ads
އިދިކޮޅު ކޯލިޝަނުން ބޭއްވި ބައްދަލުވުމުގައި ސުޖާއު ވާހަކަ ދައްކަނީ
"ފެއިލްވެއްޖެ" ނަމުގައި އިިދިކޮޅު ކޯލިޝަނުން ބޮޑު ޖަލްސާއެއް ބާއްވަނީ!
"ފެއިލްވެއްޖެ" ނަމުގައި އިދިކޮޅު ކޯލިޝަނުން ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލިސް ބާރަށު ދާއިރާ ކުރީގެ މެމްބަރު އިބްރާހީމް ސުޖާއު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ފެއިލްވެފައިވާކަމަށެވެ. އެގޮތުން އެކަން ޒިންމާދާރުކުރުމާއި ސަމާލުކަމަށް ގެނައުމަށް ސަރުކާރަށް ސިޓީފޮނުވާފައިވާކަމަށެވެ.   

ނަމަވެސް އެކަމަށް މިސަރުކާރުން ބީރުކަންފަތެއް ދީފައިވުމުން ޖަވާބުދާރީކުރުވުމަށާއި ރައްޔިތުންގެ ކަންބޮޑުވުން އިއްވުމަށް އިދިކޮޅު ކޯލިޝަނުން މި މަހުގެ 17 ވާ ހުކުރު ދުވަހު ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. ބޮޑު ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ހޯދުމަށް  އެދިފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޖަލްސާ ބޭއްވުމަށް ހުއްދައަށް އެދުނު ނަމަވެސް ހުއްދަދޭން ސަރުކާރުން ޖެހިލުންވާކަމަށް ވެސް ސުޖާއު ފާހަގަކުރެއްވި އެވެ.

" ރައްޔިތުން ކަނު އަނދިރީގައި ބައިތިއްބައިގެން މުޅި ގައުމުގެ އިސްތިގްލާލާއި މިނިވަންކަން ގެއްލިގެންދާ ހިނދު މިކަމުގެ ޖަބާދާރީކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއިރު މި ސަރުކާރަށް އަޑު ނީވުނީމަ އަޅުގަނޑުމެންނަށް މިޖެހުނީ ވަކި ތަނަކަށް އެއްވެގެން އިހުތިޖާޖުކުރަން،" ސުޖާއު ވިދާޅުވި އެވެ.

ކޮވިޑް-19 ގައި ރާއްޖޭގެ ރައްޔިތުން ފުރަބަންދުކޮށް ދައުލަތު ހަޒާނާ ލޫޓުވާލާކަމަށާއި ކޮވިޑް ނަމުގައި ފާއިތުވި ތިން މަސް ދުވަހު ރައްޔިތުންގެ ގޭގައި ބައިތިއްބައިގެން ދައުލަތުން ވަރަށް ބޮޑެތި ވައްކަން ކޮށްފައިވާކަމަށް ސުޖާއު ތުހުމަތު ކުރެއްވި އެވެ.

ގިނަ ރައްޔިތުން ހާލުގައި ޖެހި ނިކަމެތިވަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން ގިނަ ރައްޔިތުންގެ ޝަކުވާ ސަރުކާރާ ހިސާބަށް ގެންދިއުމަށް ފެއިލްވެއްޖެ ނަމުގައި ބާއްވާ ޖަލްސާގައި ބައިވެރިވުމަށް  ސުޖާއު ގޮވާލެއްވި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް