ads
އަހުމަދު ނާސިރު
އެޗްޕީއޭ އިން ހާއްސަ އިންސްޕެކްޝަނެއް ކުރިއަށްގެންދަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ހާއްސަ އިންސްޕެކްޝަނެއް ކުރިއަށްގެންދަން ނިންމައިފި އެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަހުމަދު ނާސިރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިހެން ކުރިއަށް ގެންދިއުމަށް ރާވާފައި މިވާ މާސް އިންސްޕްކެޝަން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ޖުލައި 12 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. 

އެގޮތުން މި މާސް އިންސްޕްކެޝަން ގައި މާލެ ސަރަހައްދުގައި ހުރި ހުރިހާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި، ފިހާރަތަކާއި ސެލޫންތަކާއި ޖިމްތައް އަދި އެކި ގޮތްގޮތަށް ހެދިފައިވާ މާރުކޭޓުތައް ބަލާ ފާސްކުރާނެ ކަމަށް ނާސިރު ވިދާޅުވި އެވެ.

ނާސިރު ވިދާޅުވީ އެ އިންސްޕެކްޝަން ގައި އެޗްޕީއޭގެ އިތުރުން، މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، ވެމްކޯ އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެންޓުން ބައިވެރިވާނެ ކަމަށެވެ. 

މި އިންސްޕެކްޝަންގެ މަގްސަދަކީ ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ހަދާފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް ހިދުމަތްދޭ ތަންތަނުން ބަލަނީ ކިހާ ވަރަކަށްތޯ ބަލައި ފާސްކުރުން ކަމަށް ނާސިރު ވަނީ ވިދާޅުވެފަ އެވެ. 

އެޗްޕީއޭގެ އަމާޒަކީ ރައްޔިތުންނަށް ރައްކާތެރި ދުޅަހެޔޮ މާހައުލެއް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށް ނާސިރު ފާހަގަކުރެއްވި އެވެ.

ނާސިރު އިތުރަށް ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުގައި މި އިންސްޕެކްޝަން ކުރިއަށް ގެންދިއުމަށް ނިންމާފައި ވީނަމަވެސް އަތޮޅުތެރޭގައި ވެސް މިފަދަ އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް