކަން ކަނޑައަޅާފައިވާ އަގުން އުނިކުރުމާއި ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި މަހަކު ވަކި އަދަދަކަށް ފައިސާ ދޫކުރުމަކީ ވެސް ސަރުކާރުން ނިންމާފައިވާ އިތުރު ގޮތެއް ކަމަށް ވިދާޅުވި އެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ ގުޅީފަޅުން ހައުސިން ޔުނިޓް ގަންނަން ފައިސާ ދެއްކި ފަރާތްތަކަށް ބަދަލުދިނުމާ ގުޅޭގޮތުން އެފަރާތްތަކާ އެކު އެއްބަސްވުންތައް ހަދަމުންދާ ކަމަށެވެ. 

އެގޮތުން ދެ ކޮޓަރީގެ ހައުސިން ޔުނިޓުތަކަށްވުރެ ބޮޑު ތަނެއް ބޭނުންވާ ފަރާތްތަކަށް، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ތިން ކޮޓަރީގެ ހައުސިން ޔުނިޓެއް ގަތުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދޭނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރުގެ އިހުމާލުން ފުރުސަތު ނުދެވިއްޖެ ނަމަ އިތުރަށް ހިނގާ މަސްތަކަށް ކޮމްޕެންސޭޝަނެއްގެ ގޮތުގައި 12000 ރުފިޔާ ދިނުމަށް ނިންމާފައި ވާކަމަށް ވެސް ވިދާޅުވި އެވެ.

ގުޅީފަޅުގައި ފްލެޓްތައް އަޅާފައި ވަނީ 2010 ވަނަ އަހަރު، ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް