ads
މާފުށީގައި މުޒާހަރާކުރަނީ--
ޖިންސީގޯނާ ފޮރުވިކަމަށް ބުނާ މަންމަ މުޒާހަރާކޮށް ރަށުން ބާލައިފި
މާފުށީގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް އެކުއްޖާގެ ދޮންބައްޕަ ޖިންސީގޯނާ ކޮށްފައި ވަނީ މަންމަގެ އިހުމާލުން ކަމަށް ބުނެ ގޭ ދޮށުގައި މުޒާހަރާކޮށް އެކުއްޖާގެ މަންމަ އެ ރަށުން ބާލައިފި އެވެ.

މިއަދު ހަވީރު ފަހެއް ޖެހި އިރު މާފުށީގެ ރައްޔިތުން އެގޭ ދޮށަށް އެއްވެ މުޒާހަރާކުރަން ފަށާފައި ވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ އެ އަންހެންމީހާ އާއި އޭނާގެ އާއިލާ އެރަށުން ފޭބުމަށް ގޮވާފަ އެވެ. 

އެ އެއްވުމުގައި ހަމަނުޖެހުން ހިންގާފައިނުވާ ކަމަށް ފުލުހުން ބުނެފައި ވާއިރު، އެއްވުން ހިނގި ސަރަހައްދުގައި ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ. 

އެގޮތުން އެ އަންހެން މީހާ އެރަށުން ބާލާފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް އެ އިދާރާއިން ބުނެ އެވެ. 

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ގޭދޮށަށް އެއްވެ އަޑުގަދަ ކޮށް އިހުމާލުވި މީހާ ހައްޔަރުކުރުމަށް ގޮވާލާފަ އެވެ. 

އެނގިފައިވާ ގޮތުގައި، ކުއްޖާއަށް ދޮން ބައްޕަ، ޖިންސީ ގޯނާ ކުރި މައްސަލައިގައި އެމީހުން ތުހުމަތުކުރަމުންދަނީ ކުއްޖާގެ މަންމަ އިހުމާލުވެފައިވާ ކަމަށެވެ. 

އެގޮތުން މީގެ ކުރިން ސީއެންއެމްއަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ، ދޮން ބައްޕަ، ކުއްޖާއަށް ބެހޭކަން މަންމައަށް އެނގޭ ކަމަށާއި އެކަން މަންމަ ސިއްރު ކުރީ ގޯތީގެ ދަހިވެތިކަމުގައި ކަމަށް ބުނެފަ އެވެ. 

އެކުއްޖާގެ މަންމަ ވަނީ ތުހުމަތުތައް ދޮގުކޮށް އެ ކުއްޖާއަކީ އޭނާގެ ހުރި ހަމައެކަނި ކުއްޖާކަމަށާއި އަމިއްލަ ދަރިއަށް އެފަދަ ކަމެއްވާން އޭނާ ވެސް ނޭދޭ ކަމަށް ސީއެންއެމް އަށް ބުނެފަ އެވެ. 

އުމުރުން އެންމެ 10 އަހަރުގެ އަންހެންކުއްޖާ އަށް ޖިންސީގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ މާފުށީ ސިއްހީ މަރުކަޒުންނެވެ. 

މައުލޫމާތު ލިބޭ ގޮތުގައި ޔޫރިން އިންފެކްޓްވެގެން ޑޮކްޓަރަށް ދެއްކުމުން އެކުއްޖާ ވަނީ އެ ފިރިހެން މީހާ، ޖިންސީ ގޯނާ ކުރި ވާހަކަ ކިޔައިދީފައި ކަމަށް ބުނެ އެވެ. އެކަމަކު އެ ދުވަހު، އަންހެން މީހާ ސިއްހީ މަރުކަޒުން ނިކުމެގެން ދިޔައީ "ކުއްޖާއަކީ މޮޔައެއް" ކަމަށް ބުނެ ވަރަށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމަށް ފަހު ކަމަށް ރަށުން ވާހަކަ ދެއްކި މީހުން ބުނެ އެވެ. 

އެ މައްސަލައާ ގުޅިގެން ކުއްޖާގެ 57 އަހަރުގެ ދޮން ބައްޕަ ހައްޔަރުކޮށްފައިވާއިރު އެމީހާގެ ބަންދުގެ މުއްދަތަށް މީގެ ތިން ދުވަސް ކުރިން ވަނީ 15 ދުވަސް ޖަހާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް