އިމްތިޔާޒް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމާއި އަދި އެނޫންވެސް ގޮތްގޮތުން ކުޑަކުދިންނާއި ދެކޮޅަށް ކުރެވޭ ކުށްތަކާއި ގުޅިގެން ސާވޭއެއް ކުރުމުގެ މަސައްކަތް ޔުނިފެސާއި ގުޅިގެން ކުރަމުން އަންނަކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތަކަކީ ރާއްޖޭގައި އޮތް ބޮޑު މައްސަލައެއްގެ ގޮތުގައި ދެކިގެން މަޖިލީހުން މަސައްކަތް ކުރާކަމަށާއި، އަދި މިވަރަށް މި މަސައްކަތް ކުރި އެހެން މަޖިލީހެއް ނެތްކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.
މި މައްސަލަތަކަކީ ހުރިހާ އެންމެން ގުޅިގެން ހައްލު ކުރެވޭނެ ކަމެއްކަމަށާއި، އެހެން ކަމުން ކުޑަކުދިން ރައްކާތެރިކުރުމަށް އެންމެން ގުޅިގެން މަސައްކަތްތައް ކުރަންޖެހޭ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. މަޖިލީހުން ކުރެވުނު މަސައްކަތުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވިފައިވާކަން އިމްތިޔާޒް ފާހަގަކުރެއްވި އެވެ. އެގޮތުން އެކަމާއި ގުޅޭ ގާނޫނުތައްވެސް ފާސްކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.
އިމްތިޔާޒް ވިދާޅުވީ މި ގާނޫނުތަކުގެ ތެރެއިން ކުޑަކުދިންގެ ކަންކަމުގައި ޒިންމާއިން ނެއްޓެވޭނެ ހަމަ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށެވެ.
މީގެ އިތުރުން އިމްތިޔާޒް ވިދާޅުވީ ފޮސްޓާކެއާގެ ނިޒާމަށް ދިއުމަށް މަގުފަހިވާގޮތަށް ޤާނޫނުގައި ލިޔެފައިވާނޭ ކަމަށެވެ. އަދި ކުޑަކުދިންނަށް ރައްކާތެރިކަށް ފޯރުކޮށްދިނުމާއި ގުޅޭ ކަންކަމުގައި ބަޖެޓް ގައި ފަންޑު އިތުރު ކުރަމުން އަންނަކަމަށް ވެސް އިމްތިޔާޒް ވިދާޅުވި އެވެ.