ads
ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު އަސްލަމް--
"ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ އަގު 7000 ރުފިޔާއަށް ވުރެ ތިރިން ހިފަހައްޓައިދޭނެ"
ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ އަގު މި ސަރުކާރުން ވައުދުވި ގޮތަށް 7000 ރުފިޔާގައި ހިފަހައްޓާލެވޭނެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓުތަކުގައި ފަންކާ ހަރުނުކޮށް އަދި ތަށިމުށި ނުޖަހާ، ހަވާލުކުރިޔަސް އެތަންތަނުގެ އަގު މާބޮޑު ތަނަކުން ހެޔޮ ނުވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނިކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ފިނިޝިންގެ މަސައްކަތްނުކޮށް، 11000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި އަޑު އިވިފައި ނުވާ ކަމަށެވެ. 

"ހިސާބު ޖައްސަވާތި. މީހަކު މިވަރު ތަނެއް ގަންނަ ކަމަށްވެއްޖެއްޔާ ގަތުމަށް ގޮސް ލޯނެއް ނެގީމަ، މިވަގުތު ބޭންކްތަކުގަ ހުރި އިންޓަރެސްޓް ރޭޓާއެކީގަ. އެސްޑީއެފްސީ ކަމުގައި ވިޔަސް. އިންޓަރެސްޓާއެކީގައި ނުވަ ލައްކަ ފަންސާސް ހަ ހާސް ރުފިޔާގެ ލޯނެއް ނެގީމަ މަހަކު ދައްކަން ޖެހެނީ ކިތައް ރުފިޔާކަން ހިސާބު ޖައްސަވާލީމަ އެނގޭނެ. ހިސާބު ޖައްސަވާލައްވާ އިންޓަރެސްޓް ރޭޓާ އެކީގަ، ވިހި އަހަރުން، ކިތައް ރުފިޔާތޯ ދައްކަން ޖެހޭނީ. އަޅުގަނޑު ހަނދާންވަނީ 10 ރުފިޔާއަށް ވުރެ މަތިވާނެއޭ،" އަސްލަމް ވިދާޅުވި އެވެ. 

އޭގެ އިތުރުން އަސްލަމް ވިދާޅުވީ، އިންޓަރެސްޓް ރޭޓް ކުޑަކުރުމަށް ފަހު ރައްޔިތުންނަށް "މިވެނި ވަރެއް [11000 ރުފިޔާ]" ދައްކަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި ހަނދުމަ ނުވާނެކަމަށެވެ. 

"ހިޔާ މަޝްރޫއަށް ސަރުކާރުން ވައުދުވެފައިވާ މިންވަރުގެ ތެރޭގަ ސަރުކާރުން ހިފަހައްޓައިދޭނެ. އެ މިންވަރަކީ އަޅުގަނޑު ހަނދާނެއް ނެތް. ހަތް ހާސް ރުފިޔާއަށް ވުރެ ތިރިން ހިފަހައްޓައިދޭނެ،"

މިހާރު ކަނޑައަޅާފައިވާ ގޮތުން ދެ ކޮޓަރީގެ ފްލެޓަކަށް މަހަކު 11000 ރުފިޔާ ދައްކަން ޖެހެ އެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ސީއެންއެމްއަށް ވިދާޅުވީ މިހާރު، ފަންކާ އަދި ތަށިމުށި ނުޖަހާ އެތަންތަން ހަވާލުކުރި ނަމަވެސް އެތަންތަނުގެ ކުލި ކުޑަވާނީ އެންމެ ދިހަ އިންސައްތައަށް ކަމަށެވެ.  

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފްލެޓަކަށް ކަނޑައަޅާފައި ވަނީ 5600 ރުފިޔާ ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެ އަގާއި ގުޅިގެން ސުވާލުކުރުމުން ސުހައިލް ވިދާޅުވީ މިހާރު ގެނައި ބަދަލާއެކު ވެސް އެ އަދަދަށް ކުލި ތިރި ނުކުރެވޭނެ ކަމަށެވެ. އެގޮތަށް އެކަންކޮށްފިނަމަ ދެކޮޅު ނުޖެހޭނެ ކަމަށާއި ފްލެޓް އަޅަން ނެގި ލޯނު ވެސް ނުދެއްކޭނެ ކަމަށް ވިދާޅުވި އެވެ.  

ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި ޗައިނާގެ ސްޓޭޓް އިންޖީނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހަވާލުކުރި އެ މަޝްރޫއުގައި އިމާރާތްކުރަމުން ދަނީ 25 ބުރީގެ 16 ޓަވަރެވެ. އެއިން ކޮންމެ ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް